ކުރީގެ އަދަދާ ގުޅޭ...
މާޝާ ނިކުތުމުން އީމާން ގޮވައިލިއެވެ.
"އީމާން އަށް ކިހިނެއްވީ؟" މާޝާ އަހައިލިއެވެ. އެ ސުވާލަށް ޖަވާބު ދިނީ މާޒިން އެވެ.
"ހިތާމަ ކޮށްކޮށް މީހާގެ ދުވަސް ދަނީނު... ހުން އައިސްގެން މީހާ ހީވަނީ އަލިފާންގަނޑެއް ހެން" މާޒިންގެ އަނގަގަދަ ކަމުން އީމާން ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ބުނަންނުވާވަރުގެ އެއްޗެއް ވެސް މާޒިން ބުނެފާނެއެވެ.
އީމާންގެ ފޯނު ނަންބަރު ދިނުމަށްފަހު ހިނގައިގަތީ ފަހުން ދިމާވަން މާޝާ ކައިރީގައި ބުނެފައެވެ. މާޝާ ދިއުމުން މާޒިން ވަރަށް ސުވާލު ކުރިއެވެ. ނަމަވެސް އީމާން އަދިވެސް ހުރީ ވާހަކަ ދައްކާ ގޮތަކަށް ނޫނެވެ.
"އޯކޭ ދެން ނުބުންޏަސް އެކަމް އެކަންތައް ކުރައްޗޭ... ކައެ އަށް މޫވް އޮން ކުރެވޭނީ އޭރުން" އީމާންގެ ކޮނޑަށް އަތް ވައްޓައިލަމުން މާޒިން ބުނެލިއެވެ.
***
"ދެން މަންމާ މިގޭގަ ތިބެގެން ކޮން މޮޅެއްތަ ވާނީ... އެހެން ނޫނަސް މަންހާ ހެދި ގޮތުން އެމީހުން އުޅޭނީ ރާނީ އަށް ވަރަށް ބަލައިގެން" އެނދުގައި އޮށޯންނަމުން ޝިޔާ ބުނެލިއެވެ.
"ދެން އެއްޗެއް ނުދީ އަރާމުގަ މާލޭގަ އުޅެވެންޏާ ރަގަޅެއްނު... ކިހާ އަރާމެއްތަ ގޭތެރޭ ކަމެއްވެސް ކުރާކަށް ޖެހެނީއެއް ނޫން" ކުޑަދޮރުން ބޭރު ބަލައިލަމުން ޝަމީމާ ބުނެލިއެވެ.
"އެހެން ނޫނަސް އަހަރެން މިހާރު ބޭނުންވަނީ ވިލިއަމް އަތު އަޅުވައިލަން... ޖަރުމަނު މީހެކޭ އެއީ އެވަރަށް ލާރި ވެސް އޮންނާނެ... މަ އެހެންވެއޭ އޭނަ ގޮވައިގެން އެވަރަކުން މި އައީ... ގެގަނޑުވެސް މި ފެންވަރަށް އަޅާލެވިދާނެ... އޭނަ ބުންޏޭ ރާނީ ކައިރިއަށް ގެންދިޔައްޔާ އަޅާދޭނަމޭ" ހަށަން ބަނދެލަމުން ޝަމީމާ ބުނެލިއެވެ. ޝަމީމާ ހުރީ ވަގުތު ހިނގަމުން ދިޔަ ގޮތާއި މެދު ވަރަށް ހިތްހަމަޖެހިފައެވެ.
"ދެން ޖެހޭނީ ރާނީ އަށް ވަރަށް ހެޔޮ އެދޭ ކަމަށް ހެދިގެން އުޅޭން... ރާނީގެ ބޭނުން މިއޮތީ ޖެހިފަ... ބޭނުން ހިފެންދެން ވަރަށް ބަލައިގެން ޖެހޭނީ އުޅެން" ކޮޓަރީގައި ހުރި ސޯފާގައި އިށީންނަމުން ޝަމީމާ ބުނެލިއެވެ.
"ޒިއަން ނުކުރާނެ ގަބޫލެއް... ޒިއަން ހުންނަނީ ރާނީގެ ދަށުވެފަ..." ބޯ ހޫރައިލަމުން ޝިޔާ ބުނެލިއެވެ.
"އަހަންނަށް އިނގެޔޭ ގޭމު ކުޅެން... ޝިޔާ އަދި އާ ވީމަ... ޝިޔާ ތައްޔާރުވޭ ބޭރަށް ކިޔަވަން ދާން... މަ މި ތައްޔާރު ވަނީ މިރޭ ރާމިޒު އާ އެކީ ސައިކަލު ދުއްވާލަން ދާން... މާލެ އާދެވުންއިރު ޖެހޭނެ އެއްނު ބުރިޖު މަތިންވެސް ދުއްވާލަން" ސޯފާގައި ހަށިގަނޑު ދަމައިލަމުން ޝަމީމާ ބުނެލިއެވެ.
"މަންމާ ރާމިޒު އަކީ މަންމަ އަށްވުރެ ކިތައް އަހަރު ޅަ ކުއްޖެއްތަ؟ އެހެން ނޫނަސް އަހަރެން ވެސް އަދި ބްރިޖަކަށް ނާރަން... މަންމަ އަކަށް އަހަންނަށްވުރެ ކުރިންނެއް ނޭރޭނެ" ތުން ދަމައިލަމުން ޝިޔާ ބުނެލިއެވެ.
"ކަލޭ ހުރޭ ބިޓެއްވެސް ނުނަގާ ދެން... މަ ދާނަން... ރާމިޒު ވެސް ނުލާހިކު މަށާ ލައިކް ވޭ..." ހިނިގަނޑެއް ޖަހައިލަމުން ޝަމީމާ ބުނެލިއެވެ. އަދި ތުވާލި ނަގައިގެން ފާހާނާ އަށް ވަނެވެ. ޝިޔާ އިނީ އެނދުމަތީގައި ތުން ދަމައިގެންނެވެ. އޭނާ އަށްވުރެ މަންމަ މާ ކާމިޔާބޭ ހިތައް އެރިއެވެ.
***
ވިލިއަމް ހުރީ ކުޑަދޮރު ކައިރީ ހިޔާލަކަށް ގެއްލިފައެވެ. އޭނާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. އޭނާ އެވަގުތު ހުރީ، އޭނާގެ ކުލީ ކޮޓަރީގައެވެ. މިހެން ހުއްޓައި ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ޓަކި ޖަހައިލުމުންނެވެ. ކަރުނަތައް ފުހެލަމުން އަވަހަށް ވިލިއަމް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ރާނީގެ ފިރިމީހާއެވެ.
"ހެއި" ޒިއަން ހީލުމަށްފަހު ބުނެލިއެވެ. ވިލިއަމް އަވަހަށް ޒިއަން ވަންނަން ތަން ދެއްކިއެވެ.
"ޒިއަން ރައިޓް؟" ވިލިއަމް އަހައިލިއެވެ. ޒިއަން ބޯ ޖަހައިލިއެވެ. އަދި ވާހަކަ ދައްކައިލެވޭނެތޯ އަހައިލިއެވެ.
ޒިއަން އާއި ވިލިއަމް އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ. ޒިއަން ބޭނުންވީ ރާނީގެ ބައްޕަ އާއި ބެހޭގޮތުން ބޮޑަށް އިނގޭށެވެ. ވިލިއަމްގެ ބައިވަރު ވާހަކަތައް ވިލިއަމް ކިޔައިދިނެވެ. ޒިއަން ވެސް ރާނީގެ ވާހަކަތައް ވިލިއަމް އަށް ކިޔައިދިނެވެ. މި ވާހަކަތަކުގެ ތެރެއިން ޒިއަން އަށް ކުރިން ނޭންގޭ އެތައް ވާހަކައެއް ވިލިއަމް ކިޔައިދިނެވެ.
ދަމުން ޒިއަން އެދުނީ އެގެއަށް ވިލިއަމް ވެސް ބަދަލުވުމަށެވެ. ރާނީގެ ބައްޕަ މިހެން އެކަނި ކޮޓަރިއަކު އުޅެން ޒިއަން ބޭނުމެއް ނޫނެވެ. އެއިރުން ވިލިއަމް އާއި ރާނީގެ ދެމެދުގައި ވާ ބީރައްޓެހިކަން ވެސް ފިލައިގެން ދާނެ ކަމުގައި ޒިއަން ބުންޏެވެ. ޒިއަންގެ އެދުމަށް ވިލިއަމް އެގޮތާއި އެއްބަސްވިއެވެ.
***
"ރާނީ ހާދަ ބުރަކޮށްލައިގެން" ސިޑިން ފައިބައިގެން އައި ޝަމީމާ ގޮވައިލިއެވެ. ރާނީ އޭރު އުޅުނީ ގޭތެރެ ފޮޅާށެވެ. ސޯފާގައި، ގަމީހަކު ގޮށް ހަރުކުރަން އިން ޒާހިދާ ވެސް އެއަޑަށް ބަލައިލިއެވެ. ރާނީ ޝަމީމާގެ މޫނަށް ބަލައިލުމަށްފަހު އަނެއްކާވެސް މަސައްކަތާއިގެން މަސްއޫލުވިއެވެ. އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ޝަމީމާ ގޮސް އިށީނީ ސޯފާގައެވެ.
"ޒާހީ ތިކަހަލަ މަސައްކަތް ވެސް ކުރަންތަ؟" ޝަމީމާ އަހައިލިއެވެ. ޝަމީމާގެ މަގްޞަދަކީ ޒާހިދާ އާއި ބޮޑަށް ގުޅުން ބަދަހި ކުރުމެވެ. އަދިވެސް ޒާހިދާ ވަރަށް ދުރު ކަމަށް ޝަމީމާ އަށް ފާހަގަކުރެވެއެވެ. ޝަމީމާ ސުވާލުކުރުމުން ޒާހިދާ ކުޑަކޮށް ހީލުމަށްފަހު ބޯ ޖަހައިލިއެވެ.
"މަ ތިކަހަލަ މަސައްކަތެއް ނުކުރަން... މުޅިން ވެސް ފަހާތަނަކަށް ގެންދަނީ..." އެހިސާބުން ޝަމީމާ ވާހަކަ ދައްކަން ފެށިގޮތައް ހުއްޓައިވެސް ނުލިއެވެ. ރާނީ ވެސް އަޅައިނުލައި ގޭތެރެ ރީތި ކުރުމުގައި އުޅުނެވެ. ބައެއް ފަހަރު ޒާހިދާ ވެސް ބޯޖަހައިލައި އެއްޗެއް ބުނެލައެވެ.
މިހެން ތިއްބައި ޒިއަން އާއި ވިލިއަމް އައިސް ވަނުމުން އެންމެންގެ ސަމާލުކަން އެދިމާލަށް ދިޔައެވެ. ޒިއަން އައިސް ބުނި އެއްޗަކުން ޝަމީމާގެ ޠަބީއަތު މުޅިން ގޯސްވިއެވެ. ޝަމީމާ އިނީ ފާޑަކަށެވެ. މީނަ މިގެއަށް އައިސްފިނަމަ މިގޭ މީހުން މިހާރު ދޭ ސަމާލުކަމެއްވެސް ނުދޭނެއެވެ.
ރާނީ ހުރީ އޭނަގެ ބައްޕަ ގެއަށް އުމުން ވަރަށް އުފާވެފައެވެ. އެކަން އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ.
"ހެޕީތަ؟" ރާނީ އައިސް ކޮޓަރިއަށް ވަނުމުން ޒިއަން އަހައިލިއެވެ. ރާނީ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބޯ ޖަހައިލިއެވެ. ޒިއަން އައިސް ރާނީގެ އިސްތަށިގަނޑާއި ކުޅެލިއެވެ.
"ދިގުވޭ ދޯ އެބަ؟" ރާނީގެ އިސްތަށިގަނޑުގައި މޫނު ފޮރުވައިލަމުން ޒިއަން އަހައިލިއެވެ. ރާނީ ޒިއަންގެ ގައިގައި ބައްދައިލިއެވެ.
"ކޯންޗެއް ކާން ހެދީ ރާނީ؟" ރާނީގެ ގައިގައި ހިފައި ބާރުކޮށްލަމުން ޒިއަން އަހައިލިއެވެ.
"މަސް ފިހުނިން" ހަމަ އެހުރިގޮތަށް ހުރެ ރާނީ ބުނެލިއެވެ. ޒިއަން އަނގައި އަޑެއް ލައްވައިލިއެވެ.
"އަހަރެން ބޭނުން ބޭބީ އެއް" އަނެއްކާވެސް ރާނީ ބުނެލިއެވެ. ޒިއަން ކޮށިއެރިއެވެ. ކެއްސަން ފެށިގޮތަށް ހުއްޓައިނުލިއެވެ. އެންމެ ފަހުން ކޮޅަށް ނުހުރެވިގެން، ރާނީ ގައިން ދޫކޮށްލުމަށްފަހު ޒިއަން އިށީނީ އެނދުމަތީއެވެ.
"ބޭ.. ބޭބީ އެކޭ؟" ކެއްސުންގަނޑު މައިތިރިވުމުން ޒިއަން އަހައިލިއެވެ. ޒިއަން ޖައްސަން ފެށި ވައްތަރުން ރާނީ ކައިރިޔަށް ހިނިވެސް އައެވެ. ރާނީ ބޯ ޖަހައިލިއެވެ.
"އަދޭ ބޭބީ އެއް ލިބޭތޯ ޓްރައި ކުރަން" ތެދުވެގެން އައިސް ރާނީގެ އުނަގަނޑުގައި ދެއަތް ވަށައިލަމުން ޒިއަން ބުނެލިއެވެ.
"ކިހާ ދެރަކަމެއް ޒިއަން" ޒިއަން ދުރުކޮށްލުމަށްފަހު ރާނީ ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ޒިއަން ކައިރިޔަށް ވެސް ހިނިއައެވެ.
***
"މާޝް ދެން ފުރާނީ ކޮންއިރަކުން؟" އީމާން އަހައިލިއެވެ. އީމާން އާއި މާޝާ ވާހަކަ ދައްކަން ތިބީ މެރީބްރައުން ގައެވެ. އެތަނަށް އައީ މާޝާ ބޭނުންވެގެންނެވެ. މާޝާ އަދި ދުވަހަކުވެސް އެތަނަށް ނާންނާތީއެވެ.
"ދެން ނުދާނަން ކަންނޭންގެ... ކިއެވުން ނިމިއްޖެ އެކަމް ކޮއްކޮ އަށް އަދި ނުނިމޭ" މާޝާ ކިޔައިދިނެވެ. މާޝާ މެލޭޝިޔާގައި އުޅޭތާ މިހާރު ހަތަރު އަހަރު ވެއްޖެއެވެ. މި ވޭތުވެދިޔަ ހަތަރު އަހަރުތެރޭ އެންމެ ފަހަރަކުވެސް މާޝާ ރާއްޖެ ނާދެއެވެ. މާޝާ ފުރައިގެން ދިޔަ ހިސާބުން ދެމީހުންގެ ގުޅުން ވެސް ވަނީ ކެނޑިފައެވެ.
"މަންހާ ކޮބާ؟" މާޝާ އަހައިލިއެވެ. އެހިސާބުން އީމާންގެ މޫނުގެ ކުލަވަރު ވެސް ބަދަލުވެގެން ދިޔައެވެ. އީމާން ކެއުން ވެސް މަޑުޖައްސައިލިއެވެ.
"އީމު؟" މާޝާ ގޮވައިލިއެވެ. އީމާން ކޮނޑު އަރުވައިލިއެވެ.
"ތިދެމީހުން އުޅެނީ ރައްޓެހިވެގެން ނޫންތަ؟" މާޝާ އަހައިލިއެވެ. އީމާން ބޯ ހޫރައިލިއެވެ. މާޝާ އިނީ ހައިރާންވެފައެވެ.
"އީމާން ބުނީމެއްނު ޔޫ ލަވް މަންހާ އޭ... ދެން؟" ކާން އިން ތަށި ދުރުކޮށްލަމުން މާޝާ އަހައިލިއެވެ.
"ޔޫ ރިމެމްބަރ؟" މާޝާގެ މޫނަށް ބަލައިލަމުން އީމާން އަހައިލިއެވެ.
"އީމު އަހަރެން އޭގެ ފަހުން އެއްވެސް ކުއްޖަކާ ރައްޓެހި ނުވަން... ވަރަށް ޓްރައި ވެސް ކުރިން އެކަމް ވެސް ނުވޭ... އައި ރިމެމްބަރ ހުރިހާ ކަމެއް... އީމާން މަތިން ހަނދާނެއް ނުނެތޭ" މާޝާގެ ލޮލުން ކަރުނަ ހިލުނެވެ. ހީވީ މީގެ ހަތަރު އަހަރު ކުރިން ވެދިޔަ ކަންތައްތައް ލޯ ކުރިމަތީ ސިފަވެގެން ދިޔަހެންނެވެ.
"އޯކޭ ލެޓްސް ޓޯކް... ޕްލީޒް ނުރޮއްޗޭ" މާޝާގެ އަތުގައި ހިފައިލަމުން އީމާން ބުނެލިއެވެ. މާޝާ ބޯޖަހައިލި އިރު އެ ލޮލުގައި ހުރި ކަރުނަތައް ފައިބަން ފަށައިފިއެވެ. އީމާން ދެފަރާތް ބަލައިލިއެވެ. އަދި މާޝާގެ ކަރުނަތައް ފުހެލައިދިނެވެ.
"މަންހާ ލަވްޑް ޒިއަން އެންޑް..." އެހިސާބުން ކަންތައްވީ ގޮތް އީމާން ވަރަށް ހިތްވަރުކޮށްލާފައި ކިޔައިދިނެވެ. މާޝާ އިނީ ކަނުލައި އަޑުއަހާށެވެ. އެހުރިހާ ވާހަކައެއް އަޑުއަހަން އިން މާޝާ އިނީ ރުޅި އައިސް ރަތްވެފައެވެ.
"އެހުރިހާ ކަމެއްވީ އިރު އެންމެ ފަހަރަކު އަހަރެންނަށް ގުޅައިލި ނަމަ އީމު... އީމު އަކަށް ނޭންގޭނެ އަހަރެން ވެއިޓްކުރި ވަރެއް ވެސް" މާޝާ އީމާންގެ އަތުން ދޫކޮށްލިއެވެ.
"އުޅުނިން އެކަމް މާޝާ ފުރައިގެން ދިޔައީ އަހަރެން ކައިރީ ނުވެސް ބުނެ... އެހުރިހާ ކަމެއް ވީމަ ހީކުރީ ދެން ވާހަކަވެސް ނުދައްކާނެއޭ... ހުރިހާ އެއްޗަކުން ބްލޮކް ކޮށްފަ... އެހެންވެ ނޫޅުނީ... ދެން މިހުރިހާ ކަމެއް ވީމަ ހަނދާނެއްވެސް ނެތް... ހިއެއް ނުކުރަން ބިޓެއްވެސް ނުނަގާ ހުންނާނެ ކަމެއް... މާޝް ޕްލީޒް ރުޅި ނާދެބަލަ" އީމާން އަނެއްކާވެސް މާޝާގެ އަތުގައި ހިފައިލިއެވެ. އީމާން ވަރަށް ވާހަކަ ދެއްކުމުން މާޝާ ހަމައަކަށް އެޅުނެވެ.
***
"ރާނީގެ ބައްޕަ ކައިރީ ބުނެބަލަ އަވަސްކޮށްލާށޭ އަހަރެން ބޭނުން އަވަހަށް ޖަރުމަނަށް ކިޔަވަން ދާން... މިހާރު އަހަރެންގެ ރައްޓެހިންވެސް ކިޔަނީ އަދިވެސް ނުދެވެއެއްނުހޭ... އަހަރެން ބޭނުން އެމީހުންނަށް ދައްކަން ދެވޭނެކަން ވެސް..." ރާނީ ބަގީޗާ ތެރޭ ހުއްޓައި ފަހަތުން އައިސް ޝިޔާ ބުނެލިއެވެ. ރާނީ ހަމަ އަނގައިން ވެސް ނުބުނެ ހުރީއެވެ.
"ފޮނި ދައްކަންޏާ އިސްތަށިގަނޑުގެ ދެން އޮތް ބައި ވެސް ކޮށާލާނީ އިނގޭ" ރާނީގެ އިސްތަށިގަނޑުގައި ހިފައި ކުއްލިއެއް ޖަހަމުން ޝިޔާ ބުނެލިއެވެ.
"އޭ ޝިޔާ މޮޔަވީތަ؟ ދޫކުރޭ އޭނަ ބޮލުން" ފަހަތުން އިވުނީ ޝަމީމާގެ އަޑެވެ. ޝަމީމާ އައިސް ޝިޔާގެ އަތް ރާނީގެ ބޮލުން ނައްޓުވައިލިއެވެ. ޝަމީމާ އުޅުން ގޮތުން ރާނީ ހުރީ ހައިރާންވެފައެވެ.
"ކަލޭ ފާޑުފާޑަށް ގަޔަށް އަތް ނުލައްޗޭ... ތަދުވިތަ ދޫންޏާ؟" ރާނީގެ ބޮލުގައި ފިރުމައިލަމުން ޝަމީމާ، ޝިޔާ އަށް ލޯ އަޅައިލިއެވެ. ޝިޔާ ރުޅި އައިސްގެން އެތަނުން ދިޔައީއެވެ.
"ޝިޔާ އެއްޗެއް ބުނެފިއްޔާ މަ ކައިރީ ބުނައްޗޭ އިނގޭ" ރާނީގެ ބުރަކަށީގައި ފިރުމައިލަމުން ޝަމީމާ ބުނެލިއެވެ. އަދި އެތަނުން ދިޔައެވެ. ޝަމީމާ ދިޔަ ދިމާލަށް ބަލަންހުރި ރާނީގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް