ރާއްޖެއިން ވަޒީފާ ދޭނެ ކަމަށްބުނެ އޮޅުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު ނޭޕާލަށް ނިސްބަތްވާ ބަޔަކު ސަލާމަތްކޮށް، ހިއުމަން ޓްރެފިކިންގެ އެ އަމަލު ހިންގަން އުޅުނު ގޭންގުގެ ދެމީހަކު އަތުލައިގެންފިއެވެ.
އެގޮތުން އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ނޭޕާލަށް ނިސްބަތްވާ ނުވަ މީހަކު ސަލާމަތް ކޮށްފައިވެއެވެ. އެމީހުން ސަލާމަތްކޮށްފައިވަނީ ބެންގަލޫރުގެ ޗިއްކަޖަލަ ސަރަހައްދުގެ ހޮޓަލެއްގައި ގެންގުޅޭކަމުގެ މައުލޫމާތު އިންޑިއާގެ ސެންޓްރަލް ކްރައިމް ބްރާންޗަށް ލިބިގެން ކަމަށް ބުނެފައިވެއެވެ.
އެ ގޭންގަކީ ނޭޕާލަށް ނިސްބަތްވާ، ހިއުމަން ޓްރެފިކް ކުރާ ގޭންގެއް ކަމަށާއި އެ ގޭންގުގެ އެއް މެމްބަރަކު ކަމުގައިވާ އުމުރުން 40 އަހަރުގެ ބާބޫ ގިރީ ނަމަކަށްކިޔާ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި އެ ގޭންގަށް ނިސްބަތްވާ ޝަމްބޫ ގިރީ ނަމަކަށް ކިޔާ މީހަކާއި އާރު.ޕީ ޝަރުމާ ނަމަކަށް ކިޔާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިންޑިއާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
އިތުރަށް ބުނެފައިވާގޮތުގައި އެ އަންހެނުންތައް ރާއްޖެ އެތެރެކުރަން އެ ގޭންގުން މަސައްކަތްކޮށްފައިވަނީ ރާއްޖެއިން ވަޒީފާ ދޭނެކަމަށް ބުނެއެވެ. ނަމަވެސް އެއީ އޮޅުވާލުމެއްކަން އެނގިފައިވާކަމަށާއި މި ކަން ތަހުގީގު ކުރަމުން އަންނަ ކަމުގައި އިންޑިއާގެ ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް