އާޖެންޓީނާގެ އެންމެ މުހިންމު އެއް ގޯލްކީޕަރ ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ ސާޖިއޯ ރޮމޭރޯގެ ކަކުލަށް އަނިޔާވުމުގެ ސަބަބުން ވޯލްޑް ކަޕްގައި އޭނާއަށް ނުކުޅެވޭނެކަން އެ ޓީމުން ހާމަކޮށްފިއެވެ.
މެންޗެސްޓާ ޔުނައިޓެޑުން މާކަ ގިނަ ފުރުސަތުތަކެއް ނުލިބުނު ނަމަވެސް މި އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ގޯލް ބަލަހައްޓާނެކަމަށް ބެލެވުނު ކީޕަރަށް އަނިޔާވުމާއެކު މިއީ އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ނުތަނަވަސްކަމެކެވެ. ދާދި ފަހުން ކުޅުނު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި ވެސް ރޮމޭރޯއަށް މޮރީނިއޯ ފުރުސަތު ނުދިނީ އޭނާގެ ފިޓްނަސް މައްސަލައެއް އުޅޭތީއެވެ.
2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް އާޖެންޓީނާގެ ގޯލް ބެލެހެއްޓި އުމުރުން 31 އަހަރުގެ ރޮމޭރޯގެ ކަނާތު ކަކުލުގެ ސާޖަރީއެއް ހަދަން ޖެހޭކަމަށް އެ ޓީމުން ވަނީ ކަށަވަރު ކޮށްދީފައެވެ. އާޖެންޓީނާއިން އޭނާ ސްކޮޑްގައި ހިމެނީ ވެސް އަނިޔާއިން މުޅިން ރަނގަޅު ނުވަނީހަށެވެ. ވޯލްޑް ކަޕަށް ފިޓްވާނެކަމަށް ބަލައިގެންނެވެ.
އާޖެންޓީނާގެ އެއް ނަންބަރު ކީޕަރަށް އަނިޔާވެ ޓީމާ ވަކިވާން ޖެހުމާއެކު ވޯލްޑް ކަޕްގައި އެ ޓީމުގެ ގޯލް ބަލަހައްޓާނެކަމަށް ބެލެވެނީ މެންޗެސްޓާ ސިޓީގެ ވިލީ ކަބަލޭރޯއެވެ. ދެ ވަނަ ކީޕަރަކަށް މަސައްކަތް ކުރާނީ ރިވާ ޕްލޭޓްގެ ފްރެންކޯ އާމާނީ އެވެ. ރޮމޭރޯގެ ބަދަލުގައި ނަގާނީ ނަހޫއެލް ގުޒްމަންއެވެ.
އާޖެންޓީނާއަށް މިހާތަނަށް 94 މެޗު ކުޅެދީފައިވާ ރޮމޭރޯގެ ބަދަލުގައި ކުޅެންހުރި ކީޕަރަކީ އުމުރުން 36 އަހަރު ވެފައިވާ އަދި މި ސީޒަންގައި ވަރަށް މަދުން ނޫނީ ކުޅެން ލިބިފައިނުވާ ކީޕަރަށް ވުމަކީ، އާޖެންޓީނާއިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ކުރާ އުންމީދަށް އެޅޭނެ ހިޔަންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް