ފިތުރު އީދާއި ގުޅިގެން ބަންދު ދުވަސްތައްކަމުގައި ހަމަޖެހިފައިވާ ދުވަސްތަކުގައި ދަމަނަ ވެށީގައިވެސް ހިދުމަތް ދިނުން ނޯންނާނެތީ، ވެކްސިން ޖަހަން ބޭނުންވާ ފަރާތްތައް އީދު ބަންދުގެ ކުރިން އެކަމާ އުޅުމަށް ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.
ހެލްތް މިނިސްޓްރީއިން ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މުއްދަތުގައި އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ފަރާތްތަކުން އެބޭފުޅުން ޖަހަންޖެހޭ ވެކްސިންތައް ފިތުރު ޢީދު ބަންދު ފެށުމުގެ ކުރިން ފުރިހަމަކުރެއްވުމަށް އިލްތިމާސް ކުރާކަމަށެވެ.އަދި ވެކްސިން ޖެހުމަށްފަހު ލިބޭ ވެކްސިންގެ ސެޓްފިކެޓްގައި ހުރިހާ މައުލޫމާތު ހަމައަށް ހުރިތޯ ބެލުމަށްވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން، ބަންދު ދުވަސްތަކުގައި އިމަޖެންސީކޮށް ކޮންމެހެން ޖަހަންޖެހޭ ޓްރެވަލް ވެކްސިން ޖަހައިދެވޭނީ މުއްދަތު ހަމަނުވާ ޕާސްޕޯޓް، މުއްދަތު ހަމަނުވާ އައި.ޑީ ކާރޑް އަދި ދެންނެވިފައިވާ މުއްދަތުގައި ފުރުމަށް އޯކޭ ކުރެވިފައިވާ ޓިކެޓް ނުވަތަ ރަސްމީ ތައްގަނޑުޖެހި ޓްރެވަލް ޑޮކިއުމެންޓްއެއް ފުރިހަމަ ކުރުމަށްފަހު 3322403 މި ނަންބަރަށް ގުޅާ ފަރާތްތަކަށް ކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް