ބުރުސޫރަ- އަށާވީސް ވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ކޮޓަރިއަށް ވަތް އިރު ރާނީގެ ލޮލުން ހުރީ ކަރުނަ ހިލިފައެވެ. ބައްޕަ އެގޮތަށް މުޚާތަބުކުރުމުން ރާނީ ވަރަށް ދެރަވެއްޖެއެވެ. މަންމަ އާއި ބައްޕަގެ ސިކުނޑިއާއި ވެސް މިހާރު މަންހާ ކުޅެލަ...

23 May 2019 | 08:22

ކުރީގެ އަދަދާ ގުޅޭ...

ކޮޓަރިއަށް ވަތް އިރު ރާނީގެ ލޮލުން ހުރީ ކަރުނަ ހިލިފައެވެ. ބައްޕަ އެގޮތަށް މުޚާތަބުކުރުމުން ރާނީ ވަރަށް ދެރަވެއްޖެއެވެ. މަންމަ އާއި ބައްޕަގެ ސިކުނޑިއާއި ވެސް މިހާރު މަންހާ ކުޅެލައިފިއެވެ. ދެން ކުރާނީ ކޮން ކަމެއް ބާއެވެ. ކިތަންމެ ވިސްނައިގެން އުޅުނެއް ކަމަކު މަންހާގެ ބޯ ރާނީ އަށް ވުރެ މާ ބޮޑެވެ. ރާނީ މިހާރު އެދެމުން ދިޔައީ ޒިއަން އަވަހަށް އައުމަށެވެ. ވިސްނަން އިނުމަށްފަހު ރާނީ ޒިއަން އަށް ގުޅައިލިއެވެ. ދެފަހަރަކު ރިންގް ވާއިރަށް ޒިއަން ފޯނު ނަގައިފިއެވެ.

"ހެއި ބޭބް ހަމަ ގުޅަން އުޅެނިކޮށް ތި ގުޅީ.." ފޯނު ނެގުމަށްފަހު ޒިއަން ބުނެލިއެވެ. ރާނީ ކުޑަކޮށް ނޭފަތް ދަމައިލިއެވެ.

"އަދިވެސް ރޯގާ ރަގަޅު ނުވޭތަ؟ ކުޑޫ ފޮނުވަންތަ ޑޮކްޓަރަށް ދައްކަން ދާން؟" ޒިއަން އަހައިލިއެވެ. ނަމަވެސް ރާނީ އެކަން މަނާކުރިއެވެ.

"އޭ މި ވީކް ނުދެވެޔޭ... މާޒިންގެ ކަޒިން އެއް މެރީ ކުރާތީ މާޒިންގެ ބައްޕަ ބުނެފި ކައިވެނި ނިމުނީމަ ދާން މަޑުކުރާށޭ އެހެންވެ" ޒިއަން މިހެން ބުނިއިރު ރާނީ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"ރާނީ؟" ރާނީ އަނގައިން ނުބުނުމުން ޒިއަން ގޮވައިލިއެވެ. ރާނީ ހޫމް އަޅުވައިލިއެވެ.

"ރުޅި އައީތަ؟ އަޅެ ސޮރީ" ވަރަށް ދެރަވެލާފައި ޒިއަން ބުނެލިއެވެ.

"އޯކޭ އޭ އައިމް ފައިން... އެކަމް ވަރަށް މިސް ވޭ" ހިތާއި ދެކޮޅަށް ރާނީ ބުނެލިއެވެ. އެއަށްފަހު ދެމީހުން ފޯނުގައި ވަރަށް ގިނައިރު ވާހަކަ ދައްކަން ތިއްބެވެ. ޒިއަން ދައްކަމުން ދިޔައީ އެރަށުގެ ވާހަކަތަކެވެ. ރާނީ އޮތީ އަޑުއަހާށެވެ. އެހެން އޮއްވައި ރާނީ އަށް ނިދުން އިރެއްވެސް ނޭންގެއެވެ.

ހެނދުނު ރާނީ ބަދިގެއަށް ދިޔައިރު ޝާހިދު އާއި ޒާހިދާ ތިބީ ކޮފީ ބޯށެވެ. ޝާހިދު ފެނުމާއި އެކީ ރާނީގެ އަތް ފައި ފިނިވެގެން ދިޔައެވެ.  ރާނީ ވަނުމުން އާދައިގެ މަތިން ޝާހިދު ވަރަށް ލޯބިން ރާނީ އަށް ގޮވައިލިއެވެ. ރޭގައި ވީ އެއްވެސް ކަމެއް ހަނދާން ނެތް ކަހަލައެވެ. ނަމަވެސް ރާނީ ހުރީ ފިނިވެފައެވެ. މަޑުވެސް ކޮށްނުލައި ރާނީ ވަނީ ބަދިގެއަށެވެ. އަދި ހެނދުނުގެ ސައި ތައްޔާރުކުރަން ފެށިއެވެ.

އެދުވަހު އެއްކޮށްވެސް ރާނީ ހުރީ ނެގިމަޑުވެފައެވެ. ރޭ ވީ ކަންތަކުގެ އިތުރުން ޒިއަންގެ ފުރުން ލަސްވުމުން އެކަމާ ވިސްނެނީއެވެ. ރާނީ އާއި ދިމާކޮށްލަން މަންހާ ދެފަހަރު އުޅުނެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ރާނީ އަވަހަށް ބަލަނީ މަންހާގެ ކުރިމަތިން ދެވޭތޯއެވެ. މަންހާ ހުންނަ ތަނެއްގައި ރާނީ މަޑުވެސް ކޮށްނުލައެވެ. ނަމަވެސް އެންމެ ތަންކޮޅެއްވެސް ދޫކުރާކަށް މަންހާ ބޭނުމެއް ނޫނެވެ. މުޅި ދުނިޔެއިން ވެސް މަންހާ އަޅައިގަންނަން އިނގުނީ އޭނާގެ ފިރިމީހާ އާއި ހެއްޔެވެ. މިދުނިޔެއިން ފިރިހެނުން ހުސްވީއެއް ނޫނެވެ.

އެރޭގެ ވަގުތެވެ. ގަޑިން ބާރަ ޖަހަނީއެވެ. ރާނީ އަށް ހޭލެވުނީ ކެއްސައިގަނެގެންނެވެ. ތެދުވެ ބަލައިލިއިރު ފެން ފުޅި ހުރީ ހުސްވެފައެވެ. އެހެންކަމުން ހުސްފުޅި ހިފައިގެން ރާނީ ނިކުތީ ފުޅިއަށް ފެން އެޅުމަށެވެ. ފުޅިއަށް ފެން އަޅައިގެން ރާނީ ކާކޮޓަރިން ނިކުތްއިރު ގޭ މައި ދޮރުން މީހަކު ނިކުންނަތަން ފެނުނެވެ. އިސްތަށިގަނޑު ދޫކޮށްލާފައި ހުރުމުން އެއީ އަންހެނެއްކަން ރާނީ އަށް އިނގުނެވެ. އެކަމަކު ކާކު ހެއްޔެވެ. ރާނީ މަޑުމަޑުން ދޮރާއި ކައިރިވެލުމަށްފަހު ބޭރު ބަލައިލިއެވެ. އޭރު ގޭޓު ކައިރީގައި ހުއްޓިގެން ހުރީ މަންހާއެވެ. މަންހާ މިގަޑީގައި ބޭރުގައި މި ކުރަނީ ކީއްހެއްޔެވެ. އިރުކޮޅަކުން ސައިކަލެއްގައި މީހަކު އައިސް މަޑުކޮށްލިއެވެ. އެމީހާގެ ޖީބުން ކޮންމެވެސް އެއްޗެއް ނެގުމަށްފަހު ވަރަށް ސިއްރުން މަންހާގެ މުށުތެރެއަށް ލައިދިނެވެ. މަންހާ ވެސް ކޮންމެވެސް އެއްޗެއް ޖީބުން ނެގުމަށްފަހު އެމީހާގެ އަތައް ދިނެވެ. މަންހާ މިހާ ސިއްރުން މިކުރަނީ ކީއްބާއޭ ރާނީގެ ހިތައް އެރިއެވެ.

ގޭޓު ކައިރީހުރި މަންހާ ގެއަށް ވަންނަން އެނބުރުނު ވަގުތު ދިޔައީ ސިއްސައިގެންނެވެ. އަނދިރީގެ ތެރެއިން ރާނީގެ ފެންނަން ހުރި ލޯ ހުރީ ވިދާލައިފައެވެ. އެ އަޅި ކުލައިގެ ކަޅިން ބަލަންހުރިއިރު، ކޮންމެ މީހަކަށް ވެސް މިވަގުތު ރާނީ ފެނެއްޖެ ނަމަ ވާނީ ހަމަ މަންހާ އަށް ވީ ވަރެވެ. އެހާ ވެސް ބިރުވެރިއެވެ. މަންހާ ބަލައިލުމުން ރާނީ އެތެރެއަށް ދެމިގަތެވެ. މަންހާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ދެވަނަ ސިކުންތުގައި ވަރަށް ހާސްވިއެވެ. އަނެއްކާ ރާނީ އަށް މަންހާ ކުރި ކަންތައް ފެނުން ހެއްޔެވެ. ރާނީ މިހާރު އޭނާ އަށް ފާރަލާން ފެށީ ހެއްޔެވެ. ވެދާނެއެވެ. މަންހާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ވެސް ފާރަލައިފާނެއެވެ. ނަމަވެސް މަންހާ މާ ހުށިއާރުވާނެއެވެ. އެއްޗެއް ވިސްނާލަން ހުރެފައި ހީލުމަށްފަހު މަންހާ ގޭތެރެއަށް ވަދެ ދޮރު ޖެހިއެވެ.

***

އިރު އަރައިގެން އައިސް މުޅި ކޮޓަރިތެރެ އަލިކޮށްލި އިރު އެންމެން ތިބީ ނިދައިފައެވެ. ހޫނު ވެގެން ފުރަތަމަ ހޭލެވުނީ އީމާން އަށެވެ. އީމާން ބަލައިލިއިރު ކައިރީގައި ޒިއަން ނިދާފައި އޮތެވެ. ނަމަވެސް މާޒިން އެއް ނެތެވެ. އީމާން ތެދުވެ ފާހާނާ އަށް ވަދެފައި އައިސް ރަގަޅަށް ބަލައިލިއެވެ. ގަޑިން ހަތެއް ޖެހީއެވެ. މިހާ ހެނދުނާ މާޒިން މިދިޔައީ ކޮންތަނަކަށް ހެއްޔެވެ. އީމާން ބޭރަށް ނިކުތްއިރު މާޒިން އާއި ސަބާ ތިބީ ޖޯލީގައެވެ. އީމާން ވިސްނައިލިއެވެ.

"ކަލޭމެން ރޭ ޖެއްސި ގޮތަށްތަ ތިތިބީ؟" އީމާން އަހައިލިއެވެ. މާޒިން ކައިރިއަށް ހިނިއައެވެ. ސަބާ ވެސް ލަދުން އިސްޖަހައިލިއެވެ. އީމާން ޗޮކެއް ކަނޑައިލުމަށްފަހު ބޯ ހޫރައިލިއެވެ.

"ސާބަހޭ އަލަށްތަ ކައެ އަށް ބިޓެއް ތި ލިބުނީ؟ އެމަންޖެ ނިދިޔަކަ ވެސް ނުދޭ" އީމާން ހަމަ އެހުރިގޮތަށް ހުރެ ބުނެލިއެވެ. މާޒިން ކައިރީ ކޮންމެވެސް އެއްޗެއް ބުނުމަށްފަހު ސަބާ ތެދުވެގެން ދިޔައެވެ. މާޒިން ވެސް އައިސް ގެއަށް ވަނެވެ. ފަހަތުން އީމާން ވެސް ވަނެވެ.

"ތީ ދެން އަސްލުވެސް ބޮޑުވަރު... މިއަދު މާވަށަށް ދާން ކިޔާފަ ކައެ ނުނިދާ ހުރީމަ ދެވޭތަ" އީމާން ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.

"ހާސްނުވެބަލަ... ފުރަން ކައިރިވީމަ ގޮވާބަ މަ އެބަ ޖައްސާލަން" މިހެން ބުނުމަށްފަހު މާޒިން އެނދުމައްޗަށް ވެއްޓިގަތެވެ.

"އޭ ދެން އޮތީ އެންމެ ދެ ގަޑިއިރޭ... ކައެ ނުހޭލާނެ ބަލައްޗޭ.. ނިދާނެ ކަމެއް ނެތް ދެން" މާޒިންގެ މޫނު މަތީ އޮތް ބާލީސް ދަމައިގަންނަމުން އީމާން ބުނެލިއެވެ. އަޑު ގަދަވެގެން ޒިއަން އަށް ވެސް ހޭލެވުނެވެ.

"ކިހާ ދެރަކަމެއް" ރުޅި އައިސްގެން ޒިއަން ހެޅޭއްލަވައިގަތުމުން ދެމީހުން މައިތިރި ވެއްޖެއެވެ.

ފުރަން ތިރީސް މިނެޓަށް ވީއިރުވެސް މާޒިން ނުހޭލައެވެ. މިހާރު މަނިކު ވެސް އައިސް ގޮވައިފިއެވެ.

"މަ ބުނީމެއްނު ނުހޭލާނެއޭ... ރޭ ހަތަރުދަމު ޖޯލީގަ އެތިބީ ދެމީހުން" އީމާން ހުރީ ވަރަށް ރުޅި ގަދަވެފައެވެ. މާވަށަކީ އީމާން ވަރަށް ދާން ބޭނުންވާ ރަށެކެވެ. އެރަށުގައި އީމާންގެ ވަރަށް ގާތް ރައްޓިއްސަކު ވެސް އުޅެއެވެ. އީމާން އެރަށަށް އެންމެ ދާން ބޭނުންވަނީ އެހެންވެއެވެ.

"އޭ މާޒިން ދެން ތެދުވެބަލަ" ޒިއަން އަނެއްކާވެސް އައިސް ގޮވަން ފެށިއެވެ. އެންމެ ފަހުން އީމާން އާއި ދެމީހުން މާޒިން ނަގައިގަނެގެން އެނދުން ވައްޓައިލިއެވެ. އެއާއި އެކީ މާޒިން ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ޒިއަން އާއި އީމާން ބިނދި ބިނދިފައި ހޭން ފެށިއެވެ.

"އޭ ކިހާ ބޮޑު ކަމެއް... މަ ތެދުވާށޭ މިއޮތީ... ތަދުވެއްޖެއޭ" ކޮޅަށް ތެދުވަމުން މާޒިން ބުނެލިއެވެ. މާޒިންގެ މޫނުމަތިން އަސްލުވެސް ތަދުވެއްޖެ ކަން އިނގެން ހުއްޓެވެ. ނަމަވެސް އެކަމާ އަޅައިނުލައި ދެމީހުން ދިޔައީ ގަދަޔަށް ހެމުންނެވެ.

އެމީހުންނަށް ލޯންޗަށް އެރުނީ ކިރިޔާއެވެ. ލޯންޗު ނައްޓައިލައިފިއެވެ. މާވަށަށް ދިޔައީ ތިން މީހުންގެ އިތުން ސަބާ އަދި ސަބާގެ ދައްތަ ޝިބާ އެވެ.

"އީމާން އެމަންޖެ ސެޓުކޮށްބަލަ" ޝިބާ ދައްކައިލަމުން ޒިއަން ވަރަށް މަޑުން ބުނެލިއެވެ. އީމާން ބަލައިލިގޮތުން ޒިއަން ކައިރިޔަށް ހިނިއައެވެ.

"ކިހާ ލޯބި އެ މަންޖެ ވެސް... ލޯބިވާ މީހުން މިހާރަކު ނުލިބޭނެޔޭ..." ޒިއަން އަނެއްކާވެސް ބުނެލިއެވެ. އީމާން އަނެއްކާވެސް ޒިއަން އަށް ލޯއަޅައިލިއެވެ.

****

ސައި ތައްޔާރު ކުރުމަށްފަހު ރާނީ އުޅުނީ ބޭރު ކުނި ކަހައިލާށެވެ. އިރުކޮޅަކުން ޝާހިދު އައިސް ގެއަށް ވަނެވެ. ބައްޕަ އައުމުން ރާނީ އަވަސްވެގަތީ ކާކޮޓަރިއަށް ވަދެ ސައި ހަދާށެވެ. ޝާހިދު ވެސް އައިސް ވަނީ ކާކޮޓަރިއަށެވެ. ދެމީހުން ވަތްއިރު މީހަކު ހުރީ ސައި ހަދާފައެވެ. އިރުކޮޅަކުން ސައި ޖަގު ހިފައިގެން ބަދިގެއިން ނިކުތް މަންހާ ފެނުމުން ދެމީހުން ވެސް ހައިރާންވިއެވެ.

"އަވަހަށް އާދެ ބޭބޭ... މިއަދު ސައި ހެދީ މަން އޭ" ހީލަމުން މަންހާ މިހެން ބުނެލިއިރު ވަށްކަޅިން ރާނީގެ މޫނަށް ބަލަމުން ދިޔައެވެ.

"އެހެންތަ؟ ވަރަށް ރަގަޅު" މޭޒު ކައިރީ އިށީންނަމުން ޝާހިދު ބުނެލިއެވެ. އެވަގުތު ޒާހިދާ ވެސް އައިސް ވަނެވެ. ރާނީ ބަލަން ހުރެފައި ނިކުމެގެން އައީއެވެ.

ކޮޓަރި ފޮޅައިލުމަށްފަހު ރާނީ ނިކުތީ ކުނި ވަށިގަނޑު ހިފައިގެންނެވެ. ކުނި ވަށިގަނޑު ހުސްކޮށްލުމަށްފަހު ރާނީ ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު ފަހަތުން ޝާހިދު ގޮވައިލިއެވެ.

"ރާނީ އައިސްބަލަ" ޝާހިދުގެ ޖުމްލައިގެ ރާގު ހުރިގޮތުން ރާނީގެ އަތުން ވަށިގަނޑު ނުވެއްޓުނީ ކިރިޔާއެވެ. ވަށިގަނޑު ތިރީގައި ބެހެއްޓުމަށްފަހު ސޯފާގައި އިން ޝާހިދު ކައިރިއަށް ރާނީ ދިޔައެވެ.

"ރޭގަ ބޭރަށް ނިކުތިންތަ؟" ޝާހިދު އަހައިލިއެވެ. ރާނީ ހިންދިރުވައިލިއެވެ. އަނެއްކާ މަންހާ އެއްޗެކޭ ކީހެއްޔެވެ. މިފަހަރު ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ.

"ރާނީ؟" ރާނީގެ ޖަވާބެއް ނައުމުން މިފަހަރު ގޮވައިލީ ޒާހިދާ އެވެ. ރާނީ ޒާހިދާގެ މޫނަށް ބަލައިލުމަށްފަހު ބޯ ޖަހައިލިއެވެ. ޝާހިދުގެ ދެ ލޮލުން ދިޔައީ ކަނި ބުރައިގެންނެވެ.

"ކޯންޗެއް އެމީހާ ރާނީގެ އަތައް ދިނީ؟" ޝާހިދު ދެން އެހި ޖުމްލައިން ރާނީގެ ދެފައި ތުރުތުރު އަޅައިގެންދިޔައެވެ. ސިޑި ކައިރީގައި ބަލަންހުރި މަންހާ، ރާނީ އަށް މި ފެނުނީ އަދިކިރިޔާއެވެ.

"ކޯންޗެއްހޭ އެމީހާ ދަންވަރު އައިސް ރާނީ އަތައް ދިނީ؟" ޝާހިދުގެ އަޑު ބާރުވިއެވެ. ރާނީ ދިޔައީ ސިއްސައިގެންނެވެ.

"މީ.. މީހަކު އެއްޗެއް ނުދޭ... އަޅުގަނޑު ނިކުތީ ފެން ފުޅިއެއް ބަލާ" އިސްޖަހައިގެން ހުރެ ރާނީ ބުނެލިއެވެ.

"ދޮގު ހަދަނީތަ؟" ޝާހިދު އަނެއްކާވެސް އަހައިލިއެވެ. ރާނީ ބޯ ހޫރައިލިއެވެ. އެވަގުތު ލޮލަށް ޖަމާވެފައިވާ ކަރުނަތައް ކޯތާފަތުގައި ބީހެމުން ދިޔައެވެ.

"ޒާހިދާ ޖެހޭނެ ރާނީ އަށް ރަގަޅަށް ބަލަން... ހުރެ ހުރެފައެއް މީހަކު ނުބުނާނެ ރާނީ ކަމެއް ކުރެއެކޭ ކަމެއް ނުފެންނަނީހެއް" މިހެން ބުނުމަށްފަހު ޝާހިދު އެތަނުން ދިޔައެވެ. ރާނީ ދެން ބަލައިލީ ޒާހިދާގެ މޫނަށެވެ.

"ބިރުގަންނާނީ ކުއްވެރިން" ޒާހިދާ ހަމައެކަނި ބުނެލީ މިހެންނެވެ. އެހެން ބުނުމަށްފަހު ޒާހިދާ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް