އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދުތަކުގެ ގޮތުގައި ހަ ސަރަހައްދެއް ކަނޑައަޅައިފިއެވެ.
ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި، ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އައްޑޫ ސިޓީގައި އެދެވޭނެ ސަރަހައްދުތަކުގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ، ހިތަދޫ ބަނދަރު ސަރަޙައްދު، ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދު، ރީޖަނަލް ހޮސްޕިޓަލް ސަރަހައްދު،މަރަދޫ ބަނދަރު ސަރަހައްދު، މަރަދޫ ސިއްޙީ މަރުކަޒު ސަރަހައްދު، މަރަދޫފޭދޫ ބަނދަރު ސަރަހައްދު، ފޭދޫ ބަނދަރު ސަރަހައްދު، ފޭދޫ ސިއްޙީ މަރުކަޒު ސަރަހައްދު، ހުޅުދޫ ބަނދަރު ސަރަހައްދު، ހެރެތެރެ ޗެނަލް ސަރަހައްދު، މީދޫ ބަނދަރު ސަރަހައްދު، ހުޅުމީދޫ ސިއްޙީ މަރުކަޒު ސަރަހައްދު އަދި ހުޅުމީދޫ މެދު ބަނދަރު ސަރަހައްދެވެ.
24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓްމުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށާއި، ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހުގައައި ކަމަށްވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ނެރެފައިވާ އިޢުލާނުގައި ބަޔާންކޮށްފައި ވެއެވެ.
24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އައްޑޫ ސިޓީގެ އަވަށު އޮފީސްތަކަށެވެ. އަދި ހުއްދައަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް