ސަރުކާރުން އިއުލާނުކޮށްފައިވާ "ހިޔާ މަޝްރޫއު" ގެ ދަށުން ދޫކުރާ ފްލެޓަށް އެދޭ ފޯމު ދޫކުރުމާއި، ބަލައިގަތުމުގެ ވަގުތު މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ހެނދުނު 9:00ން މެންދުރު ފަހު 3:00 އަށް، ހަވީރު 4:00 ން 6:00 އަށެވެ. އަދި ރޭގަނޑު 8:00 ން 11:00 އަށެވެ. ފޯމް ދޫކުރުމާއި ބަލައިގަތުގެ ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ހުރިހާ ދުވަހެއްގައި އެވެ.
އީދު ބަންދަށް ފަހުވެސް ފޯމް ބަލައިގަންނަ ގަޑިތަކަށް ބަދަލު ގެނައި އެވެ. ހައުސިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ގަޑިތަކަށް ބަދަލު ގެންނަން ނިންމީ ރޯދަ އާއި ހަރޯދަ ނިންމާ ސަރުކާރު އޮފީސްތަކުން ހިދުމަތްދޭ ވަގުތު އިތުރުކުރުމުން ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދުމުގެ ފޯމު ބަލައިގެންނަން ފަށާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އަންނަ މަހުގެ 31 ގެ ނިޔަލަށް ފޯމް ބަލައި ގަނެ، އޯގަސްޓު މަހުގެ ތެރޭގައި ފްލެޓު ލިބޭ މީހުން ކަނޑައަޅަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ފޯމް ހުށަހެޅުމުގެ އިންތިޒާމްތައް ފަސޭހަކޮށްދިނުމުގެ ގޮތުން ހައުސިން މިނިސްޓްރީން ވަނީ އޮންލައިންކޮށް ކިއުބީ އެޕް މެދުވެރިކޮށް ނަމްބަރު ނެގޭނެ ގޮތް ހަދާފަ އެވެ. އަދި ދަރުބާރުގެއިންވެސް ކިޔުގައި ނުޖެހި ފޯހު ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައި އެވެ.
ފޯމު ހުށަހަޅާ ނަމްބަރު ދޫކުރާނީ ފޯމް ބަލައިގަންނަ ގަޑި ހަމަވާން ބައި ގަޑިއިރަށް ވަންދެނެވެ. އަދި އެ ގަޑިއަށް ކިއުބީ އެޕް މެދުވެރިކޮށް ނަމްބަރު ދޫކުރުންވެސް ހުއްޓާލާނެ އެވެ.
ފްލެޓަށް އެދި މިހާތަނަށް ފޯމް ހުށަހެޅި މީހުންގެ އަދަދު އަދި ހާމައެއް ނުކުރެ އެވެ. މި މަޝްރޫއުގެ ދަށުން 17 ކެޓަގަރީއަކުން ހަތް ހާސް ފްލެޓު ދޫކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް