މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ބަންދުކުރި ސަރަހައްދުން، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ގެތަކަށް ވަނުމަށް ހުޅުވާލައިފިއެވެ.
ފުލުހުން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ބައެއް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލައިފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބޮޑުބައެއް ބަނދުކޮށްފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިން ނަމަވސް އަދިވެސް އެސަރަހައްދުގެ ބައެއް ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ. ފުލުހުން ވިދާޅުވިގޮތުގައި، އަދިވެސް ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން އެ ސަރަހައްދު އެކީ އާންމުންނަށް ހުޅުވައިލެވެން އަދި ނެތް ކަމުގައެވެ.
ފުލުހުން ވަނީ ޗާޓެއް މެދުވެރިކޮށް މީހުންނަށް ވަދެވޭނެ ސަރަހައްދު އާންމުކޮށްފައެވެ.
https://twitter.com/PoliceMv/status/1175855957311516672
އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ގިނަ ގެތަކުން ވަނީ މީހުން ހުސްކޮށްފައެވެ. އެހާދިސާއާ ގުޅިގެން މީހުން ހުސްކުރި ގެތަކުގެތެރެއިން ޕްލިމިނަރީ އެސެސްމަންޓަށްފަހު މީހުން ވެއްދޭނެ ގެތަކަށް މީހުން ވެއްދުމަށް މަސައްކަތްކުރަމުން ދާކަން، އަލިފާނުގެ ހާދިސާއާއި ގުޅިގެން އެކުލަވާލި ޓާސްކް ފޯސްއިން އިއްޔެ ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި ހަތް ގެއަކާއި ހަތަރު ގުދަނެއް ވަނީ އަނދާ ހުލިވެފައެވެ. މިހާދިސާގައި ގާތްގަނޑަކަށް 562 މީހުން ހާލުގައި ޖެހުނުއިރު، ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަކަށް ވަގުތީ ހިޔާ ފޯރުކޮށްދީފައިވާނެ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.
މިހާދިސާގައި ކެމިކަލް ގުދަން ކުރިމަތިން ހުރި ރަދުވާނިއާ ގޭގެ ތިން ވަނަ ފްލޯގައި ދިރިއުޅުނު ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ، 46، ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް