އެއްވެސް ފަނޑިޔާރަކަށް ޖިނާއީ ތުހުމަތެއް ކުރެވިއްޖެ ކަމަށްވާނަމަ އެ ފަނޑިޔާރެއްގެ މައްސަލަ ބަލާ ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގައި މިހާރު ފަނޑިޔާރުންވެސް ޝާމިލުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެފައި ވަނިކޮށް ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނީ އެމީހުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއި މެދު އާއްމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރުގައި ކަމަށެވެ. އެހެން އެކަން އޮތްއިރު މި މަހުގެ 19ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި މިވަގުތު ފަނޑިޔާރު ކަމުގައި ތިއްބެވި ފަރާތްތައް ހިމެނޭ ކަމަށް ޕީޖީ ވިދާޅުވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ޖަމިއްޔާއިން ބުނީ އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭ ކަމަށްވާ ނަމަ ކަމާބެހޭ އިދާރާތަކުން އެކަމެއް ބަލާ ތަހުގީގުކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
ފަނޑިޔާރުންގެ ނަޒާހާތްތެރިކަމާއި މެދު ސުވާލެއް އުފެދިދާނެ އެއްވެސް އަމަލެއް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ފަނޑިޔާރުންނަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ފަނޑިޔާރުންގެ މައްޗަށް ކުރާއިރު މިހާރުގެ މަޖިލިސް މެންބަރުންނާއި މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ވެސް އަންނަނީ ކުރަމުންނެވެ. މިކަމާއި ގުޅިގެން މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް