ފުލުހުންގެ ހިދުމަތުގެ ރަސްމީ ޑިއުޓީގައި ޑިއުޓީ އަދާ ކުރަމުންދަނިކޮށް ދިމާވާ އެކިއެކި ހާދިސާތަކާއި ހަމަލާތަކުގައި ޝަހީދުވާ ފުލުހުންގެ ޒިކުރާ އާ ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ މުއައްސަސާއިން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކޮށްފި އެވެ.
ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަ ކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސް ފުލުހެއްގެ ޒިކުރާ އާކުރި އެވެ. އެއީ ޕޮލިސް ލާންސް ކޯޕްރަލް އަލީ ނާޒިމް، ކޮންސްޓަބަލް ޔޫސުފް ޒަމީރު، ސާޖަންޓް އާދަމް ހަލީމް، ކޯޕްރަލް މިސްބާހު އަބްދުﷲ އަދި ކޯޕްރަލް އަހްމަދު ވިފާގެވެ.
ފުލުސް ޒިންމާގައި ހުރެ ޝަހީދުވީ ފުލުހުންގެ ތެރޭގައި ކަނޑުމަތީގެ ދެ ހާދިސާއެއްގައި އަދި ޗެކް ޕޮއިންޓެއްގައި ހުރެ ދިމާވި ނުރައްކާތެރި ހާދިސާއެއްގައި ޝަހީދުވީ ފުލުހުން ހިމެނެ އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝާނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ، މިއަދުގެ މާހައުލުގައި ފުލުހުންނަށް ޖިސްމާނީ އަނިޔާގެ އިތުރުން ނަފްސާނީ ގޮތުން ވެސް އަނިޔާ ކުރަމުންދާ ކަމަށެވެ. އަދި އޮންލައިން ޕްލެޓްފޯމް ތަކުގައި ވަކި ވަކި ފުލުހުންނަށް ނިސްބަތްކޮށް ބިރު ދެއްކުމާއި ފުރައްސާރަ ކުރަމުންދާތީ ފުލުހުންގެ މުއައްސަސާއިން އެކަންކަން ކުއްވެރި ކުރާ ކަމަށެވެ.
"ވަކި ވަކި ފުލުހުންނަށް ނިސްބަތްކޮށް ބިރު ދެއްކުމާއި ފުރައްސާރަ ކުރާ ކުރުން އެއީ ހިނގަމުން އަންނަ ކަންކަން. މިއީ ވަރަށް ހިތާމަ ހުރި ކަންކަން. އަދި އަޅުގަނޑުމެން މުއައްސަސާގެ ފަރާތުން ވަރަށް ހަރުކަށިކޮށް ކުއްވެރި ކުރާ ކަމެއް" ކޮމިޝަނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ، ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ކުރާ މިކަހަލަ ކަންކަމަށް ނޫނެކޭ ބުނުން އެއީ ފުލުހުންގެ މަސައްކަތް ބަލައިގަންނަ ގިނަ ރައްޔިތުުންނަށް ކުރައްވާ އިލްތިމާސެއް ކަމަށެވެ.
މިއަދު ފާހަގަ ކުރި ފުލުހުންގެ މެމޯރިއަލް ޑޭގައި "ޑިޖިޓަލް މެމޯރިއަލް" ގެ ނަމުގައި ވެބްސައިޓެއް ލޯންޗްކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް