މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި އުޅޭ މީހުން އެކަނި

މާތްވެގެންވާ ހައްޖުގެ އަޅުކަމުގައި މިއަހަރު ބައިވެރިވެވޭނީ ސައުދީ އަރަބިއްޔާގައި ދިރިއުޅެމުންދާ މީހުންނަށް އެކަނި ކަމަށް އެ ގައުމުގެ ސަރުކާރުން ކަނޑައަޅައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ ހ...

23 Jun 2020 | 06:08

މާތްވެގެންވާ ހައްޖުގެ އަޅުކަމުގައި މިއަހަރު ބައިވެރިވެވޭނީ ސައުދީ އަރަބިއްޔާގައި ދިރިއުޅެމުންދާ މީހުންނަށް އެކަނި ކަމަށް އެ ގައުމުގެ ސަރުކާރުން ކަނޑައަޅައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ ހައްޖުގެ އަޅުކަން ބޭއްވުމާއި މެދު ގޮތެއް ނިންމުމުގެ ކުރިން ސައުދީ ހައްޖު މިނިސްޓްރީން ވަނީ ހައްޖައްދާން ވަމުންދާ ތައްޔާރީތައް މަޑުޖައްސާލުމަށް ގައުމުތަކަށް އަންގާފައި އެވެ. އެކަމަކު ސައުދީން ބުނެފައިވަނީ އެންމެ ފަހު ވަގުތު ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެވޭގޮތަށް ތައްޔާރަށް އޮތް ކަމަށެވެ.

ރޭ ސައުދީ ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަމުގެ ފުރުސަތު ދޭނީ ހަމައެކަނި ސައުދީގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށެވެ. އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށްވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނެ ކަމަށް ބުނެފައިވެ އެވެ.

ސައުދީގައި ދިރިއުޅޭ މީހުންނަށް އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދޭން ނިންމިޔަސް އެ ހުއްދަ ދޭނީ ވަކި އަދަދަކަށް ކަމަށް ބުނެ އެވެ. އެގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދޭނީ ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޖްތިމާއީ ގައިދުރު ކަމުގައި އަޅުކަން އަދާ ކުރެވޭނެ ގޮތަށް ބަލައިގެން ނެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިިޔަވަޅުތަކުގެ ދަށުން އުމްރާގެ އަޅުކަން އަދާ ކުރުން އޮތީ އަދިވެސް މަނާކޮށްފައި އެވެ. އަދި ސައުދީގެ ހުރިހާ މިސްކިތްތަކެއް ހުޅުވައި ނަމާދު ކުރަން ފެށިޔަސް މާތްވެގެންވާ މަސްޖިދުލް ހަރަމްގައި ޖަމާއަތުގައި ނަމާދު ކުރުން އަދިވެސް އޮތީ މެދުކަނޑާލާފައި އެވެ.

ސައުދީ އަރަބިއްތާގައި މިހާތަނަށް 1،61،005 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. ބަލީގައި 1،307 މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް