ޑޮކްޓަރުކަން ކިޔެވުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް!

ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ. ރާއްޖޭގައި ފުރަތަމަ ފަށާ އެމްބީބީ...

23 Apr 2018 | 12:47

ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަށާ އެމްބީބީއެސް ޕްރޮގްރާމުން ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ 50 ކުދިންނަށެވެ. އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގެންނަން ފެށީ އިއްޔެ އެވެ. މުއްދަ ހަމަވާނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

އެމްއެންޔޫގެ ރަޖިސްޓްރާ ޑރ. ސައުދުﷲ އަލީ ވިދާޅުވީ އެމްބީބީއެސް އަށް ކިޔެވުމަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ ދުވަހު އެކަނިވެސް 40 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މިއީ މި ދާއިރާއިން ދިވެހިން ކިޔެވުމަށް ބޭނުންވާ ވަރު ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ކޯހަށް އެދޭ ދަރިވަރުން ކަނޑައަޅާނީ އެކަމުގެ އެވަލުއޭޝަން އަށްފަހު ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

އެމްއެންޔޫއިން މި ޕްރޮގްރާމް އިއުލާނު ކުރި ދުވަހު ބުނެފައިވަނީ ކޯހުން ޖާގަ ދޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ފޯމް ހުށަހަޅާ 50 ފަރާތަށް ކަމަށެވެ. އެކަމަކު މުއްދަތު ހަމަވަންދެން ފޯމު ބަލައިގެންނާނެ ކަމަށް އެމްއެންޔޫއިން ބުނެ އެވެ.

މި ކޯހުގެ މުއްދަތަކީ ފަސް އަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯހުގެ ފީއަކީ މަހަކު ގާތްގަނޑަކަށް 15،000 ރުފިޔާ އެވެ. މި ކޯސް އަންނަ ޖުލައި މަހު ފެށުމަށް އެމްއެންޔޫއިން ދަނީ ތައްޔާރުވަމުންނެވެ.

މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އޭލެވަލް އިމްތިހާނުގައި ބައިލޮޖީ، ކެމިސްޓްރީގެ އިތުރުން ހިސާބު ނުވަތަ ފިޒިކްސްއިން ފާސްވެފައިވުން ހިމެނެއެވެ. އަދި އެ ތިން މާއްދާގެ ތެރެއިން އެއް މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި އޯ ލެވެލް އިމްތިހާނުގައި ބައިލޮޖީ، ކެމިސްޓްރީ، ފިޒިކްސް، ހިސާބުން ފާސްވެފައިވުން ޝަތުރުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އޯ ލެވެލް އިމްތިހާނުގައި އިނގިރޭސިން އެންމެ ދަށް ވެގެން "ސީ" ފާސް ނުވަތަ އައިއެލްޓީއެސްއިން 6.5 ހާސިލްކޮށްފައިވުންވެސް ޝަތުރުތަކުގެ ތެރޭގައި ހިމެނެއެވެ.

އެމްއެންޔޫގެ މެޑިކަލް ކޮލެޖު ހުޅުވެންދެން އެންމެ ފުރަތަމަ މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ އަލަށް އިމާރާތް ކުރަމުންދާ އައިޖީއެމްޗްގެ 25 ބުރީގެ އިމާރާތް ހުޅުވުމުން އެތަނުގެ ބައެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް