ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑު އެހުމެއް މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.
ޝަރީއަތް ކެންސަލް ކުރީ އެ ތިން ބޭފުޅުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރި ފަހުންނެވެ. އަދި ޝަރީއަތް ފަސް ކުރީ ފުރަތަމަ ބާއްވަން ހަމަޖެއްސި ގަޑި ފަސް ކުރުމަށް ފަހު އެވެ.
މިއަދު ބާއްވަން ހަމަޖެހިފައިއޮތީ އެ ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅިކަމުގެ ދައުވާގެ އަޑުއެހުމެވެ. މި ދައުވާ އަކީ އެ ބޭފުޅުންގެ ފޯނުގައި ހުރި ކަމަށް ބެލެވޭ ހެކި ހޯދުމަށް ފޯނު ދިނުމަށް އެދުމުން އެކަމަށް އިންކާރު ކުރުމުން ކުރާ ދައުވާ އެކެވެ. މިއީ މި ދައުވާ އާއި ގުޅިގެން ބާއްވަން ހަމަޖެއްސި ދެވަނަ އަޑު އެހުމެވެ.
މިވަގުތު ބަންދުގައި ތިއްބެވި އެ ތިން ބޭފުޅުންގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ދައުލަތުގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ދައުވާ އުފުލާފައިވެ އެވެ. މީގެ ތެރެއިން ޓެރަރިޒަމްގެ ދައުވާގެ އަޑު އެހުންތައް އަދި ނުފަށަ އެވެ.
މި ތިން ބޭފުޅުން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަތުގެ ހާލަތު އިއުލާނުކޮށް މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ. ކްރިމިނަލް ކޯޓުން ވަނީ މި ދައުވާތަކުގެ ޝަރީއަތް ނިމެންދެން އެ ބޭފުޅުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް