ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރު އަލް ގައްޒާފީގެ ވެރިކަން ދިފާއުކުރުމަށްޓަކައި އޭރުގެ ސަލާމަތީ ބާރުތަކުން އާންމު ރައްޔިތުންގެ ގަޔަށް ބަޑިޖެހި މައްސަލައިގާ ކުރީގެ 45 އޮފިސަރަކު މަރަން އެގައުމުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފިއެވެ.
އެ 45 އޮފިޝަރުންނަށް މަރުގެ ހުކުމް އިއްވީ ކީއްވެކަން ލީބިޔާއިން ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އެގައުމުގެ ޖަސްޓިސް މިނިސްޓްރީގެ ބައެއް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގުގައި އެ 45 މީހުންނަކީ ސަލާމަތީ ބާރުތަކުގައި ކުރިން އުޅުނު މީހުންނެވެ. އަދި އެމީހުންނަށް މަރުގެ ހުކުމް އިއްވީ ގައްޒާފީގެ ވެރިކަން ދިފާއު ކުރުމަށް އާންމުންގެ ގަޔަށް ބަޑިޖަހާ މެރިކަމުގެ ކުށުގައެވެ.
45 މީހަކު މަރަން ހުކުމްކޮށްފައިވާއިރު ހަމަ އެ މައްސަލައިގާ އިތުރު 54 މީހަކު ފަސް އަހަރަށް ޖަލަށް ލުމަށްވެސް އިއްޔެ ހުކުމް އިއްވާފައިވެއެވެ. އަދި 22 މީހެއްގެ ކުށެއް ނެތްކަމަށްވެސް ހުކުމް އިއްވާފައިވެއެވެ.
1969 އިން ފެށިގެން 2011 އާއި ހަމައަށް ލީބިޔާގައި ވެރިކަން ކުރެއްވި ގައްޒާފީ 2011 ވަނަ އަހަރު އަވަހާރަކޮށްލާފައިވަނީ އެ ގައުމުގައި އެ އަހަރު ހިނގި ދާހިލީ ހަނގުރާމައިގެތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް