އެއްކޮޅުން ދައްކަނީ އިންސާފުގެ ވާހަކަ، އަނެއްކޮޅުން ދައްކަނީ ތަރައްޤީގެ ވާހަކަ

ކުރިޔަށް އޮތީ މިއަހަރުގެ ރިޔާސީ އިންތިޚާބެވެ. ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރައްޔިތުންނަށް ނިންމުން ނިންމަން ލިބޭ ފުރުސަތެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހަމަޖެހިފައިވަނީ ޕީ...

23 Aug 2018 | 05:17

ކުރިޔަށް އޮތީ މިއަހަރުގެ ރިޔާސީ އިންތިޚާބެވެ. ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރައްޔިތުންނަށް ނިންމުން ނިންމަން ލިބޭ ފުރުސަތެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހަމަޖެހިފައިވަނީ ޕީޕީއެމްގެ ފަރާތުން ،މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. އިދިކޮޅުން ނިކުންނަވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން އިބްރާހިމް މުހައްމަދު ޞާލިހު(އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމެވެ. އާ ޤާނޫނު އަސާސީގެ ދަށުން ގިނަ ޕާޓީތަކެއް އެކުލެވޭ ގޮތުން ރާއްޖޭގައި ބާއްވާ ތިން ވަނަ ރިޔާސީ އިންތިޚާބަށް މިއިންތިޚާބު ވެގެންދާއިރު، މިއިންތިޚާބަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ އިންތިޚާބެ ކެވެ.

ފުރަތަމަ ކަމަކަށް މިއިންތާޚާބަކީ، އިންތިޚާބުގެ ފުރަތަމަ ބުރަށް ކޯލިޝަނުން ކެންޑިޑޭޓަކު ނެރޭ ފުރަތަމަ އިންތިޚާބެވެ. މިއީ މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި ކަންހިނގާފައިވާގޮތެއް ނޫނެވެ. އަބަދުވެސް ފުރަތަމަ ބުރަށް ނިކުމެފައި ހުރީ ވަކި ވަކި ސިޔާސީ ފިކުރު ތަކެވެ. ކޯލިޝަން ހަދަނީ ދެވަނަ ބުރަށް ދާ ކެންޑިޑޭޓަކާއި އެކެންޑިޑޭޓަކާއެކު މަސައްކަތްކުރާ ބަޔަކާ އެކުއެވެ. ނަމަވެސް މިއިންތިޚާބުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ހަތަރު ސިޔާސީ ފިކުރެއް، އެތައް ގޮންޖެހުންތަކަށް ފަހު އެއް ގަލަކަށް އަރާ ކޯލިޝަނުން އެއްބަސްވާ ރިޔާސީ ކެންޑިޑޭޓަކާއި ރަނިންމޭޓަކު މިވަނީ ނެރިފައެވެ. އަނެއް ކޮޅުން ނިކުންނަނީ މިހާރުވެސް ވެރިކަން ކުރަމުންދާ ޕީޕީއެމް އެވެ.

އިންތިޚާބުގައި ވާދަކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ތިން ނަމުގެ ތެރެއިން އިލެކްޝަން ކޮމިޝަނުން ކެންޑިޑެންސީ ޤަބޫލުކުރީ ދެ ކެންޑިޑޭޓެއްގެއެވެ. އެހެންކަމުން މިއިން ތިޚާބުގައި ވާދަކުރަނީވެސް ދެ ކެންޑިޑޭޓުން ނެވެ. މިއީ މި އިންތިޚާބުން ފާހަގަވާ ދެ ވަނަ ކަމެވެ. އާ ޤާނޫނު އަސާސީގެ ދަށުން ބޭއްވޭ ތިން ވަނަ ރިޔާސީ އިންތިޚާބު ވެގެންދާނީ ފުރަތަމަ ބުރުން އިންތިޚާބު ނިމިގެންދާނެ އިންތިޚާބަކަށެވެ. މިއިންތިޚާބުގައި ފުރަތަމަ ބުރުން ރައްޔިތުންގެ ތާޢީދު 50 އިންސައްތައަށް ވުރެ މަތިން ހޯއްދަވާ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރެއްވުނީ އެވެ.

އެހެންކަމުން މިހާރު ފޯރިއާއެކު ކުރިޔަށްދަނީ ދެ ފަރާތުގެ ކެމްޕޭންކުރުމެވެ. ކޮންމެ ބަޔަކުވެސް އެބަޔެއްގެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުން ދަނީ އެވެ. ކެމްޕޭނަށް ބަލާލާއިރު އެހެން އިންތިޚާބުތަކުގައި މައިގަނޑުކޮށް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފުށުން ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތައްތަކުގެ ވާހަކަތައް އަޑުއިވޭއިރު މިއިންތިޚާބުގެ ކެމްޕޭނުން އެއާ ތަފާތު ކަމެއް ފާހަގަ ކުރެވެއެވެ. ރައްޔިތުންނަށް ކޮށްދޭނެ ކަންކަމާއި ، ތަރައްޤީގެ މަޝްރޫޢުތަކާއެކު ރައްޔިތުންނަށް އިންސާފު ހޯދައިދީ ، ކޮރަޕްޝަނާއި ވައްކަމާއި ނާއިންސާފުން ހިނގާ ކަންކަން ހުއްޓުވާނެކަމުގެ އަޑުތައްވެސް ވަނީ ކެމްޕޭންގައި ގަދަ ވެފައެވެ. އެހެން ފަހަރުތަކުގެ ކެމްޕޭނުން މިއަޑު ނީވޭ ވަރަށް މިއިންތިޚާބުގެ ކެމްޕޭނުން މިއަޑުތައް އިވިގެން އެބަދެއެވެ. ޚާއްސަކޮށް ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރާ އިދިކޮޅު ކޯލިޝަން ގެ ކެމްޕޭނުން މިއަޑުތައް އިވޭލެއް ބާރެވެ.

އިދިކޮޅު ކޯލިޝަންގެ ކެމްޕޭން މޮޓޯއެއްގެ ގޮތުގައިވެސް ބޭނުންކުރަމުންދަނީ އިންސާފު ގާއިމުކޮށްދިނުމުގެ ވާހަކަ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ނަހަމަގޮތުގައި ކޮށްފައިވާ ކަންކަމާއި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވާނެކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އަންނަނީ ކެމްޕޭންކުރަމުން ނެވެ. އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލައްވައިގެން ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ވެރިކަމުން ރައްޔިތުންނަށް އިންސާފު ނުލިބޭ ކަމާއި ނުހައްޤުން އެތައް ބަޔަކަށް އަނިޔާ ލިބެމުންދާ ދިޔުން ނިމުމަކަށް ގެންނާނެކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ބުނަމުންނެވެ. ވަޒީފާގެ ބިރު ދެއްކުން ހުއްޓާލާ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާތަކަށް ދައުލަތުގެ މުއައްސަސާތަށް ހަދާނެކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.  އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި ހަމަހަމަ ކަމާއި އިންސާފުން ކަންކަން ކޮށްދޭނެ ކަމުގެ ޔަޤީންކަން އިދިކޮޅުން އަންނަނީ ރައްޔިތުންނަށް ދެމުންނެވެ. އިދިކޮޅު ސިޔާސީ ހަތަރު ފިކުރެއް އެއް ގަލަކަށް އަރަންޖެހިފައި މިވާ ސަބަބަކީ އިންސާފު ނެތުންކަމަށް ބުނެ އިދިކޮޅުން ދަނީ ކެމްޕޭން ކުރަމުންނެވެ.

އަނެއްކޮޅުގައި އޮތް ޕީޕީއެމް އިން ކެމްޕޭން ކުރަމުންދަނީ ތަރައްޤީ މޮޓޯއަކަށް ނަގައިގެންނެވެ. ޕީޕީއެމް އިން ދައްކަމުންދަނީ ރާއްޖެ ތަރައްޤީ ކުރުމަށް މިފާއިތުވި ފަސް އަހަރު ރައީސް ޔާމީން ކުރައްވާފައިވާ ކުރައްވަމުން ގެންދަވާ ކަންކަމެވެ. މި ފަސް އަހަރު  ތެރޭގައި ޤައުމަށް އައިސްފައިވާ އުމްރާނީ ބޮޑު ތަރައްޤީއެވެ. ހަލުވިކަމާއެކު ހިނގަމުންދާ ޕްރޮޖެކްޓްތަ ކެވެ. އެކަންކަން ހާސިލްވާނީ ރައީސް ޔާމީނަށް ކަމަށާއި މިހާރު މިއޮތް ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދެވޭނީ ރައީސް ޔާމީނަށް ކަމަށް ޕީޕީއެމް އަންނަނީ ބުނަމުން ނެވެ. އެކަން އިދިކޮޅަށް ނުކުރެވޭނެކަމަށާއި މިވީހާތަނަށް ތަރައްޤީ ގެނެސް ދެވިފައި ވަނީ ރައީސް ޔާމީނަށް ކަމަށް ބުނެ ޕީޕީއެމްއިން އަންނަނީ ކެމްޕޭންކުރަމުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހުރިހާ ރަށަކަށް ތަރައްޤީ ގެނެސްދީފައިވާކަމަށް ޕީޕީއެމްއިން އަންނަނީ ބުނަމުން ނެވެ. އިދިކޮޅު ކޯލިޝަނުން ތަރައްޤީ ގެނައުމަށް ރާވާފައިވާ ސިޔާސަތުތަކަށް ފާޑުކިޔަމުން އެކަންކަމަކީ ރައީސް ޔާމީންގެ ސިޔާސަތުތައް ކަމާއި އިދިކޮޅު ކޯލިޝަނަށް ތަރައްޤީގެ އާ ވާހަކައެއް ނުދެއްކޭކަމަށް ބުނެ ޕީޕީއެމް އިން އަންނަނީ އިދިކޮޅު ކޯލިޝަނަށް ފާޑުކިޔަމުންނެވެ. ތަރައްޤީ އަކީ ރައީސް ޔާމީން ފަދަ އެކޮނޮމިސްޓަކަށް ނޫނީ ގެނެވޭނީ އެއްޗެއް ނޫންކަމަށާއި މި ފަސް އަހަރު ތެރޭގައި ރައީސް ޔާމީން މިޤައުމު އުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އާ ހަރު ފަތަކަށް ގެންގޮސްދީފައިވާ ކަމަށް ޕީޕީއެމް އިން އަންނަނީ ބުނަމުންނެވެ.

ކޮންމެއަކަސް މީގެ މަސްދުވަސް ފަހުން މިތަނުން ކޮންމެސް އެއް ކެންޑިޑޭޓަކަށް ރައްޔިތުން ނިކުމެ ވޯޓު ލާނެއެވެ. އެއްކޮޅުން ދައްކަނީ އިންސާފު ގާއިމްކޮށްދޭނެ ވާހަކައެވެ. ކޮރަޕްޝަން ނައްތާލާ ހަމަހަމަ ކަމާއެކު ކަންކަން ކުރާނެ ކަމުގެ ވާހަކައެވެ. އަނެއްކޮޅުން ދައްކަނީ ތަރައްޤީ ގެންނާނެކަމުގެ ވާހަކައެވެ. އިތުރު ބްރިޖްތަކާއި ، އެއަރޕޯޓްތަކާއި ، ރިސޯޓްތަކުގެ ވާހަކައެވެ. ރައްޔިތުން ތަރައްޤީގެ އާއުސްމިންތަކަށް ގެންދާނެކަމުގެ ވާހަކައެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް