ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރުމުގެ ގޮތުން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު މިއަދު ރައީސް ސޯލިހު ތަސްދީގު ކުރެއްވުމަށްފަހު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އެންމެ ފުރަތަމަ ވެސް ތިބީ ހަތް ފަނޑިޔާރުންނެވެ. ނަމަވެސް 2014 ވަނަ އަހަރު ފަނޑިޔާރުންގެ ބެންޗު ވަނީ ފަހަކަށް ކުޑަކޮށްފައެވެ. އެޔާއި އެކީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި، ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ މަގާމުން ވަކިކޮށްފައެވެ.
މި އިސްލާހާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އިތުރު ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ފެށޭނެއެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިބީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދާއި، ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް