ދިރާގާއި ބައިކްމޯލްޑިވްސްއިން ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ބައިކް ޓްރެކްގައި ބާއްވަން ހަމަޖެހިފައިވާ އިންޓަރ ސުކޫލް ބައިކް ޗެމްޕިއަންޝިޕް މިމަހުގެ ތެރޭގައި ބާއްވަން ނިންމައިފިއެވެ.
މި ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ، މި މަހުގެ 26 އަދި 27ވަނަ ދުވަހުއެވެ. މިއައަހަރުގެ މުބާރާތުގައި 16 ސްކޫލަކުން 515 ކުދިން ވަނީ ބައިވެރިވެފައިވެއެވެ.
މި މުބާރާތުގައި މިފަހަރުވެސް ތަފާތު 25 ރޭހެއް، 3 އުމުރުފުރާގެ މެދުގައި ކުރިއަށްދާނެއެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދާނީ ވަކިވަކިންނެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން ބާއްވާ "ފަން ރައިޑް" ގެނަމުގައި ހާއްސަ ބައިސްކަލު ރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
26 އޭޕްރިލް 2019 ވާ ދުވަހުގެ ހެނދުނު 7:00 އިން 9:00 އަށް ރޭސްތައް ކުރިއަށްދާނެއެވެ، މީގެ އިތުރުން 27 އޭޕްރިލް 2019 ވާ ދުވަހުގެ ހެނދުނު 7:00 އިން ހަވީރު 4:00 އަށް އިތުރު ރޭސްތައް ކުރިއަށްދާނެ ކަމަށް ދިރާގުން ބުންޏެވެ.
މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ. މިމުބާރާތަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މުބާރާތެކެވެ. މިއީ ދިރާގާއެކު ބައިކް މޯލްޑިވްސް އިން މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ.
ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއްކެވެ. ދިރާގުގެ އަމާޒަކީ ބައިކް މޯލްޑިވްސްއާއި ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް