މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމަށް ނޭނގޭ ވަރުގެ ދަށްވުމެއް

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 0.1 ޕަސެންޓު ދަށްވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރުގެ އޭ...

23 May 2018 | 06:14

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 0.1 ޕަސެންޓު ދަށްވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް 119,774 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އެކަމަކު މިއަހަރުގެ އޭޕްރިލް މަހު ޒިޔާރަތްކޮށްފައިވަނީ 119،713 ޓޫރިސްޓުންނެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ އޭޕްރިލް މަހު އެންމެ ގިނައިން ފަތުރުވެރިން އައި ތިން ގައުމުގެ ތެރެއިން ޗައިނާ ފިޔަވާ އެހެން ގައުމުތަކުން އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

މިދިޔަ މަހު ޗައިނާއިން 15,093 މީހުން އައިސްފަވާއިރު އެއީ މިދިޔަ އަހަރު އައި 20,975 މީހުންނާ އަޅާ ބަލާއިރު 28 ޕަސެންޓް ދަށްވުމެކެވެ. އަދި އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު 15.4 ޕަސެންޓް އިތުރުވެފައިވާއިރު ރަޝިއާއިން މިދިޔަ މަހު އައި ފަތުރުވެރިންގެ އަދަދު ވަނީ 19.1 ޕަސެންޓް އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޗައިނާ އިން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ނިމުނު އިރު، ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ދަށްވެފައިވީ ނަމަވެސް، ދެން ހުރި މާކެޓުތަކަށް ނިސްބަތުން ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ.

އޭޕްރިމް މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ކުޑަކޮށް ދަށްވިޔަސް މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް، ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު، 12.7 ޕަސަންޓު އިތުރެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް 539،816 ޓޫރިސްޓުން ޒިޔާރަތް ކުރި އިރު މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތް ކުރީ 478،827 ޓޫރިސްޓުންނެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި 10 މާކެޓުތަކަކީ ޗައިނާ، އިޓަލީ، އިނގިރޭސި ވިލާތް، ޖަރުމަނު، ރަޝިއާ، ފްރާންސް، އިންޑިއާ، ސްވިޒަލޭންޑް، އެމެރިކާ އަދި ޖަޕާނެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ 42،478 އެނދުގެ ތެރެއިން އެވްރެޖްކޮށް 41،076 އެނދު އޮޕަރޭޓް ކުރިއިރު، މި މުއްދަތުގައި ޓޫރިސްޓުން ހޭދަކޮށްފައިވާ ރޭގެ އަދަދު 14.6 ޕަސަންޓު އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް