މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ނަންތައް ހާމަކޮށް އެ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ކުއްލި މި މައްސަލަ ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. މި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ބަހުސް ފަށާފައިވާއިރު މި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަތީ 42 މެމްބަރުންގެ އިއްތިފާގުންނެވެ.
މެމްބަރު ހަސަން ލަތީފު ހުށަހެޅު މި މައްސަލައިގާ ބުނެފައިވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ވޯޓު ދިނީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރި މީހުން ދެނެގަނެ، އެމީހުންނަށް ފިޔަވަޅު އަޅަން ކަމަށާއި ފައިސާ ދައުލަތުގެ ހަޒާނާއަށް ވައްދައި ރައްޔިތުންނަށް ފައިދާވާން ވޯތުދިން ރައްޔިތުން ބޭނުންވާކަމަށެވެ.
ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތަކުގައި ބައިވެރިވާ މީހުން ހޯދައި ފިޔަވަޅު އެޅުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ކަމުގައިވެސް ކުއްލި މައްސަލައިގާ ބުނެފައިވެއެވެ.
ކުއްލި މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބަހުސް ކުރިއަށްދާއިރު މަޖިލީހުގެ ކޮމިޓިއަކަށް ވަޑައިގެން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ މަންފާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކާއި ޖުޑީޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ހިމެނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް