ރާއްޖެއިން ބޭރުގެ މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، އެބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މީގެ ކުރިން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީންވެސް އެ ބިލް ދިރާސާ ކުރުމަށްފަހު ވަނީ ބިދޭސީންނަށް ބިން މިލްކް ނުރެވޭ ގޮތަށް ނިންމައިފައެވެ. ބޭރުގެ މީހުންނަށް ރާއްޖޭގެ ބިން މިލްކް ކުރެވޭ ގޮތަށް ބިލަށް އިސްލާހުގެނައީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގައެވެ. އެއީއޭރު، ސަރުކާރުން ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ގާނޫނުގެ ދަށުން ބޭރު މީހުންނަށް ބިން މިލްކުރެވޭ ގޮތަށް ހަދަން ކުރި މަސައްކަތުގެ ދަށުން ގެނެސްފައިވާ ބަދަލެކެވެ.
ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކް ކުރެވޭގޮތަށް ބިލަށް އިސްލާހު ގެނައީ ޕީޕީއެމްއިންނެވެ. އެ އިސްލާހު ބާތިލް ކުރަން ރައީސް ޔާމީންގެ ސަރުކާރުން ނިންމެވީ، މިދިއަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ޔާމީނަށް ނާކާމިޔާބު ވުމާއި ގުޅިގެންނެވެ. އެހެންކަމުން އެ އިސްލާހު ބާތިލު ކުރަން ހުށަހެޅުއްވީ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ. ކޮމެޓީ ރިޕޯޓް މަޖިލީހަށް މިއަދު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ އެވެ.
އެ އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، ރާއްޖޭގެ ބިމެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ނުކުރެވޭނެއެވެ. ބޭރުގެ ފަރާތަކަށް ރާއްޖޭގެ ބިމެއް ކުއްޔަށް ނުވަތަ އެ ނޫން ވެސް ބޭނުމަކަށް ދެވޭނީ ކުރިން ވެސް ގާނޫނުއަސާސީގައި އޮންނަ ގޮތަށް، އެންމެ ގިނަވެގެން 99 އަހަރަށެވެ.
މިމަހުގެ 15 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖެއިން ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކު ނުކުރެވޭގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.
ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކް ނުކުރެނޭ ގޮރަށް އިސްލާހު ގެނައުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް