ގުޅިފަޅުން ފުލެޓް ގަތުމަށް ފައިސާ ދައްކަން ފަށާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑުން ދިން ފްލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ފުލެޓް ދިނުމަށްޓަކައި ދެ ގޮތެއް ހިޔާރުކުރުމުގެ ފުރުސަތު ދީ، ބަދަލު ހޯދުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ސޮއިކުރަން ހައުސިން މިނިސްޓްރީން މިއަދު އަންގައިފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިިޑްގެ ފްލެޓަށް ހޮވުނު ނަމަވެސް އެތަނަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ބަދަލުގެ ގޮތުގެ ދެ ގޮތެއް ހުށަހަޅާފައި ވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ މަޝްރޫއުގެ 6720 ފުލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފުލެޓެއް ހޯދުން ނުވަތަ މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 1700 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓެއް ހޯދުމެވެ.
ހައުސިން މިނިސްޓްރީން ވަނީ އެ ދެ ގޮތުން ކުރެ ގޮތެއް އިހުތިޔާރުކުރުމުގެ ލިޔުމުގައި ސޮއި ނުކުރާ މީހުން އަންނަ ބުރާސްފަތި ދުވަހުގެ 1:00 ކުރިން އެ މިނިސްޓްރީއަށް ހާޒިރުވެ ސޮއިކުރުމަށް އެދިފަ އެވެ. ލިޔުމުގައި ސޮއިކުރުމުގެ ފުރުސަތު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ކުން 1:00 ހަމަޖެހިފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.
އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ބިންގާ މާޗު 10، 2020 ގައި ވަނީ އަޅައިފަ އެވެ. މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ފްލެޓުތައް އިމާރަތްކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ މަސައްކަތަށް 133،237،000 ޑޮލަރު ހަރަދުވާއިރު، ދެ އަހަރުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން އޭރު ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް