އިއްޔެއިން ފެށިގެން ށ. ޅައިމަގުން ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނައިރު އެ ބިދޭސީ މީހާ މަސައްކަތްކުރާ ބޯޓު ފުލުހުން ބަލާ ފާސްކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބޯޓު ބަލާ ފާސްކޮށްފައިވަނީ އަދި އެބޯޓުގައި ތިބި ބިދޭސީންނާއި ބޯޓުގެ ކެޕްޓަނާއި ފުލުހުން ސުވާލު ކޮށްފައިވަނީ ޅައިމަގު ކައުންސިލްގެ އެދުމުގެ މަތިން ކަމަށެވެ. އަދި ބިދޭސީ މީހާ ގެއްލިގެން އެ މައްސަލަ އަދި ފުލުހަށް ހުށަހަޅާފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ގެއްލިގެން ނުވަތަ ފިލާފައިވާތީ ހޯދަމުން އަންނަނީ ޅައިމަގުގައި މާލެ ދަތުރުކުރާ ކުރިމަގު ނަމަކަށް ކިޔާ ބޯޓެއްގެ ފަޅުވެރިއެކެވެ.
އިއްޔެ އެ ބޯޓު މާލެ ފުރިއިރު އެ ބޯޓުގައި އެ ބިދޭސީ މީހާ ނެތަތީ ބޯޓުގެ، އެމީހާ ހޯދަދިނުމަށް އެ ބޯޓު ކައްޕި އެ ރަށުގެ މީހެއް ގާތު ބުންޏެވެ. އަދި އެކަން އެ ރަށު ކައުންސިލަށް އެނގިގެން އެ ރަށު ރައްޔިތުން އިއްޔެ ވަނީ އެ ބިދޭސީ މީހާ ފެނޭތޯ ރަށުތެރެ ބަލާފައެވެ. ނަމަވެސް އެ ބިދޭސީ މީހާ އަދި ފެނިފައެއް ނުވެއެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި މީހަކު އިއްޔެ ބުނީ އެ ބިދޭސީ މީހާއާއި އެ ބޯޓުގައި އުޅޭ އެހެން ބިދޭސީންނާއި އެ ބޯޓުގައި ޒުވާބު ކުރި އަޑު ރަށުގެ ބައެއް މީހުންނަށް އިވުނު ކަމަށެވެ. އަދި އެ ބިދޭސީ މީހާ އެރޭ އޮޑިއަށް ނިދަން ގޮސްފައި ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް