މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުންނާއި ބައްދަލު ކުރެވޭ ދުވަސްތަކަށް ބަދަލު ގެނެސްފި އެވެ.
ކަރެކްޝަންސް އިން ބުނީ މިހާރު ކޮންމެ ދުވަހަކުވެސް ގައިދީންނާއި ބައްދަލު ކުރުމުގެ ފުރުސަތު ވަކީލުންނަށް އޮންނާނެ ކަމަށެވެ. އެ ފުރުސަތު ދޭނީ ބައްދަލުވުމަށް އެދޭ ތަރުތީބުން ކަމަށް ބުނެ އެވެ.
މީގެ ކުރިން ބައްދަލުވުން ބާއްވައިދެނީ އެކަމަށް އެދުމުން ހަފްތާގެ ތެރޭގައި ކަރެކްޝަންސް އިން ބޭނުން ތަރުތީބަކުންނެވެ. މި އުސޫލާއި މެދު ސިޔާސީ ހައްޔަރީންގެ ވަކީލުން އަބަދުވެސް ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަ ދައްކަވަ އެވެ.
ކަރެކްޝަންސް އިން ބުނީ ވަކީލުންގެ ބައްދަލުވުންތައް ދިނުމުގައި އަމަލު ކުރަމުން އައި އުސޫލަށް މި ބަދަލު ގެނައީ، ކުރިން އަމަލު ކުރަމުން އައި ގޮތާ މެދު ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކުރާތީ އެވެ.
އެ އިދާރާ އިން ބުނި ގޮތުގައި ކޮންމެ ގައިދީއަކަށް ލިބޭނީ ގިނަވެގެން ދެ ވަކީލުންނާއެކު، ދުވާލަކު އެއް ބައްދަލުވުމެވެ. އެއީ މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާ އެކުގައި ދެ ގަޑިއިރު، އަދި މާލޭ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާ އެކު އެއް ގަޑިއިރު ކަމަށް އެ އިދާރާ އިން ބުންޏެވެ.
ވަކީލުންނާ ބައްދަލުކުރުމަށް ބޭނުންކުރާ ތަނުގެ އިތުރުން، މާފުށީ ޖަލުގައި އާއިލާއާ ބައްދަލުކުރަން ހާއްސަކޮށްފައިވާ ތަން ވެސް ވަކީލު ބައްދަލުވުމަށް ދޫކުރަން މިހާރު ވަނީ ފަށައިފަ އެވެ.
މީގެ އިތުރުން ގައިދީ އާއި ބައްދަލު ކުރަން އެދޭ ވަކީލަކު ކަރެކްޝަންސްގައި ރަޖިސްޓްރީ ކުރާނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް