ބުރުސޫރަ- ސަތާރަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ.... ރާނީ ތައްޔާރުވުމުން ޒިއަން ފުރަތަމަ ދިޔައީ ރާނީ ގޮވައިގެން ހެނދުނުގެ ނާޝްތާ ކުރާށެވެ. ޒިއަންއަށް އެންމެ ކަމުދާ ރެސްޓޯރެންޓް، ސިޓްރޯންގައި ދެމަފިރިން ތިއްބައި އެތަނަށް ވަދެގެން އ...

23 Apr 2019 | 10:53

ކުރީގެ އަދަދާ ގުޅޭ....

ރާނީ ތައްޔާރުވުމުން ޒިއަން ފުރަތަމަ ދިޔައީ ރާނީ ގޮވައިގެން ހެނދުނުގެ ނާޝްތާ ކުރާށެވެ. ޒިއަންއަށް އެންމެ ކަމުދާ ރެސްޓޯރެންޓް، ސިޓްރޯންގައި ދެމަފިރިން ތިއްބައި އެތަނަށް ވަދެގެން އައި އީމާން އަދި މާޒިން ޒިއަންގެ ލޮލުގައި އަޅައިގަތެވެ. ޒިއަންމެން ފެނުމުން އެމީހުން އެ މޭޒު ކައިރިޔަށް އައިސް އިށީނެވެ.

"ހައި އީވަލް ކްއީން! ހައު ޔޫ؟" ރާނީ ހަމަ ފެނުމާއި އެކީ މާޒިން ބުނެލިއެވެ. މިވީހާ ދުވަހު ދުވަހަކުވެސް އެ ނޫން ގޮތަކަށް މާޒިން ރާނީ އަކާ މުހާތަބެއް ނުކުރެއެވެ. މާޒިން އެހެން ބުނުމުން ރަގަޅު ކަމުގައި ރާނީ ބުނެލިއެވެ.

"ކޮލެޖަށް ދާން މިދަނީ ދެން އިރުކޮޅަކުން... ޒިއަން ނުދަންތަ؟" އީމާން އަހައިލިއެވެ.

"ކޮން ކަމެއް؟ މަށަކަށް ނޭންގެ" ޒިއަން ބުނެލިއެވެ.

"އެހެން ދޯ ވާނީ ކުލާހަށް ނާންނަންޏާ... މީހަކާ އިނދެވުނަސް ތީ ބޮޑުވަރު" މާޒިން މިހެން ބުނުމުން ޒިއަން އަށް ބަލައިލެވުނީ ރާނީގެ މޫނަށެވެ. ރާނީ މަޑުމަޑުން އިނދެގެން ކަމުން ދިޔައެވެ. އަނެއްކާ ރާނީގެ ސުވާލު ތަކަކަށް ޖަވާބުދޭން ތައްޔާރުވާން ޖެހުނީއެވެ.

"ހިނގާ މީޓިންގ އެކޭ... ރާނީ ގޮވައިގެން ދާނީ" އަނެއްކާވެސް މާޒިން ބުނެލިއެވެ. މާޒިން އެހެން ބުނުމުން ރާނީވެސް ޒިއަން ކިޔަވަންދާ ކޮލެޖު ބަލާލާހިތްވިއެވެ.

ސައިބޮއި ނިމިގެން ހަތަރު މީހުން ދިޔައީ ކޮލެޖަށެވެ. އެތަން ފެނުމުން ރާނީ ހުރީ އަޖައިބުވެފައެވެ. ދެ ޖިންސްގެ ކިޔަވާކުދިން ދަބަސްތަކާއި ފޮތްތައް ހިފައިގެން ދެކޮޅުން ދެކޮޅަށް ހިނގާތަން ފެނެއެވެ. އެއިން ކުއްޖަކަށް ރާނީ ވީ ނަމަ އޭނާވެސް މިފަދަ ބޮޑު ކޮލެޖަކުން މިއަދު މަތީ ތައުލިމް ހާސިލްކުރަމުން ދާނެއެވެ. ރާނީގެ ނަސީބުގައި މިވަރު ކަމެއްވެސް ނެތީއެވެ.

ރާނީ ހިނގަމުންދިޔައިރު ގިނަ އަދަދެއްގެ ކުދިންތައް ރާނީ އަށް ބަލަމުން ދިޔައެވެ. މޫނުގެ އެއްފަޅި ފޮރުވައިގެން ހުރި އިރު އެ ދިގު އިސްތަށިގަނޑުގެ ވާހަކަ އެކި ކުދިން ސިއްރުން ދައްކަމުން ދިޔައެވެ. އެކަން އެމީހުންނަށް ވެސް ފާހަގަކުރެވުނެވެ.

"އަޅާ ނުލައްޗޭ އެންމެންގެ ފާޑު" ސިޑިން އަރަމުން އީމާން ބުނެލިއެވެ.

"އާކަމެއް ނޫން" ހީލުމަށްފަހު ރާނީ ބުނެލިއެވެ.

ރާނީ ބޭރު ގޮނޑިއެއްގައި ބޭންދުމަށްފަހު ތިން މީހުން މީޓިންގ ރޫމް ތެރެއަށް ވެނެވެ. ރާނީ ފޫހި ވެދާނެތީ ޒިއަން ދިޔައީ ޒިއަންގެ އައިފޯނު ރާނީގެ އަތައް ދީފައެވެ. ރާނީ ފަހަރަކު އެއްޗެއް ހުޅުވަމުންދިޔައެވެ.

"ހެލޯ" ރާނީ މިހެން އިންދައި ދާދި ކައިރިން މީހަކު ގޮވައިލިއެވެ. ކުރިމަތީގައި ހުރީ މަންހާއެވެ.

"ތީނަ މިތާ ކީއްތިކުރަނީ؟ މިތާތަ ކިޔަވަނީ؟" މަންހާ އަހައިލިއެވެ. ރާނީ އަށް އިނދެވުނީ ބަލާށެވެ. ދޭނެ ޖަވާބެއް ނޭންގުނީއެވެ. ރާނީ އަނގައިން ނުބުނެ ބަލަން އިނުމުން މަންހާ ކައިރިއަށް ރުޅި އަންނަ ގޮތްވިއެވެ. އަދިވެސް ޒިއަންގެ ގައިގައި ބައްދައިގަނެގެން ސައިކަލުގައި ދިޔަ ދުވަސް މަންހާ ހަނދާނެއް ނުނެތެވެ.

"މަންހާ ނުވަންނަނީތަ މީޓިން ފެށެއްޖެ" މީޓިންގ ރޫމު ތެރެއަށް ވަންވަން ދިޔަ ކުއްޖަކު ގޮވައިލިއެވެ. މި އަންނަނީ ކަމުގައި ބުނެ މަންހާ އަނެއްކާވެސް ރާނީ އަށް ބަލައިލިއެވެ.

"މާ ރީތި ކަޅިއެއް ލިބުނީމަތަ ތި ބަލަނީ؟ އެއްވެސް ރީއްޗެއް ނޫން... ބުނަން ކަލޭ ޒިއަން އާ ކައިރި ނުވައްޗޭ އިނގޭ... މަށަށްވުރެ ނުބައި މީހަކު ނުހުންނާނެ އޭރަކަށް..." ރާނީ އާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކުރަމުން މިހެން ބުނުމަށްފަހު ތަޅަންމަތީ ދެފައި ބާރު ބާރަށް ތަޅަމުން ހިނގާފައި ގޮސް މީޓިންގ ރޫމު ތެރެއަށް މަންހާ ވަދެއްޖެއެވެ.

އަނެއްކާވެސް ރާނީ ޖަވާބު ބޭނުންވާ ވާހަކަތަކެވެ. ހައިރާންވީ ވަރުން މަންހާ ދިޔަ ދިމާލަށް ބަލަން ރާނީ އަށް އިރުކޮޅަކު އިނދެވުނީއެވެ. ޒިއަން އާއި މަންހާގެ ކޮންމެވެސް ގުޅުމެއް ވާކަން ރާނީއަށް މިހާރު ޔަގީން ވެއްޖެއެވެ. އެކަމަށް ޖަވާބެއް ލިބޭތޯ ޒިއަންގެ ފޯނު ބަލަން ރާނީ ފެށިއެވެ. މެސެޖުތައް ބަލަމުން ގޮސް މަންހާ ގެ މެސެޖުތައް ހުޅުވައިލިއެވެ. އޭގައި ހުރީ ހުސް މަންހާގެ މެސެޖެވެ. ޒިއަން އެންމެ މެސެޖަކަށްވެސް ޖަވާބު ދީފައެއް ނެތެވެ. ހުސް މަންހާގެ އާދޭހެވެ. މެސެޖުތައް ކައިޔައިލުމުން ކުރިން އެމީހުންގެ މެދުގައި ގުޅުމެއް ވާކަން އިނގުނެވެ. ނަމަވެސް މިހާރު އެކަން ނިމިއްޖެކަން އެ މެސެޖުތަކުގައި ވެއެވެ. ދެން ރާނީ ހުޅުވައިލީ ވައިބާރ އެވެ. އޭގެއިންވެސް މަންހާގެ މެސެޖުތަކެއް ފެނުނެވެ.

"ޒިއަން ކިތަންމެ ބޭނުން ނޫނަސް ޖެހޭނީ އަހަންނާ މެރީ ކުރަން" ރާނީ ކިޔައިލިއެވެ. އިތުރަށް ކީ ވަރަކަށް ރާނީ ދިޔައީ ހާސްވަމުންނެވެ. އެއިން އެއްވެސް މެސެޖަކަށް މިފަހަރަކުވެސް ޒިއަންގެ ޖަވާބެއް ނެތެވެ. އެދުވަހު މަންހާ އެބުނީ ރާނީއާއި ޒިއަންގެ ކައިވެނީގެ ވާހަކައެއް ނޫނެވެ. އެދުވަހު މަންހާ ބުނީ މަންހާއާއި ޒިއަންގެ ކައިވެނީގެ ވާހަކައެވެ. ޒިއަން ރާނީ އަށް ދޮގުހެދީއެވެ. ރާނީ އާއި ޒިއަންގެ ގުޅުމުގެ އެއްވެސް ކަމެއް މަންހާ އަކަށް ނޭންގެއެވެ. އެކަމަކު ޒިއަން.... އެކަމަކު ޒިއަން އެވަރުގެ ބޮޑު ދޮގެއް ހެދީ ކީއްވެގެން ހެއްޔެވެ. ރާނީ އަށް ރޮވޭން އުޅޭހެން ހީވުމުން ނޭފަތް ދަމައިލުމަށްފަހު އަންނަން ތައްޔާރުވެފައިވާ ކަރުނަތައް ފުހެލިއެވެ. މިއިން އެއްވެސް ކަމެއް ޒިއަންއަށް އިނގޭކަށް ރާނީ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ އޭނާ އަމިއްލަޔަށް ހުރިހާ ކަމެއްގެ ހަގީގަތް ހޯދާށެވެ.

****

ޒައިނާއަށް އާލިމްގެ ފޯނަށް ގުޅުން ވަރެއްވެސް ނޭންގުނެވެ. މިވަގުތު އާލިމް ވާނީ އޮފީހުގައިކަން އެނގި ހުރެވެސް ޒައިނާ ދިޔައީ މޮޔައަކު ފަދައިން އެ ފޯނަށް ގުޅަމުންނެވެ. އެންމެފަހުން އެގެއަށް ދާން ޒައިނާ ނިންމިއެވެ. ތައްޔާރުވެލައިގެން އެގެ ކައިރީގައި ކާރު ޕާކު ކޮށްލުމަށްފަހު ވަރަށް ހިތްވަރުކޮށްފައި ގޭގެ ބެލް ޖަހައިލިއެވެ. އިރުކޮޅެއް ފަހުން ދޮރު ހުޅުވީ ގޭގެ މަސައްކަތު މީހާއެވެ.

"ކާކު އައީ" އެ އިވުނީ އަހުދާގެ އަޑެވެ. އަނބުރާލައިފައި ދާންވެސް ޒައިނާ ހިތައް އެރިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި މަޑުކުރީއެވެ. ހަމަ އެހިނދު އަހުދާ އައިސް ޒައިނާގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ޒައިނާ އައިސް ހުރިތަން ފެނުމުން އަހުދާވެސް ހުރީ ކުޑަކޮށް ހައިރާންވެފައެވެ.

"ކީއްކުރަން ތިއައީ؟" ވަރަށް ބާރަށް އަދި އެހާމެ ރުންކުރު ގޮތަކަށް އަހުދާ ފުރަތަމަ ވެސް އަހައިލީ އެހެންނެވެ. އެތެރެއަށް ވަންނާށެކޭވެސް ނުބުންޏެވެ.

"އާލިމް ހޯދަން" ޒައިނާ ބުނެލިއެވެ.

"ޒައިނާއަށް ހަމަ ނޭންގެނީތަ މިގަޑީގަ އޭނަ ވާނީ އޮފީހުގަކަން؟" ހަމަ އެރާގުގައި އަހުދާ ބުނެލިއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ ދާން ވެގެން ޒައިނާ އެނބުރުނެވެ.

"ލަދުހަޔާތް ކުޑަވެގެން މިތަނަށް އައިސްފިއެއްނު އަދި... މީހުންގެ ދިރިއުޅުން ހަލާކުކުރަން އެޅޭ މީހުންގެ ފާޑޭ މާ ރީތި ސޫރައެއް ލިބުނީމަ މީހުންގެ ފިރިން ފަހަތުން ދުވަން..." އަހުދާ އިއްވައިލިއެވެ. އަދި ބާރަށް ދޮރު ޖެހިއެވެ. އެ ހުރިހާ އެއްޗެއް އަޑުއަހައިލަން ފަހަތައް އެނބުރެ ޒައިނާ އަށް ހުރެވުނީއެވެ. އެއީ ދުވަހަކުވެސް އިވިދާނެ ކަމަކަށް ޒައިނާ އުންމީދުކުރި ބަސްތަކެއް ނޫނެވެ. ޒައިނާއަށް ބާރަށް ލޯ މަރައިލެވުނެވެ. އެވަގުތު ހޯސްލާފައި ކަރުނަތަށް އަންނަން ފެށިއެވެ.

ޒައިނާ އަށް ކާރު ކައިރީގައި ހުރެވުނީއެވެ. ހަގީގަތުގައިވެސް އޭނާއަށް ދެމަފިރިއެއްގެ ދިރިއުޅުން ހަލާކުކޮށްލެވުނީ ހެއްޔެވެ. އެކަމަކު އެ ދިރިއުޅުމަށް ޒައިނާއަށް ވަދެވުނީ ނޭންގުމެއްގެ ތެރޭގައެވެ. އާލިމް އެ ދިރިއުޅުމަށް ގަސްތުގައި ޒައިނާ ވެއްދީއެވެ. ކައިވެނި ކުރިއިރު އެއީ މީހެއްގެ ފިރިއެއްކަމެއް ނޭންގެއެވެ. އިނގުންނަމަ އާލިމް އާއި ދުވަހަކުވެސް ކައިރިއެއް ނުވާނެއެވެ. އާލިމް އޭނާއަށް އެހެން އެ ހަދަނީ ކީއްވެގެން ހެއްޔެވެ. ފިރިއެއްގެ ވާޖިބު އަދާ ނުކުރެވޭނެކަން އިނގޭއިރު އޭނަ އެ ދިރިއުޅުމުގެ ހިއްސާ އަކަށް ހެދީ ކީއްވެގެން ހެއްޔެވެ. ކަރުނަ ނޫނީ ޒައިނާގެ ދިރިއުޅުމަކު ނެތެވެ.

"ޒައި؟" ޒައިނާ ސިހުނީ ދާދި ކައިރިން ދަންނަ އަޑެއް އިވުންހެން ހީވުމުންނެވެ. ކައިރީގައި ސައިކަލު މަތީގައި މަޑުކޮށްލައިގެން އެ އިނީ އޭނަގެ ލޯބިވާ ފިރިމީހާއެވެ. އާލިމް ފެނުމުން ޒައިނާއަށް ބޯ ހޫރައިލެވުނެވެ. އަދި ދުވެލާފައި ކާރަށް އަރައި ސްޓާޓް ކޮށްލިއެވެ. ނަމަވެސް ޒައިނާ ކާރު ދުއްވައިލަން ވާއިރަށް އާލިމް އައިސް އެ ކާރަށް އަރައިފިއެވެ.

"ފައިބާ" ކަރުނައިން ފުރިފައިވާ ލޮލުން އާލިމްގެ މޫނަށް ބަލައިލަމުން ޒައިނާ ބުނެލިއެވެ. އެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.

"ކިހިނެއްތަވީ؟ ކީއްކުރަން އައީ؟" އާލިމް އަހައިލިއެވެ.

"ފައިބާށޭ އާލިމް އަކަށް އަޑެއް ނީވޭތަ؟" އެއަށްވުރެ ބާރަށް ޒައިނާ ބުނެލިއެވެ. އެ އަޑަށް އާލިމްވެސް ސިހުނެވެ.

"ރިލެކްސް... ލެޓްސް ޓޯކް" ޒައިނާގެ ކަރުނަތައް ފުހެލައިދެމުން އާލިމް ބުނެލިއެވެ. ޒައިނާ އިނީ ކުރިމައްޗަށް ނަޒަރު ހިންގާލައިގެންނެވެ.

"ޒައި ގުޅި އިރު މީޓިންއެއްގައޭ އެހެންވެ ފޯނު ނުނެގުނީ... ހިނގާބަ ތިގެއަށް... ލެޓްސް ޓޯކް ޕްލީޒް..." އާލިމް ޒައިނާގެ އަތުގައި ހިފައިލިއެވެ. އެ އަތް ފޮޅުވައިލުމަށްފަހު ޒައިނާ ކާރު ދުއްވައިލިއެވެ.

*****

މީޓިންގ ނިންމައިލުމަށްފަހު ޒިއަންމެން އައި އިރު ރާނީ އިނީ ހިޔާލަކަށް ގެއްލިފައެވެ. ރާނީ ސިހުނީ ޒިއަން ކޮނޑުގައި ކޮއްޓައިލުމުންނެވެ.

"ކޮން ކަމަކަށް ގެއްލިފަ؟" ޒިއަން އަހައިލިއެވެ. ރާނީ ބޯ ހޫރައިލިއެވެ. އެވަގުތު ޒިއަންގެ ކްލާސް ހުރިހާ އަންހެން ކުދިންތައް ބަލަމުން ދިޔައީ ރާނީއަށެވެ. ބަލަން ނުހުރެވިގެން މަންހާ ޒިއަން ކައިރީ މަޑުކޮށްލިއެވެ. މަންހާ އެއްޗެއް ބުނަންވާއިރަށް ޒިއަން ރާނީގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. އެމަންޒަރު ބަލަން އެންމެން ތިބީ ހައިރާންވެފައެވެ.

"ވަޓް ދަ ހެލް ޒިއަން.." ރާނީގެ އަތުތެރެއިން ޒިއަންގެ އަތް ދަމައިގަންނަމުން މަންހާ ބުނެލިއެވެ. ޒިއަން ކައިރިޔަށް ވަރަށް ރުޅިއައެވެ.

"ދެން އަތް ނުލައްޗޭ މަ ގައިގަ" ރުޅިވެރި އަޑަކުން ޒިއަން ބުނެލިއެވެ.

"މީ ކާކުކަން ބުނެދީ... ޒިއަން ތީ މަ ވާން އުޅޭ ފިރިމީހާ... ޒިއަން އަކަށް އެހެން އަންހެނުނުން ގޮވައިގެންނެއް ނޫޅެވޭނެ" މަންހާ ހަމަ އެރާގުގައި ބުނެލިއެވެ. އެންމެން ތިބީ އެ މަންޒަރު ބަލާން މަޑުކޮށްގެނެނެވެ. މަންހާ އުޅޭ ގޮތުން ޒިއަންގެ އިތުރުން އީމާންވެސް ހުރީ ލަދުންނެވެ.

"މަންހާ ހިނގާ ދާން" އީމާން އެންމެ ފަހުން ބުނެލިއެވެ.

"ނުދާނަން އަދި ޒިއަންވެސް ދިޔާކަ ނުދޭނަން ބުނޭ މީ ކާކު؟ ޒިއަންގެ ބިޓުތަ؟" މަންހާ އަނެއްކާވެސް އަހައިލިއެވެ. ރާނީ ހުރީ ހައިރާންވެގެންގޮސް ހިންދިރުވައިލަންވެސް ނޭންގިފައެވެ. ރާނީއަށް ޒިއަންގެ މޫނަށް ބަލައިލެވުނެވެ. ޒިއަންވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.

"ޒިއަން އެއުޅެނީ މަށާ އިންނަން ވެގެން ކަލޭ ރަގަޅުވާނީ އެއްފަރާތް ވިއްޔާ" މަންހާ ރާނީއަށް ނިސްބަތްކޮށް ބުނެލިއެވެ. މި އަންހެންމީހާ އޭނާގެ ފިރިމީހާއާއި އިންނަ ވާހަކަ މި ދައްކަނީ ކީއްވެގެން ހެއްޔެވެ. ރާނީ ކައިރިޔަށް މިހާރު ރުޅި އަންނަން ފަށައިފިއެވެ.

"އަހަރެން މީ ޒިއަންގެ އަންހެނުން" އެންމެފަހުން ނުހުރެވިގެން ރާނީ ބުނެލިއެވެ. އެ އަޑަށް އެންމެން ހައިރާންވެގެން ރާނީ އަށް ބަލަން ފެށިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް