މަސްތުވާތަކެތީގެ ސަބަބުން މުޖުތަމައު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާގައި ހުސްކަމެއް އުފެދިފައިވާކަމަށް ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ބޫސްޓަރ ޓްރެއިންގ ޕްރޮގްރާމު ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ސަބަބުން މުޖުތަމައު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާގައި ހުސްކަމެއް އުފެދިގައިވާ ކަމަށާއި، މި ހުސްކަން ފިލައިގެން ދާނީ މި ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ބޭނުންވާ ރިހެބިލިޓޭޝަން ފަރުވާ ދެވި، އަލުން މުޖުތަމައަށް ނެރެވިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ސަބަބުން ޒުވާނުންގެ ސިއްޙަތަށް އޭގެ ނޭދެވޭ އެތައް އަސަރެއް ފޯރާ ކަމަށާއި، އެގޮތުން ޖިސްމާނީ ހެދިބޮޑުވުމާއި، ނަފްސާނީ އަދި އިޖުތިމާއި ދުޅަހެޔޮ ކަމަށް ވެސް އޭގެ އަސަރު ފޯރާ ކަމުގައެވެ. ކަންކަމުގައި ވިސްނާ ފިކުރު ކުރުމާއި، ކަންކަން ނިންމުމުގައި ޒުވާނުން އަމަލުކުރާ ހަލުވި މިނަށް ވެސް ބަދަލު އައިސް، އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ވަބާ އަކީ އިޖްތިމާއީ މައްސަލަތަކާއި ކުށްތައް އިތުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ސަބަބެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ރިހެބިލިޓޭޝަން ފަރުވާއަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ހުޅުވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މިމަހުގެ 23 ން 27 އަށް ކުރިއަށްދާ މި ޕްރޮގްރާމް މިއަދު ފަށާފައި ވަނީ ޗަމްޕާ ސެންޓްރަލް ހޮޓަލުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ޝިދާތާގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޢާއިޝަތު ރަޝީދާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ޗީފް އެކްޒެކެޓިވް އޮފިސަރ، ހަސަން ޝަހީލް ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް