މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮބްޒާވުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ. އެކޮމިޝަނުން އާންމުކޮށްފައިވާ އިއުލާނުގައި ބުނަނީ އެފުރުސަތު ޖުލައި މަހުގެ 23 ން އޮގަސްޓް 14 ވާ އަންގާރަ ދުވަހުގެ 03:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު، އެ ތަކެތި ހުށަހަޅަންޖެހެއެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން އޮބްޒާވްކުރުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށްކަމަށް އެކޮމިޝަނުން ބުނެއެވެ. މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ މުއްދަތު ހަމަވުމުގެ ކުރިން މާލެއިންނަމަ، އިލެކްޝަންސް ކޮމިޝަނަށް، އަދި އަތޮޅުތަކުންނަމަ، އެއަތޮޅެއްގައި ޤާއިމްކުރެވިފައިވާ ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓު ނުވަތަ އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓަށްކަމަށް އިލެކްޝަނުން ކޮމިޝަނުން ބުނެއެވެ.
މީގެއިތުރުން ސިޔާސީ ޕާޓީތަކާއި، ޖަމްޢިއްޔާ ޖަމާއަތްތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ޕާޓީން ނުވަތަ އެ ޖަމްޢިއްޔާއަކުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކާއިއެކު ހުށަހަޅަންވާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ. މިގޮތުން މިކޮމިޝަނުން ބާޠިލްކުރާ ފޯމު، މުއްދަތު ހަމަވުމުގެ ކުރިން، ފުރިހަމަ ކުރުމަށްފަހު އަލުން މިކޮމިޝަނަށް ހުށަހެޅިދާނެ ކަމަށް ކޮމިޝަނުން ބުނެއެވެ. ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފާސްދޫކުރުމަށް ހަމަޖެހިފައިވަނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ދިހައެއް އިން ސައްތަ އިތުރުނުވާ ގޮތަށްކަމަށް ކޮމިޝަނުން ބުނެއެވެ.
އޮބްޒާވަރުންގެ ފޯމް ބަލައި ގަންނަން ހަމަޖެހިފައިވަނީ ޖުލައި 23 ވާ ހޯމަ ދުވަހުން ފެށިގެން 2018 އޮގަސްޓް 14 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ހަވީރު 03:00 އަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް