އެރެއަށްފަހު- ދިހަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ލޯންޗު ގުޅި ބަނދަރުގައި ޖެއްސުމާއި އެކީ އެންމެން ފައިބަން ފަށައިފިއެވެ. ޝައިލާ އާއި ސުމާ އިނީ އެންމެ ފަހުން ފައިބާށެވެ. ހުރިހާ އެންމެން ފައިބާ ނިމުމުން ސުމާ އާއި ޝައިލާ ވެސް ލޯން...

23 Sep 2019 | 05:00

ކުރީގެ އަދަދާ ގުޅޭ...

ލޯންޗު ގުޅި ބަނދަރުގައި ޖެއްސުމާއި އެކީ އެންމެން ފައިބަން ފަށައިފިއެވެ. ޝައިލާ އާއި ސުމާ އިނީ އެންމެ ފަހުން ފައިބާށެވެ. ހުރިހާ އެންމެން ފައިބާ ނިމުމުން ސުމާ އާއި ޝައިލާ ވެސް ލޯންޗުން ފުންމައިލިއެވެ. އެމީހުން ބަލާ އައިސް އޮތް ޕިކަޕަށް އެރުމަށް އެންމެންވެސް އަވަސްވެގަތެވެ. މިފަހަރު ޕިކަޕަށް ޝައިލާ ތަންކޮޅެއް ކުރިން އަރައި ހަމަޖެހިލިއެވެ. އެންމެން ހީހީފައި ސަކަރާތް ޖަހަމުން ދިޔައިރު އެކަހެރިވެފައި އިނީ އޭނާ އެކަންޏެވެ. ސުމާ ނޫނީ ދަންނަ އެކަކުވެސް މި ދަތުރުގައި ބައިވެރިނުވާތީ ޝައިލާ އިނީ ފޫހިވެފައެވެ. ސުމާ ދާ ކޮންމެ ތަނަކަށް މިހާރު ދަނީ ޝައިލާ ގަދަކަމުން ވިޔަސް ގޮވައިގެންނެވެ. އެ ގަވާއިދު ހެދީ ޝާއިރާއެވެ. އެހެންކަމުން ނޫނެކޭ ބުނެވޭކަށްވެސް ނެތެވެ.

ޕިކަޕަށް އެންމެން އަރައި ހަމަޖެހުމުން ޕިކަޕު ނައްޓައިލީ އެރަށު ތުނޑިއަށެވެ. އެންމެ ކުރީ ކަނުގައި ޝައިލާ އިންއިރު، މިފަހަރު ނަޒާން އިނީ ތަންކޮޅެއް ދުރުގައެވެ. އަވިއައިނު އަޅައިގެން އިން ނަމަވެސް އޭނާގެ ނަޒަރު ވަނީ އަވީގެ ސަބަބުން ލޯ ކުޑަކޮށްގެން އިން ޝައިލާގެ މޫނަށް ހުއްޓިފައެވެ. ހީވާގޮތުން މިޖަހާ ސަކަރާތުގެ އެއްވެސް އުފަލެއް އޭނާއަށް ވެސް ނުލިބޭ ކަހަލައެވެ. އެންމެން އަޑުގަދަކޮށްލާފައި ވާހަކަދައްކައި ހެމުންދިޔައިރު، އަނގައިންވެސް ނުބުނެ ތިބީ ޝައިލާ އަދި ނަޒާނެވެ.

ތުނޑިއާއި ހިސާބުގައި ޕިކަޕު މަޑުކޮށްލުމުން، ޕިކަޕުން ފައިބައިގެން އެންމެން މޫދުކައިރިއަށް ދާން ހިނގައިގަތެވެ. އޭރު ހުރިހާ މަންމެން ކެއްކުމަށް އެއްޗެހި ކޮށައި ތައްޔާރުވަމުން ދިޔައެވެ. ބައްޕަމެން އުޅުނީ އަލިފާންގަނޑެއް ރޯކޮށްގެންނެވެ. ޒުވާން ފިރިހެން ގުރޫޕުވެސް ކައިރިއަށް އައިސް އަލިފާންގަނޑާ ކުޅެން އުޅުނެވެ. އަންހެން ގުރޫޕް މޫދު ކައިރިއަށް ގޮސް ގޮތްގޮތަށް ފޮޓޯ ނަގަން ފެށިއެވެ.

"މީ އަންހެން ވެރިން މޫދަށް އަންނަ ސަބަބަކީ... އައި ގޮތަށް ފޮޓޯ ނެގުމުގަ..." ދުރުގައި ފޮޓޯ ނަގަން އުޅުނު އަންހެން ކުދިންތައް ދައްކައިލުމަށްފަހު ޖައިލަމް ބުނެލިއެވެ. ނަހުޒާން ބޯ ޖަހައިލުމަށްފަހު ބަލައިލީ ދުރުގައި ފޮޓޯއަކަށް ހުއްޓިލައިގެން ހުރި ނުހާ އަށެވެ.

މޫދު ކައިރީ ފޮޓޯ ނަގަން ހުރި ސުމާ ކުއްލިއަކަށް ޝައިލާ މަތިން ހަނދާންވެގެން ކޮޅު ކޮޅަށް އެނބުރެން ފެށިއެވެ. ތަންކޮޅެއް ދުރުގައި، ވެލިގަނޑުމަތީ އިށީންދެލައިގެން ޝައިލާ އިނީ މޫދަށް ގެއްލިފައެވެ. ޝައިލާގެ ތަންކޮޅެއް ފަހަތުގައި ހުރި ނިކަގަހެއް ކައިރީ ނަޒާން ހުއްޓިލައިގެން ހުރީ ޝައިލާ އަށް ބަލަހައްޓައިގެންނެވެ. ހީވާގޮތުން ފަހަތުގައި ހުރި ނަޒާން އޭނާއަށް ނުފެންނަ ކަހަލައެވެ.

"ޝައިލާ ކީއްވެ މިތާ އެކަނި ތިއިނީ؟ އާދެބަލަ އެކޮޅަށް... ލެޓްސް ހޭވް ސަމް ފަން" ސުމާ އައިސް ޝައިލާގެ އަތުގައި ހިފައިގެން ކޮޅަށް ނެގޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޝައިލާ ހަމަ އެއިންގޮތަށް އިނީއެވެ.

"ސުމް އަށް އިނގޭތަ އައި ލަވް ސޯލްޓް އެންޑް ސީ" މޫދަށް ބަލަން އިނދެ ޝައިލާ ވާހަކަ ދެއްކިއެވެ.

"އިނގެޔޭ... އެހެންވެއޭ މިބުނީ ހިނގާށޭ އެކޮޅަށް" ޝައިލާ ކައިރީ އިށީންނަމުން ސުމާ ބުނެލިއެވެ.

"އެކަމަކު މިހާރު ވަރަށް ބިރުގަނޭ" އެއްވެސް އަސަރެއް ނެތި ޝައިލާ ބުނެލިއެވެ.

"ހިނގާބަލަ ބިރުކެނޑޭނެ... ސުމް ހުންނާނަން ޝައި ކައިރީ... މިހުރިހާ އެންމެން އުޅޭނެ... ހިނގާބަލަ ޝައި... މިކަހަލަ ތަނަކަށް އައިސް އެންޖޯއީ ކުރަން އުޅުނީމަ ވާނީ... ޔޫ ހޭވް ޓު ޓްރައި ޓު ޗޭންޖް ޔޫ" ޝައިލާގެ އަތުގައި ހިފައިލަމުން ސުމާ ބުނެލިއެވެ. ޝައިލާ ހަމަ އެއިންގޮތަށް އިނީ އެވެ.

"ޝައި ހީކުރީ މަންމަ އެވަރަކުން އަހަރެން ދާ ހުރިހާ ތަނަކަށް ޝައި ފޮނުވަނީ އަހަރެން އެކަނި ދިޔަ ނުދޭން ކަމަށްތަ؟ ޝައި ފޮނުވަނީ އަބަދު ޝައި ގޭގަ ނުބައިންދަން... ޝައި އެކަނިވިޔަ ނުދޭން... މަގޭ އިންޓާންޝިޕް ދޫކޮށްލާފަ މިއައީ ޝައި ކައިރީގަ ހުންނަން... އެންޑް ދިސް އިޒް ހައު ޔޫ ބިހޭވް؟ ޕްލީޒް ޝައި މޫވް އޮން ކުރަން ހިނގާބަލަ..." ޝައިލާގެ މޫނަށް ބަލަން އިނދެ އަނެއްކާވެސް ސުމާ ވާހަކަ ދެއްކިއެވެ. ސުމާ ބަލައިލިއިރު ޝައިލާގެ ލޮލުން ކަރުނަ އަންނަނީއެވެ.

"ޕްލީޒް ޝައި ހިނގާބަލަ... ލެޓްސް އެންޖޯއީ... ވެއާ އިޒް އެއްކަލަ ބޯއީ... ހިނގާ އޭނަ އާ ފްރެންޑް ވާން ދޯ؟" ދެފަރާތް ބަލައިލަމުން ސުމާ ބުނެލިއެވެ. ޝައިލާގެ މޫނުމަތިން އަސަރެއް ފެނުނީ ސުމާ މިހެން ބުނުމުންނެވެ. ނަޒާންގެ ވާހަކަ ބުނުމުން ހިތް ތެޅެން ފެށީއެވެ. އޮބިނޯންނަ ވަރަށެވެ.

"ސުމް ދޭބަލަ ޝައި ދާނަމޭ" އެންމެ ފަހުން ޝައިލާ ބުނެލިއެވެ. އޭނާ ބޭނުންވަނީ އެކަނިވެލާށެވެ. މި ގުދުރަތީ ރީތި މަންޒަރު އެކަނި އިނދެ ބަލައިލާށެވެ. ޝައިލާ ބުނި ބަސްއަހައިގެން ސުމާ ދާން ހިނގައިގަތެވެ. އެވަގުތު ފަހަތުގައި އެމީހުންގެ ވާހަކަ އިވޭ ނީވޭ ހިސާބުގައި ހުރި ނަޒާން އޭނާގެ ލޮލުގައި އަޅައިގަތެވެ. ކުޑަކޮށް މަޑުޖެހިލުމަށްހު ނަޒާންގެ މޫނަށް ވަރަށް ފުންކޮށް ބަލައިލުމަށްފަހު ސުމާ އެތަނުން ދާން ހިނގައިގަތެވެ. ހީވާގޮތުން އޭނާ ބޭނުންވަނީ ނަޒާން، ޝައިލާ އާއި އެކުވެރިކަން ބޭއްވުމެވެ. މިހާރު ޝައިލާގެ ތިބިހާވެސް ބަޔަކީ އާއިލާގެ މީހުންނެވެ. ގެންގުޅުނުހާ ރައްޓެހިންތައް ގެއްލުނީ ނޭންގިހުއްޓައެވެ. ޝައިލާގެ ހަޔާތަށް ކުއްލިއަކަށް އައި ތޫފާނުގައި ހުރިހާ ރައްޓެހިންނާއި ގުޅުން ކެނޑި، އެމީހުންނަށްވެސް ޝައިލާ ހަގީގަތުގައި ގެއްލުނީއެވެ. ހޯދަން އުޅެ އުޅެ ނުފެނުނީއެވެ. އެންމެފަހުން އެމީހުން ޝައިލާ މަތިން ހަނދާންނެތުނީއެވެ. ފަހުން ރާއްޖެ އައިސް އެމީހުން ހޯދަން ޝައިލާ ވެސް ނޫޅުނީއެވެ. އެގޮތް ބޭނުންވެސް ނުވަނީއެވެ. ޝައިލާ މިހާރު ރައްޓެހިންނެއް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ އެކަނި އުޅޭށެވެ. އެކަނިވެރިކަމަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ.

އެމީހުން ދެއްކި ހުރިހާ ވާހަކައެއް ނަޒާންގެ ކަންފަތަށް އިވުނެވެ. ވައި ބާރުވުމުގެ ސަބަބުން ބައެއް ވާހަކަތައް ކަންފަތުގައި ނުޖެހި ދިޔައެވެ. ނަމަވެސް ގިނަ ވާހަކަތައް ނަޒާނަށް އިވުނެވެ. ޝައިލާގެ އަސްލު ނަން ވެސް ނަޒާންގެ ކަންފަތުގައި ޖެހުނެވެ. އެނަން އިވުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟

***

ގަޑިން 11 ޖެހިފަހުން ސަމާހް ނިދާ ހޭލައިގެން ފުރަތަމަ ވެސް ދިޔައީ ޝައިލާ ކޮބައިތޯ ބަލައިލާށެވެ. ނިދާ ހޭލެވުމާއި އެކީ އެންމެ ފުރަތަމަ ވެސް އޭނާ ކުރާ ކަމަކީ އެއީއެވެ. އަވަސް އަވަހަށް ޝައިލާގެ ހާލު ބެލުމަކީ އޭނާގެ މިހާރުގެ އާދައެކެވެ.

ޝައިލާގެ ކޮޓަރި ހުޅުވައި ބެލިއިރަކު ފެންނާކަށް ނެތެވެ. ފާހާނާ އާއި މުޅި ގެ ބެލިއިރުވެސް ފެންނަން ނެތުމުން ސަމާހްގެ ނިތްކުރިން ދާހިއްލަން ފެށިއެވެ. ނުބުނެ ދިޔައީ ކޮންތާކަށްތޯ ހިތުގައި ސުވާލު އުފެދެން ފެށުނެވެ. ޝައިލާ އަށް ގުޅަން ފޯނު ނެގި ވަގުތު ޝާއިރާ އައިސް ގެއަށް ވަނެވެ.

"ކޮބާ ޝައި؟" އަވަސް އަވަހަށް ސަމާހު އަހައިލިއެވެ.

"ޝައި ހިނގައްޖެ ގުޅިއަށް... ސުމާގެ ރައްޓެހި ކުދިބަޔަކާ އެކީ ޕިކްނިކް" ޝާއިރާ ބުނެލިއެވެ.

"ދާހިތުންތަ ދިޔައީ؟" ފުން ނޭވާއެއް ދޫކޮށްލަމުން ސަމާހު އަހައިލިއެވެ. ޝާއިރާ ބޯހޫރައިލިއެވެ.

"ނޫން ޝައިއްތަ ވެސް ސުމާ ވެސް ވަރަށް އާދޭސްކޮށްގެން ދިޔައީ... ދެން ނޭންގެ ގޮސް ހަދާނެ އެއްޗެއް... މިހާރު ދެން މޫދު ދެކެ ވެސް ބިރުގަނޭ ދޯ" ސޯފާގައި އިށީންނަމުން ޝާއިރާ ބުނެލިއެވެ. ޓީވީ ހުޅުވައިގެން އިން ޒާނާ ވެސް އިނީ އެމީހުންގެ ވާހަކައަށް ގެއްލިފައެވެ.

"ބޭސް ނުކައި ދިޔައީ" ނިތްކުރީގައި އަތް ހާކައިލަމުން ސަމާހު ބުނެލިއެވެ.

"ޝައިއްތަ ބޭސް ކާށޭ ކިޔާފަ މޭޒުމަތީގަ ބަހައްޓާފަ ނިކުތީ ހެނދުނު" ޝާއިރާގެ މޫނުމަތިން ވެސް ކަންބޮޑުވުމުގެ އަސަރު ފާޅުވާން ފަށައިފިއެވެ. ސައިޑް ޓޭބަލް މަތީގައި ހުރި ބޭސްގުޅަތައް ސަމާހަށް ވަނީ ފެނިފައެވެ. އެހެން ކަމުން ޝައިލާ ދިޔައީ ބޭސް ނުކައި ކަން ޔަގީނެވެ.

"އެންމެ ވަގުތަކު ބޭސް ނުކެޔަސް އޭނަ ސަކަރާތްވޭ..." ފޯނު ނަގައި ޝައިލާ އަށް ގުޅައިލަމުން ސަމާހް ބުނެލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ.

***

ޝައިލާ ކައިރިއަށް ދާން ނެގި ފުރަތަމަ ފިޔަވަޅު ހުއްޓުނީ ޝައިލާ ފޯނު ނަގައި ކަންފަތުގައި ޖެހުމުންނެވެ.

"ޝައި ހަނދާން ނެތުނީ" ޝައިލާ ބުނެލިއެވެ.

"ސޮރީ ޝައި އުޅޭނީ ބަލައިގެންނޭ... މޫދަކަށް ވެސް ނޭރޭނަން އޯކޭ އެއްނު" އަނެއްކާވެސް ޝައިލާ ބުނެލިއެވެ.

"އަޅެ ހަނދާން ނެތުނީއޭ... ޝައި ބަލައިގެންނޭ އުޅޭނީ... މާބޮޑަށް ތި ހާސްވަނީ..." އެއްއަތުން ވެލިގަނޑާއި ކުޅެލަމުން ޝައިލާ ބުނެލިއެވެ.

"އައި ނޯ ޔޫ ލަވް މީ ވެރީ މަޗް... އެހެންވެ ވެސް ޝައި ވަރަށް ބަލައިގެން އުޅޭނީ.. ޕްރޮމިސް" ޝައިލާ އެންމެ ފަހުން ބުނި ޖުމްލައިން ނަޒާންގެ ހިތް ހީވީ ހުއްޓުނުހެންނެވެ. ގޮތް ނޭންގޭ ތޫފާނެއް ހިތުތެރޭގައި އުފެދެންފެށުމުން ޝައިލާ ކައިރިއަށް ދާން ކުރި ހިޔާލު ބަދަލުވެ، ހުރިތަނުގައި މަޑުކޮށްލައިގެން ހުރީއެވެ.

"ޒާން ކޮންތާކަށްތަ ދިޔައީ؟" ނަޒާން ފެންނަން ނެތުމުން ނުހާ އަހައިލީ ޖައިޝާ ކައިރީއެވެ. ކައިރީ ސޮސެޖެއް ކާން ހުރި ނަހުޒާން އެއަޑަށް ބަލައިލިއެވެ.

"އެއީ ވަކިވެގެން އުޅޭ މީހެއްނު... އޭނާ ނުހޯދާ މިތަނުން ސޮސެޖެއް ކާލަބަލަ" ބާބަކިއު ގްރިލް މަތިން ހޫނާ ހުއްޓައި ސޮސެޖެއް ނަގައި ދިއްކޮށްލަމުން ނަހުޒާން ބުނެލިއެވެ.

"ތިހާ ހޫނުކޮށް ނުކެވޭނެ" މިހެން ބުނުމަށްފަހު ނުހާ އެތަނުން ދާން ހިނގައިގަތެވެ. ނަޒާން ހޯދަމުން ދިޔަ ނުހާ އޭނާގެ ފޯނަށް ގުޅައިލިއެވެ.

މޫދަށް ބަލަހައްޓައިގެން އިން ޝައިލާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ވަރަށް ކައިރިން ފޯނެއް ރިންގުވާ އަޑަށެވެ. ފަހަތް ބަލައިލިއިރު، ނަޒާން ފެނުމުން ޝައިލާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެއަތުން ވެލިގަނޑުގެ ތެރެއަށް އަތް ވައްދައިލުމަށްފަހު އަނެއްކާވެސް މޫދަށް ނަޒަރު ހިންގައިލިއެވެ. ފަހަތުން އަޑެއް ނީވުމުން ނަޒާން ފޯނު ނުގަނީ ކަމަށް ހިތައި އަނެއްކާވެސް ފަހަތް ބަލައިލިއެވެ. އޭރު ހަމަ އެތަނުގައި އެހުރިގޮތަށް ނަޒާން ހުއްޓެވެ. އެވަގުތު ނަޒާން އޭނާ އާއި ދިމާލަށް ހިނގައިގަތުމުން މުޅި ހަށިގަނޑުން ތުރުތުރު އަޅަންފެށިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް