ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ދެ ނަންފުޅުވެސް ބަލައިގަނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ބޭނުންވާ އިތުރު ފަރާތްތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ނިންމުންތައް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 55 ވަނަ ބައްދަލުވުމުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ލަފަޔަކަށް އެދި ޖޭއެސްސީއަށް ރައީސް ފޮނުއްވި ދެ ނަންފުޅަކީ ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދުގެ ނަންފުޅެވެ.
ޖޭއެސްސީން މިއަދު ނިންމާފައިވަނީ ފަނޑިޔާރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 25 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން އެބޭފުޅުންގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ބޭނުންވާ ލިޔެކިޔުންތަކާއެކު ސިޓީއަކުން އެދި ކޮމިޝަނަށް ހުށަހެޅުމަށް ދަންނަވައި އިޢުލާން ކުރުމަށެވެ. އަދި ރައީސް ފޮނުއްވި ދެ ނަންފުޅުވެސް ބަލައިގަތުމަށެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި، ސުޕްރީމްކޯޓަށް ދެ ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް ކުރުމަށް ކޮމިޝަނުގެ ހުރިހާ މެންބަރުން ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލެއްވުމަށްވެސް ނިންމެވިއެވެ. ކޮމިޝަންގެ އަމާޒަކީ ހޯމަދުވަހުގެ ނިޔަލަށް މި މަސައްކަތް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުގައި ބުނެފައިވާފަދައިން ނަންފުޅުތައް ފޮނުވައިދެއްވުން ކަމުގައި ޖޭއެސްސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް