ރާއްޖެއިން އެދިފައިވާ ވަރަށް ބަލައި އިންޑިއާއިން ކާބޯތަކެތީގެ ކޯޓާ ދަށްކޮށްފި

އިންޑިއާއިން ރާއްޖެއަށް ދޫކުރާ ކާޑުގެ ބާވަތްތަކުގެ ކޯޓާ އާއި ފިޔާ، އަލުވި އަދި ބިހުގެ ކޯޓާ ދަށްކޮށްފި އެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ވަޔާގައި ބުނެފައިވަނީ އިންޑިއާއިން ކޯޓާއަށް ބަދަލު ގެނައީ ރާއް...

23 Jun 2018 | 08:00

އިންޑިއާއިން ރާއްޖެއަށް ދޫކުރާ ކާޑުގެ ބާވަތްތަކުގެ ކޯޓާ އާއި ފިޔާ، އަލުވި އަދި ބިހުގެ ކޯޓާ ދަށްކޮށްފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ވަޔާގައި ބުނެފައިވަނީ އިންޑިއާއިން ކޯޓާއަށް ބަދަލު ގެނައީ ރާއްޖެ އިން މިދިޔަ ތިން އަހަރު އެ ބާވަތްތައް ބޭނުންކުރި މިންވަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ކޯޓާ ކަނޑައެޅުމުގައި މިދިޔަ އަހަރުން ފެށިގެން ބަލަނީ ރާއްޖެ އިން ބޭނުންވެގެން ހުށަހަޅާ މިންވަރަށް ކަމަށް ބުނެފައިވެ އެވެ.

މިގޮތަށް ނިންމަން ފެށީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި 1981 ވަނަ އަހަރު ސޮއިކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކާ ބެހޭ އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރު ގެނައި ބަދަލަކާއި ގުޅިގެންނެވެ. އެކަމަކު ކުރިން ދޫކޮށްފައިވާ ކޯޓާއާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ބާވަތްތައް އެތެރެކުރެވޭނެ ކަމަށް ވެސް އެ ނޫޙުގައި ވެ އެވެ.

އަލަށް ގެނައި ބަދަލާއި ގުޅިގެން އެންމެ ބޮޑަށް ކޯޓާ ދަށްކޮށްފައިވަނީ ފުށް، ހަކުރު އަދި ހަނޑޫއިންނެވެ. އެގޮތުން ކުރިން ކަނޑައަޅާފައިވާ 59،442.17 ޓަނުގެ ފުށުގެ ކޯޓާ ވަނީ 98.4 ޕަސެންޓް ދަށްކޮށްފަ އެވެ. ކުރިން ކަނޑައަޅާފައިވާ 11،706.3 ޓަނުގެ ހަކުރުގެ ކޯޓާ  ވަނީ 97 ޕަސެންޓް ކުޑަކޮށްފަ ވާއިރު ހަނޑުލުގެ ކޯޓާ ވަނީ 67،640 ޓަނުން 24،581 ޓަނަށް ދަށްކޮށްފަ އެވެ. މިއީ 63 ޕަސެންޓްގެ ދަށްވުމެކެވެ.

ބިހުގެ ކޯޓާ ވެސް ވަނީ 111،809،090 އަށް ދަށްކޮށްފަ އެވެ. ހަވާދުގެ ބާވަތްތަކުގެ ކޯޓާ ވެސް ވަނީ 122.2 ޓަނުން 31.5 ޓަނަށް ދަށްކޮށްފަ އެވެ. މިހާރު ކަނޑައަޅާފާ ކޯޓާގެ ދަށުން ރާއްޖެއަށް ފޯރުކޮށްދޭނީ 5.3 ޓަނުގެ އަލުއްވާއި 9.8 ޓަނުގެ ފިޔާ އެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑާ ހަވާލާދީ ދަ ވަޔާ ނޫހުގައި  ބުނެފައިވާ ގޮތުގައި މި ބަދަލު ގެނައީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

މިފަދަ ބަދަލެއް ގެނެސްފައިވާއިރު ދެ ގައުމުގެ ދެމެދުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް