ޖުމްހޫރީ ޕާޓީގެ ރައީސާއި ހަތަރު ނައިބު ލީޑަރުން ހޮވައިފި އެވެ.
މި މަގާމުތަކަށް ބޭފުޅުން އިންތިހާބުކޮށްފައިވަނީ އިއްޔެ އާއި މިއަދު ޕެރެޑައިސް އައިލެންޑު ރިސޯޓުގައި ކުރިޔަށްދާ އެ ޕާޓީގެ ކޮންގްރެސްގައި އެވެ. ޖޭޕީގެ ރައީސް ކަމަށް ވާދަ ކުރެއްވީ އެންމެ ބޭފުޅެކެވެ. ނައިބު ލީޑަރު ކަމަށް ހަތަރު ބޭފުޅަކު އިންތިހާބު ކުރަން ޖެހޭއިރު ފަސް ބޭފުޅުން ވާދަ ކުރެއްވި އެވެ.
ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅާ އަލީ ވަހީދު އެ މަގާމަށް ހޮވިވަޑައިގެންނެވީ 154 ވޯޓުންނެވެ. އޭނާ އެމަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް 102 މީހަކު ވޯޓު ދީފައިވެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ކޮންގްރެސްގައި ވޯޓު ނެގުމާއި ހަމައަށް ޖޭޕީގެ މެންބަރުންގެ ތެރެއިން ދިޔައީ އަލީ ވަހީދާ ދެކޮޅަށް ކެމްޕެއިން ކުރަމުންނެވެ.
ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވީ އަބްދުﷲ އަމީން، އަމީން އިބްރާހިމް، އަބްދުﷲ ކަމާލުއްދީން، މުހައްމަދު ފަޔާޒު (އެފްއޭ) އަދި ހުސައިން ރަޝީދު ހަސަން އެވެ. މީގެ ތެރެއިން ނާކާމިޔާބާއި ކުރިމަތިވެވަޑައިގެންނެވީ އަބްދުﷲ ކަމާލުއްދީން އަށެވެ. އޭނާއަށް ލިބިފައިވަނީ 106 ވޯޓެވެ.
އެންމެ ގިނަ ވޯޓު ހޯއްދެވި އަބްދުﷲ އަމީންއަށް 237 ވޯޓު ލިބުނު އިރު އަމީން އިބްރާހިމް އަށް 227 ވޯޓު ލިބުނެ އެވެ. އަދި ހުސައިން ރަޝީދަށް 224 ވޯޓު ލިބުނު އިރު ފަޔާޒު އިންތިހާބު ކާމިޔާބު ކުރެއްވީ 167 ވޯޓުންނެވެ.
ޖޭޕީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ ޑރ އަބްދުﷲ މައުސޫމް އެވެ. އެކަމަކު ޖޭޕީ އުފެދުނީންސުރެ ޖޭޕީގެ ލީޑަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ގާސިމް އެ މަގާމަށް ކުރިމަތި ނުލައްވާތީ ޕާޓީގެ ލީޑަރުގެ މަގާމު އޮތީ ހުސްކޮށެވެ. މިފަހަރު އެއްވެސް ބޭފުޅަކު އެ މަގާމަށް ކުރިމަތިނުލައްވަ އެވެ.
އެ މަގާމުގައި މިހާރު ހުންނެވި ގާސިމް އަށް ކުރިމަތި ނުލެއްވުނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން ހުށަހެޅި މައްސަލާގައި އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ.
ޖުމްހޫރީ ޕާޓީގެ 32 މަގާމަކަށް ބޭފުޅުން އިންތިޚާބު ކޮށްފައިވާއިރު އޭގެ ތެރޭގައި ޕާޓީގެ ކައުންސިލާއި ޔޫތު ވިންގުގެ އިތުރުން އަންހެނުން ލީގް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް