ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސާބިތުނުހިފޭ ދޮގު ވާހަކަ ނުފެތުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
މިކަމަށް އިލްތިމާސްކޮށްފައިވަނީ އެ ކޮމިޝަނުން މިރޭ ނެރުނު ސާކިއުލާއެއްގައެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ މިއަދުގެ ހަވީރު 0600 ގެ ނިޔަލަށް ރިޔާސީ އިންތިޚާބުގެ ކެންޕެއިންކުރުމަށް ޤާނޫނީ ގޮތުން ލިބިފައިވާ މުއްދަތު ހަމަވެފައިވުމާއެކު ވެސް، މިރޭގެ ވަގުތުތަކުގައި ބައެއް ބްރޯޑްކާސްޓަރުން އިންތިޚާބާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ފަތުރަމުން ދާކަމަށް ވަނީ ފާހަގަކުރެވިފައި ކަމަށާއި މި ކަމަކީ ޤާނޫނުތަކުން މަނާކޮށްފައިވާ ކަމެއްކަމުން މި ފަދަ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.
"މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުވުމަށާއި، ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ." ބްރޯޑްކޮމްގެ ސާކިއުލާގައި ބުނެފައިވެއެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ ޤާނޫނާއި ގަވާއިދާ ތަޢާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް