އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން އޭސީސީން ނެރުނު ރިޕޯޓާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު އަބްދުﷲ އާޒިމާއި، ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމްގެ ސަސްޕެންޝަން ރައީސް އޮފީހުން މިއަދު އުވާލައިފިއެވެ.
މި ދެބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.
މައުސޫމް ސަސްޕެންޑް ކޮށްފައިވަނީ މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް، އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާކުރި އެސްއޯއެފް އެކައުންޓުން ޖުމްލަ 6.1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީއެވެ.
ނަމަވެސް ފަހުން މައުސޫމް ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ބަޔާނެއް ނެރެފައިވެއެވެ. އަދި އޭސީސީން އެ މައްސަލާގައި އޭނާ އަށް އެއްވެސް ސުވާލެއް ކޮށްފައި ނުވާއިރު، އެ ރިޕޯޓުގައި އެ ދެ ކުންފުންޏަށް ޖަމާވުމުގައި ކޮރަޕްޝަން މައްސަލައެއް ހިމެނޭކަން ނުވަތަ ނޫންކަން އެނގެން ނެތްކަމަށްވެސް އެ ބަޔާނުގައި މައުސޫމް ވަނީ ފާހަގަކުރައްވާފައެވެ.
އާޒިމް ސަސްޕެންޑް ކޮށްފައިވަނީ، އެސްއޯއެފުން އޭނާގެ އެކައުންޓަށް ބައި ލައްކަ ޑޮލަރު ޖަމާކޮށްފައިވާތީއެވެ. އެކަމާ ގުޅޭގޮތުން އާޒިމް ވިދާޅުވީ، އެ ފައިސާ އަކީ ބޭރުން މުދާ ގެނައުމަށް، އޭނާގެ ރައްޓެހި ވިޔަފާރި ވެރިންނަށް ޑޮލަރު ހޯދައިދިނުމަށް ކޮށްފައިވާ މުއާމަލާތެއް ކަމަށާއި، އެ މުއާމަލާތްތަކުގެ ތަފްސީލް ތަހުގީގީ އިދާރާތަކަށް ސާފުވާނެ ކަމަށެވެ.
އޭސީސީގެ ރިޕޯޓާއި ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ޔޫތް މިނިސްޓަރު މަހުލޫފާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން ވެސް ރައީސް އޮފީހުން ވަނީ މިދިޔަ އަންގާރަ ދުވަހު އުވާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް