ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ސަލާހަށް

"ޕީއެފްއޭ ޕްލެޔަރ އޮފް ދި ޔަރ" ނުވަތަ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް، ލިވަޕޫލާއެކު ހުނަރުވެރި މޮޅު ކުޅުމެއް މި ސީޒަންގައި ދައްކަމުން އަންނަ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާ...

23 Apr 2018 | 03:32

"ޕީއެފްއޭ ޕްލެޔަރ އޮފް ދި ޔަރ" ނުވަތަ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް، ލިވަޕޫލާއެކު ހުނަރުވެރި މޮޅު ކުޅުމެއް މި ސީޒަންގައި ދައްކަމުން އަންނަ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހަށް ލިބިއްޖެއެވެ.

މި ސީޒަންގެ މިހާތަނަށް ސަލާހް ލިވަޕޫލަށް 41 ލަނޑު ޖަހައިދީފައިވާއިރު، ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް އޭނާ މި ހޮވުނީ، މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާ އާއި ޓޮޓެންހަމްގެ ހެރީ ކޭން އާ ވާދަކޮށެވެ. ވޯޓްގައި ބްރޭނާއަށް ދެ ވަނަ ލިބުނުއިރު ކޭން ދިޔައީ 3 ވަނަ އަށެވެ.

މި ދިޔަ އަހަރުގެ ޖޫން މަހުގައި 36.9 މިލިޔަން ޕައުންޑަށް ރޯމާ އިން ލިވަޕޫލްއަށް ބަދަލުވި މުޙައްމަދު ސަލާހް އަންނަނީ ލިވަޕޫލްއާއެކު އޭނާގެ އަލަތު ސީޒަންގައި ވެސް މޮޅު ކުޅުމެއް ދައްކާ އެތައް ބައެއްގެ ލޯބި ހޯދަމުންނެވެ. މީގެ ކުރިން ވެސް ސަލާހް ޕްރިމިއާ ލީގުގައި ކުޅުނެވެ. އޭނާއަށް ޗެލްސީގައި އެކަށީގެންވާ ފުރުސަތު ނުލިބި ނާކާމިޔާބު ވުމުން ޕްރިމިއާ ލީގު އޭރު ދޫކޮށްލި ނަމަވެސް، އޭނާގެ އެނބުރިއައުމުން ކުރީގެ ކްލަބް ޗެލްސީއަށް ވަނީ ފިލާވަޅެއް ނަގައިދީފައެވެ.

ރޭ ސެންޓްރަލް ލަންޑަންގައި އޮތް 45 ވަނަ ޕީއެފްއޭ އެވޯޑްސްގައި ސަލާހް މޮޅު ކުޅުންތެރިޔާގެ އެވޯޑް އުފުލާލިއިރު، މި ސީޒަންގައި ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކީ ވެސް މި ވަގުތު ސަލާހްއެވެ.

ގަދަ ތިނެއްގައި ހިމެނުނު ކުޅުންތެރިންގެ އިތުރުން ލޯރީ ސާނޭ، ޑޭވިޑް ސިލްވާ އަދި ޑޭވިޑް ޑެ ހެއާ ފަދަ ކުޅުންތެރިންނާ ވާދަކޮށް ސަލާހް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު، މުޅި ސީޒަންގެ ހުރިހާ ހިސާބެއްގައި، އެއް ފެންވަރެއްގައި މޮޅު ކުޅުން އެންމެ ރަނގަޅަށް ހިފަހައްޓާލެވުނު ކުޅުންތެރިޔަކީ އޭނާއެވެ.

ޕީއެފްއޭ ޕްލެޔަރ އޮފް ދި ޔަރ އެވޯޑް ސަލާހްއަށް ލިބުނުއިރު، ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން ފުޓްބޯލަރ އޮފް ދި ޔަރ އެވޯޑް ވެސް ސަލާހްއަށް ލިބުން ވަރަށް ގާތެވެ. ލުއިސް ސުއަރޭޒްގެ ފަހުން ލިވަޕޫލްގެ ކުޅުންތެރިއަކަށް މި ދެ އެވޯޑް އެއް ސީޒަނެއްގައި ހޯދިފައެއް ނުވެއެވެ.

ރޭގެ އެވޯޑް ނައިޓްގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދީ މެންޗެސްޓާ ސިޓީގެ ލޯރީ ސާނޭއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް