އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވި މީހަކު މަރުވެއްޖެ

އޭޑިކޭ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔަ، އިންފްލުއެންޒާ އޭ އަށް ޕޮސިޓިވް ވެފައިވާ މީހަކު މަރުވެއްޖެ އެވެ. އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ ރޭ ފަތިހު މަރުވެފައިވަނީ ހއ. ބާރަށަށް...

23 May 2018 | 12:36

އޭޑިކޭ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔަ، އިންފްލުއެންޒާ އޭ އަށް ޕޮސިޓިވް ވެފައިވާ މީހަކު މަރުވެއްޖެ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ ރޭ ފަތިހު މަރުވެފައިވަނީ ހއ. ބާރަށަށް ނިސްބަތްވާ އުމުރުން 84 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީވެސް ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށް ފަހު ކަމަށާއި އިންފްލުއެންޒާ އޭ ޖެހިފަ ހުރިކަން އެނގުނީ އެމީހާ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ހެދި ޓެސްޓުތަކުން ކަމަށެވެ.

އިންފްލްއެންޒާއަށް ޕޮޒިޓިވް ބަލިމީހަކު މަރުވެފައިވާއިރު، ހުމާއި ރޯގާއަށް ޑޮކްޓަރަށް ދައްކާ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

އޭޑީކޭގައި ހުޅުވާފައިވާ ފީވާ ކްލިނިކުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ހުމާއި ރޯގާ ޖެހިގެން، ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ މީހުން ކޮންމެ ދުވަހަކު ޑޮކްޓަރަށް ދައްކައެވެ. އަދި މި މަހުގެ 21 ވަނަ ދުވަހު އެކަނި ހުމާއި ރޯގާ ޖެހިގެން 200 އަށްވުރެ ގިނަ މީހުން ދެއްކި އެވެ.

ހަލުވި ކަމާއި އެކު ޑެންގީ އާއި، ވައިރަލް ފީވާ ފެތުރެމުންދާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މުހިއްމު ބޭނުމެއްގައި ނޫން ގޮތަށް މި ދުވަސްވަރު ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.

މިދިޔަ އަހަރު ވެސް ރާއްޖެ އިން 200 އަށް ވުރެ ގިނަ މީހުންނަށް އިންފްލުއެންޒާ ޖެހުނު އިރު ހަ މީހަކު މަރުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް