ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި) ގެ މައްސަލައިގައި ރޭ އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ދިވެހިރާއްޖެއިން ވޯޓު ދީފައިވަނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަޙަތުތައް ޙިމާޔަތްކުރުމަށް ކަމަށް ފޮރެން މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައަޅައި ބަޔާންކޮށް، ޤާނޫނު ނަމްބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާއި ބެހޭ ޤާނޫނު) ގައި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ކަނޑައަޅާފައި ވަނިކޮށް، އެއަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް އދ ގެ އާންމު މަޖިލީހަށް ނުވަތަ އެނޫން މަޖިލީހަކަށް ހުށަހެޅޭ ހުށަހެޅުމަކަށް ދިވެހި ސަރުކާރަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.
ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލަގޯއާއި ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި، ކަނޑުތަކާއި ބެހޭ ބައިނަލްއަޤްވާމީ ޤާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން)ގެ ދަށުން ރާއްޖެއިން ވަނީ 2010 ވަނަ އަހަރު އދ އަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ އިންތައް ހުށަހަޅާފައި ވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"މި ހުށަހެޅުން އދ އަށް ފޮނުވުމާއި ގުޅިގެން މޮރިޝަސްއިން ވަނީ އެހުށަހެޅުމާއި ދެކޮޅު ހަދާކަން އދ ގެ ސެކްރެޓަރީ ޖެނެރަލްއަށް އަންގާފައި ކަމަށާއި، އިން ކަނޑައެޅުމުގެ މައްސަލައިގައި ވަކި ގޮތެއް އދ އިން ނިންމާފައި ނުވަނީސް، ޗާގޯސް އާކިޕެލަގޯގެ މައްސަލައިގައި ވަކި ގޮތަކަށް ނިންމަން ޖެހޭކަމަށް ބުނެ ތާއީދު ކޮށްފިނަމަ ދިވެހިރާއްޖޭގެ ސަރަހައްދާއި ބެހޭ ގޮތުން އދ ގެ ކަމާއި ބެހޭ އިދާރާއަށް ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމާއިމެދު ސުވާލު އުފެދޭނެއެވެ. މިކަމުގައި ދިވެހިރާއްޖެއިން ހިފަހައްޓަން ޖެހޭނީ މިއަދުގެ ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތްކަމުގައި ދިވެހި ސަރުކާރުން ޤަބޫލުކުރެއެވެ." އެ ބަޔާނުގައި ވެއެވެ.
އދ ގެ އާންމު މަޖިލީހުގައި މިމައްސަލައިގައި ކުރެވުނު ބަހުސްގައި ވެސް، އަދި އޭގެ ފަހުން ދިވެހިރާއްޖެ އިން ވޯޓު ދިން ގޮތް ހާމަކުރުމުގައިވެސް ދިވެހިރާއްޖެއިން ވަނީ އެކަން ސާފުކޮށްދީފައެވެ. އަދި މިއީ 1990ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރުކާރަކުންވެސް ދަމަހައްޓަމުން އައި ސިޔާސަތެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް