މި އަހަރުގެ ފަހުކޮޅު ނެރެން ތައްޔާރުވަމުން އަންނަ ދަބަންގުގެ ސީކުއެލް، ދަބަންގު3 ގައި ސަލްމާންގެ ލޯބިވެރިޔާގެ ރޯލު ކުޅުމަށް ސާއީ މަންޖުރޭކަރު ހިޔާރު ކުރީ އެ ރޯލަށް ސާއީ ފިޓުވާނެކަން ސަލްމާނަށް ޔަގީންވާތީ ކަމުގައި ފިލްމުގެ ޕްރޮޑިއުސަރު އަދި ސަލްމާންގެ ކޮއްކޮ އަރްބާޒް ހާން ބުނެފިއެވެ.
ޓައިމްސް އޮފް އިންޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ސަލްމާނަށް ސާއީ އެނގޭތާ ދުވަސްކޮޅެއް ވެފައިވާކަމަށާއި ސާއީ އެ ރޯލަށް ފިޓުވާނެ ކަމަށް ސަލްމާން މިހާރު ގަބޫލު ކުރާ ކަމަށެވެ. އަދި ސާއީއަކީ އެ ރޯލަށް ލިބޭނެ އެންމެ ރަނގަޅު އެކްޓްރެސް ކަމުގައިވެސް އަރްބާޒު ބުނެފައިވެއެވެ.
ސާއީގެ އުމުރަކީ 20 އަހަރެވެ. މިއީ ބޮލީވުޑަށް ސާއީ ތައާރަފްވާނެ ފިލްމެވެ.
މީގެ ކުރިން އަޑު ފެތުރިފައި އޮތީ އެ ރޯލުން ފެނިގެންދާނީ ދަބަންގު ދޭއްގައިވެސް ސަލްމާންގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދިޔަ ތަރި، ސޮނާކްޝީ ސިންހާ ކަމަށެވެ. ނަމަވެސް މިހާރު މިވަނީ އެ ރޯލު ކުޅޭނީ ސާއީކަން ކަށަވަރުވެފައެވެ.
ދަބަންގު ސީރީޒްގެ ފިލްމުތައް ޑައިރެކްޓް ކުރަނީ ޕްރަބޫ ދޭވާއެވެ. ޕްރޮޑިއުސް ކުރަނީ ސަލްމާން ހާނާއި އަރްބާޒް ހާންގެ އިތުރުން ނިކިލް ދުވިވޭދީއެވެ. މި ފިލްމު ރިލީޒް ކުރަން ނިންމާފައިވާ ތާރީހަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް