ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިފިނަމަ އަންނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑީގައި ދެންވެސް އިންނަވާނީ އަދުރޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އަދުރޭ ވިދާޅުވީ، އޭނާ ބަލިވީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމާއި، އިލެކްޝަންސް ކޮމިޝަނުން ހަމަހަމަކަމާއެކު އެންމެންނަށް ހަމަހަމަ ފުރުސަތެއް ނުދިނުމުން ކަމަށާއި، އެމްޑީޕީ މޮޅުވެގެން ނޫން ކަމުގައެވެ. އަދި އެގޮތަށް އަލުން ވޯޓުފޮށިތަކަށް ގުނުމަށް އިލެކްޝަންސް ކޮމިޝަނަށް ކެރިވަޑައިނުގަންނަވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އިތުރަށް އަދުރޭ ވިދާޅުވީ، ރައްޔިތުން އޭނާއަށް ނޫނެކޭ ބުނީ ނޫން ކަމަށާއި، ސަރުކާރުން ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފައިގެން ރައްޔިތުން ލައްވައި އޭނާއަށް ނޫނޭކޭ ބުނުވީކަމުގައެވެ.
މީގެ އިތުރުން ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށާއި، އިންތިހާބުގައި މަކަރާއި ހީލާތް ނުހެދިނަމަ އޭނާއަށް އިންތިހާބު ކާމިޔާބު ވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. މީގެ އިތުރުން އިލެކްޝަން އިން ވޯޓު ފޮށިތައް ގުނީ އެމްޑީޕީން އެދުނުގޮތަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ހުށަހެޅި ޝަކުވާތަކާއި ގުޅިގެން ފޮނަދޫ ދާއިރާގެ އެއްފޮށީގެ ބާތިލު ވޯޓު ގުނި އިރު، އެ ފޮށިން އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ގިނަވީއެވެ. އެހެންކަމުން ހުރިހާ ފޮއްޓެއް ގުނުމަށް އަދުރޭ ހުށަހެޅުމުން އިލެކްޝަންއިން ނިންމީ ދެން ހުރި ފޮށިތަކުގައި ބާތިލް ވޯޓު މަދުވެ، އަދި އޭގެން ނަތީޖާއަށް ބަލަދެއް އަންނަ ވަރުގެ އަދަދެއް ނެތުމުން އިތުރަށް ނުގުނާށެވެ.
އަދުރޭ ބަލިވެފައިވަނީ އެމްޑީޕީން ވާދަކުރި ސިރާޖަށްވުރެ 44 ވޯޓު މަދުވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް