ގެއްލިގެން ހޯދަމުން އަންނަ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާއަކީ ކުށުގެ ވެށިން ކުޑަކުދިންގެ ހިޔާއަށް ގެންދެވުނު ކުއްޖެއް ކަމަށް ޖެންޑަރ މިނިސްޓްރީން މިރޭ ބުނެފިއެވެ.
ތަކުރާރުކޮށް މީޑިއާތަކުން ސުވާލު ކުރުމުންވެސް ޖެންޑަރ މިނިސްޓްރީން މިއަދު ބުނެފައިވަނި އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ނޫން ކަމަށެވެ.
ނަމަވެސް މިރޭ އެ މިނިސްޓްރީން ބުނެފައިވަނީ އެ ކުއްޖާއަކީ ކުށުގެ ވެށިން ކުޑަކުދިންގެ ހިޔާއަށް ގެންދެވުނު ކުއްޖެއް ކަމަށާއި އެ ކުއްޖާ ގެންދެވުނީ އެސެސްމެންޓްތަކެއް ހެދުމަށް ކަމަށެވެ. އަދި އެކުއްޖާއަކީ އެއްވެސް ހާލެއްގައި އެތަނުގައި މަރުކަޒު ކުރުމަށް ގެންދެވުނު ކުއްޖެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
"އެގޮތުން އޭނާ ހުރި ހުރުމުގައި ކުޑަކުދިންގެ ހިޔާގެ ކުދިންނާ އެއްތަން ކުރެވިފައެއް ނުވޭ" ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.
އޭނާ ގެއްލުނީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އަމާން ހިޔާއިން ކަމުގައިވެސް މިރޭ ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.
ގެއްލިގެން ހޯދަމުންދާ ކުއްޖަކީ ދަފްތަރު ނަންބަރު ރސ 2997 ، ޝައިމް ޢަބްދުﷲ (14އ) އެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރުއެވެ.
އަދި މިހާތަނަށްވެސް މި ކުއްޖާ ނުފެންނަ ކަމަށް ފުލުހުން ބުނެއެވެ.
ޝައިމް ޢަބްދުﷲއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް