މޫސުންގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަޙައްދަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރާވެހި ވައިގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލާފަކޮށްފައިވާތީ، އާންމުކޮށް ހުރިހާ ފަރާތްތ...

23 Jul 2018 | 09:07

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަޙައްދަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރާވެހި ވައިގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލާފަކޮށްފައިވާތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަޤީންކުރުމަށް ފުލުހުން އެދެއެވެ. ވަކިން ޚާއްސަކޮށް، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެއެވެ. އޭގެ އިތުރުން، މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަޤީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް ވެސް ފުލުހުން އެދެއެވެ.

ފުލުހުން ވަނީ ،މޫސުމަށް އަންނަ މިފަދަ ބަދަލާއެކު، ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވާ ހާދިސާތަކުގެ ސަބަބުން އެފަދަ ތަންތަނުގައި އަޅާފައި އޮންނަ އުޅަނދުފަހަރަށް މީގެ ކުރިންވެސް ގެއްލުންތައް ލިބިފައިވުމާއެކު، އެތަންތަނުގައި އުޅަނދު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް އިލްތިމާސްކޮށްފައެވެ.

ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި މަގުހިނގާ މީހުންނާއި އުޅަނދު ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި،  ވަކިން ޚާއްޞަކޮށް މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ ދުއްވާ މީހާ އަށާއި މަގު ހިނގާ މީހުންނަށްވެސް އިޢާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެކަމެއްކަމަށް ވާތީ އެކަންކަމަށްވެސް ރައްޔިތުން ސަމާލުކަން ދިނުމަށް ހުރިހައި ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އެޅުމަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭ ގޮތަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުމަށާއި  މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެކުރިން އެދަތުރާބެހޭ މަޢުލޫމާތު ކޯސްޓްގާޑަށާއި ފުލުހުންނަށް ޙިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް