މެމްބަރުން ހަމަނުވާތީ މިއަދުގެ ޖަލްސާގައި ވޯޓަކަށް ނޭހި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެކަށީގެންވާ އަދަދަށް މެމްބަރުން ހަމަވެފައި ނުވާތީ ވޯޓަށް އަހަން ހުރި ކަންކަމަށް ވޯޓަށް އެހުން، މާދަމާ ގެ ޖަލްސާއަށް ފަސްކޮށްފިއެވެ. މިއަދުގެ ޖަލްސާގައި ވޯޓ...

23 Jul 2018 | 10:17

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެކަށީގެންވާ އަދަދަށް މެމްބަރުން ހަމަވެފައި ނުވާތީ ވޯޓަށް އަހަން ހުރި ކަންކަމަށް ވޯޓަށް އެހުން، މާދަމާ ގެ ޖަލްސާއަށް ފަސްކޮށްފިއެވެ. މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށް ހަމަޖެހިފައިއޮތީ ޕީއެސްއެމްއަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލާއިރު ދައްކަން ޖެހޭ ފީ 15،000 ރުފިޔާއަށް ބޮޑުކުރަން އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި ބިލެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ބައިވެރިވެވަޑައި ނުގަންނަވާތީ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކުރައްވާފަ އެވެ. މަޖިލީހުގެ ޤަވާއިދުގެ 158 ވަނަ މާއްދާގެ ހ ގައި މަޖިލީހުގެ ކޮންމެ ޖަލްސާއަކަށްވެސް ހުރިހާ މެމްބަރުންވެސް މަޤްބޫލު އުޒުރެއް ދިމާނުވާހާ ހިނދަކު ވަޑައިގެންނަވަން ވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެގޮތަށް އަމަލުކުރެއްވުމަށް މެމްބަރުންގެ ކިބައިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެދިވަޑައިގެންނެވިއެވެ.

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވެ ވަޑައިގެންނަވާ މެމްބަރުން ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކަޓް ކުރައްވަމުންނެވެ. އެ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ މަސީހު ރިޔާސަތު ބަލަހައްޓަވާ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަންނަވާނެކަމުގައެވެ. އެގޮތުން މިދިޔަ ދައުރުގައިވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުން ޖަލްސާތަކަށް ވަޑައެއް ނުގަންނަވައެވެ.

މެމްބަރުން ހަމަނުވާތީ ބިލްތަކަށް ވޯޓަށް ނޭހި ދާތީ ދާދިފަހުން ވަނީ ރައްޔިތުންގެ އެކަމެއްގެ މައްޗަށް އަމަލު ކުރަން ލާޒިމުކުރާ ކަންކަމުގައި ގާނޫނުތައް ފާސްކުރާއިރު 43 މެމްބަރުން ހަމަ ނުވިޔަސް ވޯޓަށް އަހަން ފާސްކޮފައެވެ. އެގޮތުގެ މަތިން މުހިންމު ބިލްތަކެއް ވަނީ ފާސްވެސް ކޮށްފައެވެ.

މިއަދުގެ ޖަލްސާގައިވަނީ އިލެކްޝަން ކޮމިޝަނަށް އއ.ފެރިދޫ /ހާލި ، އަލީ ނަޝާތު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ މެންދުރުފަހު އެކެއްޖަހާއިރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް