ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލިގެން ހޯދަމުން އަންނަ އުމުރުން 14 އަހަރުގެ ކުއްޖާ ހޯދުމަށް މިހާތަނަށް ތިން ގެއެއް ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ 18 ޖޫން 2019 ވަނަ ދުވަހު 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމުން މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން އަމަލުކުރުމަށްފަހު 20 ޖޫން 2019 ވަނަ ދުވަހު އެ ކުއްޖާ ހޯދުމަށް އިއުލާނުކޮށްފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
"މި ކުއްޖާ ހޯދުމަށް ފުލުހުން ވަނީ ތިން ގެއެއް ބަލާ ފާސްކޮށްފައި، އަދި މީގެ އިތުރުން ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖްތައް ބަލައިގެންވެސް އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައި، މިހާރުވެސް ފުލުހުން ދަނީ އެކި ގޮތްގޮތުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
މި ކުއްޖާ ގެއްލިގެން ހޯދަމުން އަންނަތާ ހަ ދުވަސް ވެފައިވާއިރު ޖެންޑާ މިނިސްޓްރީން މިއަދު ބުނީ އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ނޫން ކަމަށެވެ. ނަމަވެސް މިރޭ ބުނެފައިވަނީ އެ ކުއްޖާއަކީ ކުށުގެ ވެށިން ކުޑަކުދިންގެ ހިޔާއަށް ގެންދިޔަ ކުއްޖެއް ކަމަށެވެ. ގެންދިޔައީ އެސެސްމަންޓެއް ހަދަން ކަމަށެވެ. އެތާނގައި ބަހައްޓަން ނޫން ކަމަށެވެ.
ގެއްލުނީ އެތާނގައި ހުއްޓާކަމަށްވެސް ޖެންޑާ މިނިސްޓްރީން މިރޭ ބުންޏެވެ.
ގެއްލިގެން ހޯދަމުންދާ ކުއްޖަކީ ދަފްތަރު ނަންބަރު ރސ 2997 ، ޝައިމް ޢަބްދުﷲ (14އ) އެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރުއެވެ.
އަދި މިހާތަނަށްވެސް މި ކުއްޖާ ނުފެންނަ ކަމަށް ފުލުހުން ބުނެއެވެ.
ޝައިމް ޢަބްދުﷲއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް