ޕާކިސްތާނުގެ އައު ބޮޑުވަޒީރު އިމްރާން ޚާން މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ބުޝްރާ ބީބީ މޫނު ބުރުގާ އަޅައިގެން އިނުމުން އިނގިރޭސި ނޫސްވެރިއަކު އެކަމަށް ވަރަށްބޮޑަށް ފާޑުކިޔައިފިއެވެ.
އެކްޓިވިސްޓެއްގެ ގޮތުގައިވެސް ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިޔާ ސަމީރާ ޚާން އޭނާގެ ޓްވިޓާ އެކައުންޓްގައި ބުނެފައިވަނީ ބުރުގާ އެޅުމުގެ ފުރިހަމަ އިހްތިޔާރު ބުޝްރާއަށް އޮންނާނެކަމަށާއި އެހެންނަމަވެސް އެ ރަސްމިއްޔާތުގައި ބުޝްރާ ތަމްސީލުކުރަނީ ޕާކިސްތާނުގެ އެންމެހާ ކަނބަލުންކަމަށެވެ.
އަދި ލޯ ނޫން އެހެން ހުރިހާ ގުނަވަނެއް ފޮރުވަން ކީރިތު ޤުރްޢާންގައި ނޯންނާނެކަމުގައިވެސް އޭނާގެ ޓްވީޓްގައި ބުނެފައިވެއެވެ.
ސަމީރާގެ މި ޓްވީޓާއެކު ގިނަ ބަޔަކުވަނީ ސަމީރާއަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. އަދި ފަސްޓްލޭޑީއަށްވުމުން ހެދުމުން ހައެއްކަ އިންޗި ކުރުކޮށް މޭމަތިން ބައެއް ފާޅުކުރަން ނުޖެހޭކަމަށްވެސް ސަމީރާއަށް ފާޑުކީ މީހުން ބުނެފައިވެއެވެ. އަދި ސަމީރާ ހެދުން އަޅަނީ ހުޅަނގަށް ދެއްކެން ކަމުގައިވެސް ބައެއް މީހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް