ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅުވައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން އިންތިޒާމްކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވުމަށް އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ޝައުގުވެރިކަން ފާޅުކުރެއްވުމަށްފަހު އެ ޝައުގު އަނބުރާ ގެންދަވައިފިއެވެ.
އެ ޝައުގު އަނބުރާ ގެންދެވިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ އެވެ.
މާރިޔާ ވިދާޅުވީ ބަހުސްގައި ބައިވެރިވުމުގެ ޝައުގު އިބޫ ގެންގުޅުއްވި ނަމަވެސް ދައުވަތު އެއްވެސް އިރެއްގައި އިބޫ ގަބޫލުފުޅު ނުކުރައްވާކަމަށެވެ. އަދި އެ ބަހުސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން އިބޫ އަނބުރާ ގެންދެވި ނަމަވެސް ރާއްޖެ ޓީވީން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ދައުވަތު އިބޫ ގަބޫލުފުޅުކުރައްވާފައިވާކަމުގައިވެސް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ވަކި ތަނަކަށް އާނބަސް ވިދާޅުވެފައި ދެން ހުންނަ ތަންތަނަށް ނޫނެކޭ ވިދާޅުވާ ކަމަށް ވަންޏާ، ބަހުސްގައި ބައިވެރިވާން ނުފެންނަ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނުފެނޭ އެއީ މިނިވަން ބަހުސެއްހެން އެކަން ހިނގައިދާނެ ހެން. ނުވަތަ ޑިބޭޓް ވެސް އޭގެ ޒާތުގައި އޮންނަން ޖެހޭ ގޮތަށް ގޮސްދާނެ ކަމަށް. އެހެން ކަމާ އެކީގައި މި ދަންނަވަނީ އަޅުގަނޑުމެންނަށް ޝައުގުވެރިކަމެއް ނެތޭ އެމްއެންޔޫގައި އެ އޮންނަ ޑިބޭޓުގައި ބައިވެރިވާން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ބަހުސްގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރީ އެއީ ހެޔޮނިޔަތެއްގައި ކުރަން އުޅުނު ކަމެއް ކަމަށް ދެކިވަޑައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް