މިހާރު ކުރިޔަށްދާ ރިޔާސި އިންތިހާބުގެ ވޯތުލުން މިއަދު ހެނދުނު 8:00 ގައި ފެށިގެން ކުރިޔަށް ދަނީ ރަނގަޅަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފި އެވެ.
އެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 97 ޕަސަންޓު މަރުކަޒުތަކުގައި ވޯޓުލުން 8:30 ގައި ފަށާފައިވާ ކަމަށެވެ. އަދި 66 ޕަސަންޓު މަރުކަޒުތަކުގައި ވޯޓުލުން ފަށަން ކަނޑައަޅާފައިވާ ވަގުތަށް ވުރެ 10 މިނިޓު ފަސްވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޓްރާންސްޕޭރަންސީން ބުނި ގޮތުގައި 97 ޕަސަންޓު ވޯޓުލާ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެ އެވެ. އަދި ވޯޓުލާ ފޮށިތަކުގެ 99 ޕަސަންޓު ފޮށިތައް ތައްޔާރުކޮށްފައި ވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށާއި އެކަން އެހާ ސާފުނުވަނީ އެއް ޕަސަންޓު ފޮށީގައި ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެ ޖަމިއްޔާ އިން ބުނީ އެ ފޮށިތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
ޓްރާންސްޕޭރަންސީން ގެންދަނީ މާލެ އާއި ބައެއް ރަށްރަށުގެ އިތުރުން ބައެއް ރިސޯޓުތަކާއި ސިނާއީ ސަރަހައްދުތަކާއި ސްރީ ލަންކާގައި ވެސް އޮބްޒާވަރުން ބޭނުންކޮށްގެން އިންތިހާބު ކުރިއަށް ދާ ގޮތް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް