މި ހިނގާ 2018 ވަނަ އަހަރަކީ އެޕަލްގެ އައިފޯނަށް ބޮޑު އަހަރަކަށްވާނެއެވެ. ސަބަބުތަކެއް ނެތިއެއްނޫނެވެ. އެއް ސަބަބަކީ އައިފޯނު އެކްސްއާއެކު އެޕަލް އިން ފޯނަށް ގެނައި ތަފާތު ކޮންސެޕްޓަށް އަހަރެއް ފުރުމެވެ. އަދި އައިފޯނު އެކްސް ބަލައިގެންފައިވާކަން ކަށަވަރު ވުމާއެކު އެ ޑިޒައިންގައި އިތުރު ފޯނުތަކެއް ނެރޭނަކަމަށް ލަފާކޮށް މުއުތަބަރުކޮށް، ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން އެކަން ރިޕޯޓް ކުރުމާއި އެކަންކަން އެޕަލްއިން ދޮގުކޮށްފައިނެތުމެވެ.
ރިޕޯޓްތައް ބުނާގޮތުގައި އަންނަ މަހުގެ ތެރޭގައި އައިފޯނުގެ ތިން މޮޑެލްއެއް ތައާރަފްކުރާނެއެވެ. އެއް މޮޑެލްއަކީ އައިފޯނު އެކްސްގެ "ނެކްސް ޖެނެރޭޝަން މޮޑެލް" އަކަށް ވާނެކަމަށް ބުނެފައިވާއިރު ސީދާ ނަން ކަށަވަރުވާނީ ތައާރަފް ކުރުމުން ކަމުގައި ނޫސްތަކުން ރިޕޯޓްކުރެއެވެ. އެ ފޯނު މިހާރުގެ އައިފޯނު އެކްސްއާއި ޑިޒައިންގެ ގޮތުން މާ ބޮޑަށް ތަފާތުނުވިނަމަވެސް "އިންޓާނަލް ކޮމްޕޮނެންޓްސް" ވަރުގަދަކުރާނެކަމަށް ރިޕޯތްތައް ބުނެއެވެ. އަދި ދޭނެކަމަށް ބެލެވޭ ނަމަކީ "އެސް" ފަހަތައް އަންނާނެ ނަމެއް ކަމުގައިވެސް މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
މީގެ އިތުރުން ހަމަ އެ ޑިޒައިންގައި އިތުރު ދެ ފޯނެއް ތައާރަފްކުރާނެ ކަމަށް ބެލެވެއެވެ. އެއް ފޯނަކީ ސައިޒުން ބޮޑު ފޯނަކަށް ވާނެކަމުގައި ބެލެވޭއިރު އަނެއް ފޯނަކީ އަގުގެ ގޮތުން ހެޔޮ ފޯނެއް ކަމުގައިވާނެ ކަމަށް ބެލެވެއެވެ.
ކޮންމެއަކަސް ތަފާތު އެކި މަސްދަރުތަކަށާއި ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކަށް ލިބޭ ސިއްރު މައުލޫމާތު ތަކަށް ރިއާޔަތްކޮށް އެ ނޫސްތަކުން އިއްތިފާގުވާގޮތުގައި އެޕަލްގެ އައު އައިފޯނުތައް ތައާރަފްކުރާނީ ސެޕްޓެމްބަރު 12އިގައެވެ. އަދި ޕްރީ އޯޑަރު ކުރުމަށް ސެޕްޓެމްބަރު 14 ވާ ހުކުރު ދުވަހު ހުޅުވާލާނެއެވެ. މިދިޔަ އަހަރު އެޕަލްގެ އައު އައިފޯނުތައް ތައާރަފްކޮށްފައިވަނީވެސް ސެޕްޓެމްބަރު މަހުގެ 12އިގައެވެ. ޕްރީ އޯޑަރަށް ހުޅުވާލާފައިވަނީ ސެޕްޓެމްބަރު 15އިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް