ދިއްފުށީ ފަޅުގައި އަޅާފައި އޮތް ޑިންގީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
" މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 01:18ގައި" އާޒިމް ވިދާޅުވިއެވެ.
ފުލުހުން ބުނެފައިވަނީ މިރޭ 01:13ހާއިރު ކ. ދިއްފުށީ ފަޅުގައި އޮތް ކުޑަ ޑިންގީއެއްގައި ރޯކޮށްލާފައިވާކަމަށް ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.
"މި މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ ސީނަށް ގޮސް އެމްއެންޑީއެފް ފަޔާއަށް ވެސް މައުލޫމާތުދީފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި ޑިންގީގައި ގާތްގަނޑަކަށް ފަސް ފޫޓު ހުންނާނެ ކަމަށާއި އަދި ރޯކޮށްލާފައިވަނީ ޑިންގީގެ ކުރީކޮޅުގައި ކަމަށެވެ. މި އަލިފާނުގެ ސަބަބުން ޑިންގީ އައްސާފައި އޮތް ވާ ކަނޑައިގެން ގޮސް ފަޅުގެ ވަރަށް ބޭރަށް އޮޔާދިޔަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި މިހާރު އަލިފާން ނިއްވާލުމަށްފަހު ޑިންގީ އަނބުރާ ބަނދަރާއި ހަމައަށް ގެނެވިފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
މިރޭ އިރާކޮޅު ދިއްފުށީގައި ހަމަނުޖެހުންތަކެއްވެސް ހިނގާފައިވެއެވެ. އެ ހަމަނުޖެހުންތައް ހިނގާފައިވަނީ ވައްކަން ކުރި ބަޔަކަށް ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ދިމާކޮށްލުމުންނެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މިހާރު އެ ރަށުތެރެ ޕެޓްރޯލް ކުރުން ވަނީ އިތުރުކޮށްފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް