ޖެހިގެން ހުރިހޭ ފާތުމާފުޅު ގެނެސްދިން ބަނބުކޭލަކު ހައްވަ ބަތް ކައްކައިލިއެވެ. ފިރިމީހާ މަހުން ލަފައިގެން އަންނަންވާއިރަށް މީރު ސައްލަންގަނޑެއް ފުނޑައި، މީރު ކެއުންގަނޑެއް ތައްޔާރުކޮށްލިއެވެ.
އިރުއޮއްސިފައި ވަނިކޮށް އަހަންމައިދީ މަހުން ލަފައިގެން އައިސްފިއެވެ. އަހަންމައިދީ ގެނަ މަހުގެ އެބައިގައި ގަރުދިޔަ ކައްކައިލިއެވެ. އަނެއް ގަނޑު މަހުގައި ވަރުގަދަ ލޮލުމިރުގަނޑެއް ޖަހައިގެން ހައްވަ މަސް ފިހެލިއެވެ.
އަހަންމައިދީ އިޝާ ނަމާދުން ފައިބައިގެން އަންނަން ވާއިރަށް ހައްވަ ހުރީ ވަރުގަދައަށް ކާން ތައްޔާރުކޮށްލާފައެވެ. ކާމޭޒުމަތި ފެނުމުން އަހަންމައިދީ ކުޅުދިޔައިވީ އެހެނަކުން ނޫނެވެ. ވީ އުފަލުން އަތް ވެސް ނުދޮވެ ކާން އިށީނެވެ. ހައްވަ އަވަހަށް އަހަންމައިދީ ކައިރީ ތައްޓެއް ބެހެއްޓިއެވެ. އަދި ފެންތައްޓެއް ކައިރީ ބަހައްޓައިދިނެވެ.
ފިރިމީހާ މީރުކޮށް ކަމުންދިޔައިރު ހައްވަ އިނީ ބަލާށެވެ.
"ހާދަ މީރޭ ސައްލަން ގަނޑު... ބަނބުކެޔޮ ބަތާ އެކީ ކާލަން މީ ވަރަށް ފައްކާ އެއްޗެއް" މިހެން ބުނުމަށްފަހު ދެ ސަމުސަލުގެ ދެ ސައްލަން ގުޅަވަރު ބަތްތަށީ ތެރެއަށް އަހަންމައިދީ ވައްޓައިލިއެވެ. މީރު ކަމުން ތިން ފަހަރު ބަތް އަޅައިގެން އަހަންމައިދީ ކާލިއެވެ.
"ބަނޑު ފަޅައިގެން ދަނީ... އަހަރެން މި ދަނީ ކުޑަކޮށް ބަނޑުދަމާލަން" ކައި ނިންމައިގެން ބަނޑުގައި ފިރުމައިލަމުން އަހަންމައިދީ ބުނެލިއެވެ. އަދި އިތުރު ފެންތައްޓެއް ބުއިމަށްފަހު ބޮޑު ވަޔެއްވެސް ލިއެވެ.
އަހަންމައިދީ ކައިގެން ދިއުމުން ހައްވަ ވެސް މީރުކޮށް ކާލައިގެން، ތަށިތައް ނެގުމަށްފަހު ބަދިގެ ތެރެ ސާފުކޮށްލިއެވެ. ހައްވަ ހުރީ މިރޭ ވަރަށް ހިތްހަމަޖެހިފައެވެ. އަހަންމައިދީ އަކީ ކާއެއްޗިއްސަށް ވަރަށް ފާޑު ކިޔާ ފިރިއެކެވެ. އެތައް ދުވަހަކަށްފަހު ފިރިމީހާގެ ދުލުހުން ކާތަކެއްޗަށް ތައުރީފުގެ ބަސްތަކެއް އިވުމުން ހައްވަ ހުރީ ވަރަށް އުފާވެފައެވެ. ކޮންމެ ރެއަކުވެސް ކޮންމެވެސް އެއްޗަކަށް ފާޑުކިޔައި ހައްވަ ދެރަކޮށްލާނެއެވެ. ނަމަވެސް މިރޭ ފާތުމާފުޅު ބަނބުކޭލެއް ގެނެސްދިނުމުން، އަހަންމައިދީ އަށް ވަރަށް މީރުވާނެ ކަމަށް ހިތުލައިގެން ކެއްކި ކެއްކުންގަނޑު އަހަންމައިދީ އަށް ވަރަށް ކަމުގޮސްފިއެވެ. މި ހިތްހަމަޖެހުމާއި އެކީ ގޮސް ރީއްޗަށް ފެންވަރައިލައިގެން، ފިރިމީހާ ކައިރީ އޮށޯވެ ނިދައިފިއެވެ.
ހައްވަ އަށް ހޭލެވުނީ ދަންވަރު ވަރަށް ބާރަށް ދޮރެއް ލެއްޕޭ އަޑަށެވެ. ބަލައިލިއިރު އަހަންމައިދީ އެއް އެނދަކު ނެތެވެ. އަހަންމައިދީ ކޮބައިތޯ ބަލައިލަން ހައްވަ ގޭތެރެއަށް ނިކުމެ ހިނގައިގެތެވެ. އެއިރު ގިފިލި ކައިރީ ހުރި ފައިވާން ފެނުމުން، އަހަންމައިދީ އުޅެނީ ފާހާނައިގައި ކަން ޔަގީންވުމުން ކޮޓަރިއަށް އައިސް އަނެއްކާ އޮށޯތެވެ.
ފަތިހު ހޭލެވުމުން ހައްވަ ތެދުވެ އަހަންމައިދީ އަށް ގޮވަން ބަލައިލިއިރު ފެންނާކަށް ނެތެވެ. މިރޭ މާކުރިން އަހަންމައިދީ ފަތިސް ނަމާދަށް ދާން ހޭލީކަމަށް ހިތުލައިގެން ހައްވަ ކޮޓަރިން ނިކުތްއިރު، އަހަންމައިދީގެ ފައިވާން ހުރީ ގިފިލި ދޮރުމަތީގައެވެ. ހައްވަ މަޑުކޮށްލީ އަހަންމައިދީ ނިކުންނަންދެންނެވެ.
ފަސް މިނެޓު ވެގެން ގޮސް މިހާރު ފަނަރަ މިނެޓު ވެއްޖެ އެވެ. އަދިވެސް އަހަންމައިދީގެ ހަބަރެއް ނުވެއެވެ. ވީގޮތެއް ބަލައިލަން ހައްވަ ފާހާނާ ކައިރިއަށް ޖެހިލައި އަހަންމައިދީ އަށް ގޮވައިލިއެވެ. ފާހާނާ ތެރެއިން އިވެނީ އަހަންމައިދީ ވަރަށް ބާރަށް ވޭނީ އަޑެއް ލައްވާ އަޑެވެ. އަނެއްކާ އަހަންމައިދީ އަށް ކަމެއްވީ ހެއްޔެވެ.
"އަހަންމަދާ ކަމެއް ގޯސްވީތަ؟" ހައްވަ އަނެއްކާވެސް ގޮވައިލިއެވެ. ގިފިލި ދޮރުގައި ކަންފަތް ޖަހައިގެން އޮތް ހައްވަ ސިއްސައިގެން ދިޔައީ ކުއްލިއަކަށް އަހަންމައިދީ ދޮރު ހުޅުވައިލުމުންނެވެ. ހައްވަ ބަލައިލިއިރު އަހަންމައިދީ ހުރީ ދާހިތްލާ ފޯވެފައެވެ. ދެލޯ ހުރީ ރަތްވެފައެވެ.
"ކަލޭ ހެވިދިލިފަ އިނދެ މަށަށް ކޯންޗެއް ކާންދިނީ؟" އެންމެ ފުރަތަމަ ވެސް ބަރު އަޑުން އަހަންމައިދީ އަހައިލީ މިހެންނެވެ.
"ބަނބުކެޔޮ ބަތެއްނު" ވިސްނާލަން ހުރެފައި ހައްވަ ބުނެލިއެވެ.
"ކަލޭ ކައްކާފަ ކާންދިން ބަނބުކެޔޮ ބަތެއް ކައިގެން އަހަރެން މިއުޅެނީ ރޭ ނުވެސް ނިދާ... އަހަރެން އެއްކޮށް އަވަދި ކޮށްލައިފި... ބަނޑުތެރޭ ހީވަނީ ބޮޑެތި ރާޅު ނަގާހެން" އަހަންމައިދީ ވާހަކަދެއްކި އިރު ދެލޯ ވަނީ އިންތިހާޔަށް ބޮޑުވެފައެވެ. ހައްވަ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.
"ވައި އެރީ ކަންނޭންގެ ދޯ" ވަރަށް ވިސްނަން ހުރެފައި އަނެއްކާވެސް ހައްވަ ބުނެލިއެވެ.
"ވަޔޭ... ކޮން ވަޔެއް... ކަލޭ ގަސްތުގަ މަށަށް ދިން ލަނޑެއް މީ... މަށަށް މިކަހަލަ އެއްޗެހި ކާންދެނީ މަށަށް ޖެއްސުންކުރަންވެގެން... ހުންނަ ނުބައިކަން ބަލާބަލަ... މަށަށް ރޭ ލޮލުފިޔައެއް ޖެހުނީއެއް ނޫނޭ... ފާޑަކަށް އެބަ ބަލައެއްނު... ބަލާނެ ކަމެއް ނެތް ކަލޭ ތިހުރީ ވަރިކޮށްފަ" އަހަންމައިދީގެ ޖުމްލަ ނިންމައިލީ ހައްވަ ވަރިކޮށްފައެވެ. ހައްވަ އަށް ވީ ގޮތެއްވެސް ނޭންގުނެވެ. ގަނޑުވެފައި ހުރެވުނީއެވެ.
އެހާ ބުރަ މަސައްކަތްކޮށްގެން ފިރިމީހާއަށް ރޭގައި ކެއްކީ ވަރަށް ލޯބިންނެވެ. ލިބުނު ހަދިޔާ ނިކަން ދެކިބަލާށެވެ.
"އު އޫނ..." އަޑެއް ލައްވައިލުމަށްފަހު އަނެއްކާވެސް ގިފިއްޔަށް ވަދެ އަހަންމައިދީ ދޮރު ޖެހިއެވެ. އެއަޑަށް ހައްވަ ދިޔައީ ސިއްސައިގެންނެވެ. ވީ ދެރައިން ގެއިން ނިކުމެގެން، މަންމަ ގެއަށް ދާން ދުއްވައިގަތެވެ.
(ނިމުނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް