ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ވަގުތު އިތުރުކޮށްފި

މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް...

23 Oct 2019 | 05:39

މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރުމުގެ ވަގުތު އިތުރު ކޮށްފިއެވެ.

މިގޮތަށް މަޖިލީހަށް ހުށަހެޅީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ. އޭނާގެ ހުށަހެޅުން ވޯޓަށް އެހުމުން 33 މެންބަރުން ވޯޓު ދެއްވީ މި މައްސަލައަށް ބަހުސް ކުރަން ބޭނުންވާ ފަރާތްތަކަށް ބަހުސް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ވަގުތު އިތުރު ކުރުމަށެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކޮށް ފިޔަވަޅު އަޅަންވެސް ވަނީ ގޮވާލައިފައެވެ. މި ކުއްލި މައްސަލަ މިއަދު މަޖިލީހަށް ބަލައިގެންފައި ވަނީ 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ހަވާލުކޮށް ރައްޔިތުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން ދިނީ ދިވެހި ރައްޔިތުންގެ ހަޒާނާއިން ވައްކަން ކުރި މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލްވާ މީހުން ދެނެގަނެ އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުން ކަމަށެވެ.

ދާދިފަހުން ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ އައިޝަތު ބިޝާމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިހާރުވެ މެންބަރުންނާއި މި ސަރުކާރުގެ ވަޒީރުންނާއި އަދި ފަނޑިޔާރުންނަކީވެސް އެމްއެމްޕީއާރްސީ މައްސަލައިގަ ޝާމިލުވާ ފަރާތްތައް ކަމަށެވެ. އަދި އެ ދުވަހުގެ ކޮމެޓީގެ ބައްދަލުވުމުގައި ތިއްބެވި ބައެއް މެންބަރުންނަކީވެސް އެ މައްސަލާގައި ޝާމިލުވާ ފަރާތްތައް ކަމަށް ޕީޖީ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް