ދިވެހިބަހުގެ އެކެޑަމީން ފެށުމައް ތައްޔާރުވަމުން އަންނަ ސާންސްކުރިތް އަދި އުރުދޫބަސް ދަސްކޮށްދިނުމުގެ ބޭސިކް ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު އެކެޑަމީން ހުޅުވާލައިފިއެވެ.
އެކެޑަމީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުގައި މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހުގައެވެ.
"މި ފަދަ ކޯހެއް ކުރިއަށް ގެންދިޔުމުގެ މަޤްޞަދަކީ ސާންސްކުރިތް ބަސް ދަސްކޮށްދިނުމުގެ އިތުރުން ސާންސްކުރިތް އަދަބުގެ މުއްސަނދިކަމުގެ ތެރެއިން ދިވެހި އަދަބިއްޔާތަށް އިތުރު ފަހި ކަމެއް ލިބުމަށް މަގުފަހިކޮށްދިނުމެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުގައި ސަންސްކުރިތް ކޯހުގެ މުއްދަތަކީ ތިން މަސް ދުވަހެވެ. އަދި އުރުދޫބަސް ދަސްކޮށްދޭ ކޯހުގެ ދިގުމިނަކީ ފަސް މަސްދުވަހެވެ. އަދި މި ދެ ކޯސް ހިންގާނީ ދިވެހިބަހުގެ އެކެޑަމީގައި ކަމަށް ބުނެފައިވެއެވެ.
މި ދެ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 2019 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެކެޑަމީއަށް ފޯމު ހުށައެޅަން ފުރުސަތު ހުޅުވާލާފައިވެއެވެ. މި ދެ ކޯހަށް އެދި ހުށައަޅާ ފޯމު އެކެޑަމީން ލިބެންހުންނާނެ ކަމަށާއި އަދި ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވެން ހުންނާނެ ކަމުގައިވެސް ބުނެފައިވެއެވެ. އަދި މި ދެ ކޯހާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު 3028018 އާއި ގުޅުއްވުމުން އެ މައުލޫމާތު ލިބޭނެ ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް