އަވަށްޓެރި ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 310 އަށް އަރާފައިވާކަމުގައި ލަންކާގެ ނޫސްތަކުން ބުނެފިއެވެ.
އެގޮތުން ލަންކާގެ ނޫހެއް ކަމުގައިވާ ހިރު ނިއުސްގައި ބުނެފައިވާގޮތުގައި މަރުވި މީހުންގެ އަދަދު 310 އަށް އަރާފައިވާއިރު ބޮމުގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 500އަށްވުރެ މައްޗަށް ގޮސްފައެވެ. އަދި ކޮލޮމްބޯ ނެޝަނަލް ހޮސްޕިޓަލުގައި އެކަނި 151 މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން 109 މީހެއްގެ ހަށިގަނޑު ދެނެގަނެވިފައިވާކަމުގައިވެސް ބުނެފައިވެއެވެ.
އާދީއްތަ ދުވަހު ބޮމުގެ އަށް ހަމަލާއެއް ދީފައިވެއެވެ. އެގޮތުން ތިން ހަމަލާއެއް ދީފައިވަނީ ކްރިސްޓިއަނުން އަޅުކަންކުރާ ތިން ޗާޗަކަށެވެ. އަދި ތިން ހަމަލާއެއް ދީފައިވަނީ ފަތުރުވެރިން ތިބޭ ތިން ހޮޓަލަކަށެވެ. އަނެއް ދެ ހަމަލާގެ ތެރެއިން އެއް ހަމަލާ ދީފައިވަނީ ދިވެހިން އާއްމުކޮށް ދިރިއުޅޭ ސަރަހައްދެއްގައެވެ. އަދި އަށްވަނަ ހަމަލާ ދީފައިވަނީ ގެއެއްގެ ތެރޭގައެވެ.
އަށް ވަނަ ހަމަލާއަކީ ބޮން ގޮއްވުމުގައި އުޅުނު ބަޔަކު ފިލާތިބި ގެއެކެވެ. އެ ގޭގައި ބޮން ގޮއްވާލީ ފުލުހުން އެގެއަށް ވަންނަން އުޅުމުންނެވެ. އެ ހަމަލާފައި ތިން ފުލުހަކު މަރުވެފައިވެއެވެ.
ލަންކާ ފުލުހުން ބުނެފައިވާގޮތުގައި މި ހަމަލާތައް ދީފައިވަނީ ޖާނުން ފިދާވެގެންނެވެ. އަދި މި ހަމަލާތައް ދީފައިވަނީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ މުސްލިމް ޖަމާއަތަކުން ކަމުގައިވެސް ތުހުމަތު ކުރެއެވެ. މި ހަމަލާތަކާއި ގުޅިގެން މިހާރު ބަޔަކު ހައްޔަރުކޮށްފައިވާއިރު އެ ގައުމުގައި ރޭގައިވެސް ކާފިއު ހިންގިއެވެ. އަދި ސޯޝަލް މީޑިއާ ބްލޮކް ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް